މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގެ މަގުމަތީގައި ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމަށް މަސައްކަތްކޮށްފައިވަނީ ށ. މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރުއެވެ.
އެނގިފައިވާ ގޮތުގައި އަތުހަރު ރަހީނުކޮށް ކަރުގައި ވަޅި ޖައްސާ ބިރުދައްކާފައިވަނީ އޭނާގެ ލޯބިވެރިޔާއަށެވެ. އެ އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން ހިނގި އޮޕަރޭޝަންގައި އަތުހަރަށްް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން މިއަދު ވަނީ އޭނާ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.
އަންހެން ކުއްޖާ ސަލާމަތްކުރަން ފުލުހުން ކުރި މަސައްކަތުގައި އަތްހަރުގައިގައި މުގުރުން ޖެހުމުން އޭނާއަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެޑީކޭއިން ފަރުވާދިނުމަށްފަހު ދޫކޮށްލި ފަހުން އޭނާގެ ހާލު ގޯސްވުމުން ރޭ ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް އޭނާއަށް ފަރުވާދީފައެވެ.
ފުލުހުން ބުނީ އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ނެރުނީ އޭނާގެ އައިރު ހާޒިރުގައި މިއަދު ހަވީރުކަމަށެވެ.
އަތުހަރުއަށް ބޮޑަށް އަނިޔާވީ ރަހީނު ކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހުން ގޮސް އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުންނެވެ. އަތުހަރަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާގެ ބޮލުން ވަރަށް ބައިވަރު ލޭ އެ ސަރަހައްދު މަގުމައްޗަށް އޮހުރިފައި ހުއްޓެވެ.
އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު މައްސަލަ ހޫނުވީ، އެ ދެ މީހުން ދިރިއުޅޭ ގޭގެ ކުއްޔާ ގުޅޭ ގޮތުން އުފެދުނު ޒުވާބެއްގެ ތެރޭގަ އެވެ. އަތުހަރު ވަޒީފާއެއް އަދާނުކުރާތީ، އެ ތަނުގެ ކުލި ދައްކަމުން ދިޔައީ ދާދި ފަހުން ފުލުހުންގެ ހިދުމަތާ ގުޅުނު އަންހެން މީހާއަށް ލިބޭ މުސާރައިންނެވެ.
އަތުހަރު ވަނީ އަންހެން މީހާ ރަހީނުކޮށްގެން ގެއިން ނެރުމަށްފަހު ސައިކަލެއްގައި އަންހެން މީހާ ގޮވައިގެން އެހެން ތަނަކަށް ދާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އޭރުވެސް ދިޔައީ އެ ދެ މީހުންގެ ކައިރީގައި ހަރަކާތްތެރިވަމުންނެވެ.
އެ ސަރަހައްދު ދޫކޮށް ސައިކަލުގައި އަހުތާރަށް ނުދެވެނީ އެ ސަރަހައްދަށް މީހުން އެއްވެ އެ މަގު ބަންދުވެފައި އޮތުމުންނެވެ. ފުލުހުންގެ އޮފިސަރެއް ގޮސް އަހުތާރުގެ ބޮލުގައި މުގުރުން ޖެހީ އެ މީހުންގަނޑު ކުރިމައްޗަށް ސައިކަލު މަޑުކުރުމުންނެވެ.
އަތުހަރަކީ މީގެކުރިން ކުރި ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު ޝަރުތުތަކެއް ކުރުމަށްފަހު މިނިވަން ކުރި މީހެކެވެ.