ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ( އިން ބުނީ މި މަސައްކަތަކީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. އެގޮތުން ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި މަސައްކަތުގެ ދަށުން އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގާ ސާފުކުރަމުން އަންނަކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަސައްކަތް ކުރަމުން އަންނަނީ ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެންކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ޤަވައިދާ ހިލާފަށް ދުވާރުމަތީގައި ހުއްދަ ނެތި ތަކެތި ބެހެއްޓުމަކީ މަނާކަމެއް ކަމަށާއި ހުއްދަ ނެތި ބަހައްޓިފައިވާ ތަކެތި 12 ޖޫން 2024ގެ ކުރިން ނެގުމަށް މީގެ ކުރިން ވަނީ އަންގާފައެވެ.
އެ މުއްދަތުގެ ފަހުން އެސަރަހައްދުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، އެ ތަކެއްޗާމެދު ފެންނަ ގޮތަކަށް އަމަލު ކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތުގައި ތަކެއްޗަށް އަދި ތަކެތީގެ ވެރިފަރާތްތަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން އާއްމުކޮށް ވަނީ އިއުލާންކޮށްފައެވެ.