ކަޅުބިލަމަސް، ރީނދޫއުރަހަ ކަންނެލި އަދި ލޯބޮޑުކަންނެލީގެ އާބާދީ އަންދާޒާ ކުރާނީ އައިއޯޓީސީގެ ވާކިން ޕާޓީ އޮން ޓްރޮޕިކަލް ޓޫނާސްއިން ކަމަށްވާއިރު ލައްޓި އާއި ރާގޮނޑީގެ އާބާދީ އަންދާޒާ ކުރަނީ ވާކިން ޕާޓީ އޮން ނެރިޓިކް ޓޫނާސް އިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީ، އެންމެ ފުރަތަމަ އަންދާޒާ ކުރެވިފައިވަނީ 2011 ވަނަ އަހަރު އެވެ. މި އަންދާޒާކުރުމުގައި 1950 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީއަށް އައިސްފައިވާ ބަދަލުތަކާއި، 2009 އަހަރުގެ އާބާދީގެ މިންވަރު އަންދާޒާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެގޮތުން މި ނަތީޖާއަށް ރިއާޔަތްކޮށް، މުސްތަގުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އަބާދީ މަދު ނުވާ ކަމަށާއި، ކަޅުބިލަމަހުގެ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާނޭ މިންވަރެއްގައި ކަމަށް، ވާކިން ޕާޓީ އޮން ޓްރޮޕިކަލް ޓޫނާސް އިން ކަނޑައަޅައިފައިވެ އެވެ.
މި އަންދާޒާކުރުމަށް ބޭނުންވާ، މަސްވެރިކަމަށް ކުރާ ހޭދައިން މަސް ބޭނޭ މިންވަރުގެ (ކެޗް އެންޑް އެފޯޓް) މަޢއުލޫމާތު ފޯރުކޮށްދީފައިވަނީ 2004 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ނަގައިފައިވާ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ ތަފާސްހިސާބުތަކުން ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެ އެވެ.
އެންމެ ފަހުން އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީގެ ހާލަތުގެ އެސެސްމަންޓެއް ހަދާފައިވަނީ، 2020 ވަނަ އަހަރު އެވެ. މި އެސެސްމަންޓަށް ފަހުގައި ވެސް ވާކިން ޕާޓީ އޮން ޓްރޮޕިކަލް ޓޫނާސް އިން ކަނޑައަޅައިފައިވަނީ މުސްތަގުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީ މަދު ނުވާ ކަމަށާއި، ކަޅުބިލަމަހަށް ކުރެވޭ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީގެ ދެމެހެއްޓުމަށް ގެއްލުން ނުވާނޭ މިންވަރެއްގައި ކަމަށެވެ.
އޭގެއިތުރުން އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ އެންމެ ފަހުން އަންދާޒާ ކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. އަދި މި އަންދާޒާ ކުރުމުގެ ނަތީޖާއަށް ރިއާޔަތްކޮށް، އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ ވަނީ މުސްތަގުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ ދަށްވެފައި ކަމަށާއި، ރީނދޫއުރަހަ ކަންނެއްޔަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީގެ ދެމެހެއްޓުމަށް ގެއްލުން ވާނޭ މިންވަރެއްގައި ކަމަށް ކަނޑައަޅައިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.