މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގް އިބްރާހިމެވެ. ފައިސާގެ މި އެހީ ދީފައިވަނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް މެދުވެރިކޮށް ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސް ފެސިލިޓީންނެވެ.
މި އެއްބަސްވުމުގެ ދަށުން 1.5 މިލިއަން ޑޮލަރު ވަނީ ހަމަޖެހިފަ އެވެ.
މި ފައިސާއިން ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހަނިމާދޫ، ހުޅުލެ، ކައްދޫ އަދި އައްޑޫ ސިޓީގައި ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއުގެ ދަށުން ނ. މާފަރު އެއަޕޯޓުގައި އިތުރު އޮފީހެއް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށާއި އައްޑޫ ސިޓީ ގަމުގައި ގާއިމްކޮށްފައިވާ އަޕާ އެއަރ (ރޭޑިއޯ ސޮންޑޭ) ސިސްޓަމް މަރާމާތު ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެ އެވެ.
މީގެ އިތުރުން މޫސުމާއި ބެހޭ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ބައެއް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހިންމާފައިވާކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ ހިންގަމުން އަންނަތާ މިއަހަރަށް މި ވަނީ ބައިގަރުނު ވެފަ އެވެ. މެޓް އޮފީސް ހުޅުވާ ހިދުމަތް ދޭން ފަށާފައިވަނީ 1974 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު އެވެ.