އެންވާރަމަންޓް މިނިސްޓްރީން ބުނީ އެއީ "ސެލެބްރޭޓިން ދަ ޑެކޭޑް އޮފް އެޑްވާންސިން ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ" ގެ ނަމުގައި ބޭއްވުނު ސައިޑް އިވެންޓެއްކަމަށެވެ.
މި އިވެންޓަކީ އޭޝިއާގެ ސަރަޙައްދުގައި ރައްކާތެރިކުރެވިފައިވާ ސަރަހައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވުނު ހާއްސަ އިވެންޓެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.
ރާއްޖެއިން މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓުމުން، ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގްވާމީ ސަމާލުކަން ލިބި، އަދި އޭޝިއާ ސަރަޙައްދުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.
އާރުއެފްސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު މި އިވެންޓުގައި، އޭޝިއާގެ އެކި ގައުމުތަކުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ސަރުކާރުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި އިވެންޓުން ލިބުނު މައުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ކުރިއަށް އޮތް ތަނުގައި އޭޝިއާގެ ސަރަހައްދުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް އުއްމީދު ކުރެވޭކަމަށް މިނިސްޓްރީން ބުނެ އެވެ.