ޔޫކްރޭނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސިއާއިން ޔޫކްރޭނާއި ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި އިރާނުން، ރަސިއާއަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދޭކަމަށެވެ. އަަދި އެއީ ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވުންކަމަށް ވެސް އެގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޔޫކްރޭނުން ކުރި މި ތުހުމަތުތަކަށް ރައްދުދީ އިރާނުން ބުނީ ޔޫކްރޭން އަދި ރަސިއާ ހަނގުރާމައިގެ ތެރެއަށް އިރާނުން ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، އެކަން ކޮށްފައިވެސް ނުވާނޭކަމަށެވެ. އަދި ޔޫކްރޭނުން ކޮށްފައިވާ ތުހުމަތުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ.
ޔޫކްރޭނުގެ ތުހުމަތުތައް ދޮގުކުރަމުން އީރާނުގެ އިސް އޮފިޝަލަކު ބުނީ އިރާނުންް ރަޝިއާއަށް ހަނގުރާމައިގެ އެއްވެސް ކަމެއްގައި އެހީތެރިވެދީފައި ނުވާނެ ކަމަށާއި، ނަމަވެސް ދެ ގަައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން ދެމި އޮންނާނޭކަމަށެވެ.
ސީއެންއެން އާއި ވޯލް ސްޓްރީޓް ޖާނަލް އިން މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫކްރޭން އާއި ރަސިއާގެ ހަނގުރާމައަށް ދެ އަހަރު ވާން ދާއިރު، އީރާނުން ވަނީ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ގިނަ އަދަދަކަށް ރަޝިޔާއަށް ފޯރުކޮށްދީފައިވެ އެވެ.
މި މައްސަލައާއި ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސް ކޮމާންޑަރެއް ކަމަށްވާ ބްރިގޭޑިއާ ފަޒްالله ނޮޒާރީއާ ހަވާލާދީ އީރާނުގެ ލޭބަރ ނިއުސް އެޖެންސީން ބުނެފައިވަނީ އީރާނުން ރަޝިޔާއަށް އެއްވެސް ބާވަތެއްގެ މިސައިލެއް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
އަދި ޔޫކްރޭނާއި ރަސިއާއާއި ދެމެދު ހިނގާ މި ހަނގުރާމައިގައި އިރާނުން ވަކިކޮޅަކަށް ޖެހި، ވަކިކޮޅަކަށް ތާއީދުނުކުރާކަމަށް ވެސް ނޮޒާރީ ވަނީ ބުނެފަ އެވެ.
ޔޫކްރޭނުގެ މި ތުހުމަތުތައް އިރާނުން ދޮގުކުރި ނަމަވެސް، ޔޫކްރޭނުން ބުނެފައިވަނީ އީރާނުން ރަޝިއާއަށް މިސައިލް ފޯރުކޮށްދެމުން ދާކަން އެނގޭކަމަށާއި އަދި މިކަން ކުރާކަމުގެ ސާފު ހެކި ފެންނަން އެބަހުރިކަމަށެވެ.