މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރިއެވެ.
މި މަޝްރޫޢަށް ޖަޕާން ސަރުކާރުން 20 މިލިއަން ޖަޕާނީސް ޔެން (ގާތްގަނޑަކަށް 140,000 އެމެރިކާ ޑޮލަރު) ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައެވެ. މި މަޝްރޫއުގެ މަގްސަދަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން މާލެ ރައްކާތެރިކުރުމެވެ.
މިނިސްޓާ ޒަމީރު ވިދާޅުވި ގޮތުގައި މިއީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫޢެކެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި 1990 ގައި ޖަޕާނުގެ އެހީގައި ބިނާކުރި މާލޭގެ ވަށާތޮށި އަދާކުރި މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަބްދުﷲ މުއްތަލިބާއި އެހެނިހެން ސަރުކާރުގެ އިސް ވެރިންނާއި، ޖަޕާނުގެ އެމްބަސީ އަދި ޖައިކާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.