މަސްވެރިންގެ ބޮޑު އާބާދީއެއް އޮންނަ ދުވާފަރަށް ވަރަށް އޮންނަ ނެރު ތިލަވުމުގެ ސަބަބުން އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެ ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.
މި މަސައްކަތައް ބޭނުންވާ ސާމާނު އެރަށް ގެންގޮސްފައިވާކަމަށް ވަޒީރު ވަނީ މިއަދު ވިދާޅުވެފައެވެ. އެހެންނަމަވެސް މި މަސައްކަތް ފަށާނެ ތާރީހެއް ވަޒީރު ވިދާޅެއް ނުވެއެވެ.
ދުވާފަރުގެ ނެރު ތިލަވުމުގެ ސަބަބުން ރަށަށް ވަދެ ނިކުމެ އުޅުމަށް ވަނީ ދަތިވެފައެވެ. ހާއްސަކޮށް ދިޔަވަރު ހިކި ވަގުތަކުގައި ބައެއް ދޯނިތައް ބީހޭކަމަށް އެރަށު ރައްޔިތުން ވަނީ ބުނެފައެވެ.
ރ. ދުވާފަރަކީ ސުނާމީއަށްފަހު ކަނދޮޅުދޫގައި އުޅުނު ރައްޔިތުން ބަދަލުކުރި ރަށެވެ. ކަނދޮޅުދޫއަކީ ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު އުޅޭ އެއް ރަށެވެ.