ads
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތްތިލަ ދައްކާ ލަނީ
އުރުދުނުން ވެސް އެމްޕޮކްސް ޖެހިފައިވާ މީހަކު ފެނިއްޖެ
ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު އެމްޕޮކްސް ބާރަށް ފެތެރެމުން ދަނިކޮށް އުރުދުނުން ވެސް އެމްޕޮކްސް ޖެހިފައިވާ މީހަކު ފެނިއްޖެ އެވެ.
Advertisement

އުރުދުންގެ ހެލްތް މިނިސްޓްރީން ބުނީ, ބަލި ޖެހިފައި ވަނީ 33 އަހަރުގެ ފިރިހެނަކަށް ކަމުގަ އެވެ. ނަމަވެސް, އެއީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއް ކަން ހާމަ ކޮށްފައެއް ނެތެވެ. އެއީ, މި ބަލި ޖެހިފައިވާ މީހަކު އުރުދުނުން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު ވެސް, އެމްޕޮކްސް ބަލި ޖެހިފައިވާ މީހަކު އުރުދުނުން ދެނެގަނެވިފައިވާ ކަމުގައި އެ ގައުމުގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުންޏެވެ.

އެމްޕޮކްސް ފެތުރޭނީ ގައިގޯޅިވުމުގެ ތެރެއިންނެވެ. އާންމު ގޮތެއްގައި މިއީ ވަރަށް މަދު ހާލަތެއްގައި ނޫނީ ނުރައްކާތެރި ބައްޔެއް ނޫނެވެ. އޭގެ ސަބަބުން ރޯގާ ފަދަ އަލާމާތްތަކާއި ހަށިގަނޑުގައި ބޮޑެތި ބިހިތައް ނަގަ އެވެ.

ކޮންގޯގައި ބަލި ފެތުރެން ފެށީ ކްލެޑް އައިގެ ނަމުން ނަން ދީފައިވާ އެންޑެމިކް ސްޓްރެއިންއެއް ފެތުރެން ފެށުމުންނެވެ. އެކަމަކު އާ ވޭރިއަންޓެއް ކަމަށްވާ ކްލެޑް އައިބީ، ޖިންސީ ގުޅުން ފަދަ އާންމު ގައިގޯޅިވުމުގެ ތެރެއިން ފަސޭހައިން ފެތުރޭ ތަން ފެނެ އެވެ.

ކޮންގޯގެ އަވަށްޓެރި ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔުގެންޑާއަށް މި ބަލި ފެތުރޭ މިންވަރު އަވަސްވެ، އެ ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް އޮތް ކަމަށް ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހާރު ވަނީ އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

މަކުނު ވިދުރި އެންމެ ފުރަތަމަ ފެނުނީ 1958 ގައި ރާމާމަކުނުގެ ގައިންނެވެ. މަކުނުގެ ނަމުން އެ ބައްޔަށް ނަން ދީފައިވި ނަމަވެސް އެ ބަލި ޖައްސާ ވައިރަސް އާންމު ގޮތެއްގައި ފެންނަނީ މީދާ އާއިލާގެ ޖަނަވާރުންނެވެ.

އެ ބަލި އިންސާނެއްގެ ގައިން އެންމެ ފުރަތަމަ ފެނުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މީގެ ކުރިން 2022 ގައި ވެސް މަކުނުވިދުރި އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް