ads
އެފްޑީސީން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއް: 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ ނިމިފައި.
އެފްޑީސީން ހުޅުމާލޭގައި ތަރައްގީ ކުރާ 16 ޓަވަރުގެ ސްޓްރަކްޗާ ނިމިއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި ހަދަމުން އަންނަ 32 ޓަވަރުގެ ތެރެއިން 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމިއްޖެ އެވެ.
Advertisement

ހުޅުމާލޭގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑު ދެ މަޝްރޫއު ހިންގަމުން ދަނީ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަންލް ލިމިޓެޑް (ކޭޕީއައިއެލް) ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. ކޮންމެ ކުންފުންޏަކުން 2،000 ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ކޭޕީއައިއެލްއިންނެވެ. ކޭޕީއައިއެލްއިން ތަރައްގީ ކުރަމުންދާ 16 ޓަވަރަށް "އަމާން އުދަރެސް" ގެ ނަމުން ނަން ދީފައިވާއިރު، އެންބީސީސީން ތަރައްގީ ކުރަމުންދާ 16 ޓަވަރަށް އަމާން ދޯދީގެ ނަމުން ނަން ދީފައި ވެއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެންނެވެ.

އެފްޑީސީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހުޅުމާލޭގައި ކޭޕީއައިއެލް (ކުރީގެ ޖޭއެމްސީ ކުންފުނިން) ހަދަމުން އަންނަ "އަމާން އުދަރެސް" ގެ 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަން އިއުލާންކޮށްފަ އެވެ.

"އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ. އެ ޓަވަރުތަކުގެ ސްޓްރަކްޗާގެ މަސައްކަތް އަދި އެއްކޮށް ނުނިމެ އެވެ.

އެފްޑީސީން ބުނީ އާންމުންނަށް ފެލްޓްތައް ހަވާލުކޮށް، މީހުން ދިރިއުޅެން ފެށުމުގެ ކުރިއަށް ކޮންމެ އިމާރާތެއްގަައިވެސް އަސާސީ ހިދުމަތްތަައް ލިބޭނެ ކަމަށެވެ.

އެ 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާލެވެނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ މިދިޔަ ޖޫން މަހު ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި، އެ ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ވާނީ އަންނަ އަހަރު ޖުލައި ނުވަތަ އޮގަސްޓް މަހު އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ވަނީ އެ ވެރިކަން ނިމެން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ ފްލެޓް ލިސްޓު އެކުލަވާލުމުގައި ނާއިންސާފުން ކަންކަން ކޮށްފައި ހުރި ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓު ދިނުން ހުއްޓުވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް