އެ މަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ސާލިހް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއްކަމަށެވެ. އަދި ބޭންކަކީ އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއްކަމަށްވެސް ސާލިހް ވިދާޅުވިއެވެ.
ރައީސް ސާލިހް މިހެން ވިދާޅުވެފައި މިވަނީ ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓް ކުޑަކުރަން ނިންމުމުން އެއީ އެއީ ސަރުކާރު ވައްޓާލަން އެ ބޭންކުގެ ތެރެއިން ހިންގަން އުޅުނު މާލީ ބަޣާވާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވަނިކޮށެވެ.
ބީއެމްއެލްގެ މައްސަލަ ބަލާކަން ހާމަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބޭންކުން ނިންމުމަކީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ބަޔާނުގައި ބުނީ ބޭންކުން އެ ނިންމުން ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ހަމަ އެވަގުތު ސޯޝަލްމީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި ހަމަޖެހުން ނަގާލުމަށް ގޮވާލާފައިވާ ކަމަށެވެ.