ހެލްތް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑަބްލިއުއެޗްއޯއިން އެމްޕޮކްސް ކިޓުތަކެއް ހަދިޔާކުރީ، އެ ބައްޔަށް ތައްޔާރުވުމަށް ކުރާ މަސައްކަތާއި އެ ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ކަމަށާއި އެހެން ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެ ކަމަށެވެ.
އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގަ އެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ.
އޭޝިޔާ ސަރަހައްދުގެ ބައެއް ގައުމުތައް ހިމެނޭހެން ޖުމްލަ 13 ގައުމަކުން އެމްޕޮކްސްގެ ކޭސްތައް ރިޕޯޓުކޮށްފައިވެއެވެ. މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ބަލީގެ ނުރައްކާއޮތް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅި ދެވަނަ ފަހަރެވެ.
މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފަ އެވެ.
މި އަހަރު މިހާތަނަށް އެމްޕޮކްސްގެ ކޭސްތައް ރިޕޯޓު ކޮށްފައިވާ އަދަދު މިދިޔަ އަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ މިދިޔަ މަހު ސިއްހީނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.