ads
ޝަކުވާ
ޝަކުވާ
ނަވްޔާ ބޯ ޖަހައިލިއެވެ. އިތުރަށް ވާހަކަދެއްކުމުގެ ގަސްދެއް ނަވްޔާގެ ނެތެވެ. ނަސީބަކުން އެހެން މީހަކު ފިހާރައަށް ވަނުމުން ސޭޓު ވެސް އިތުރަށް ނަވްޔާއާ ވާހަކަ ދައްކާކަށް ނޫޅުނެވެ. ބޮޑު ދެ ކޮތަޅު ފުރާ އެއްޗެހި ގަނެގެން ގޭތެރެއަށް ވަން ވަގުތު ކޮޓަރި ދޮރުމަތީގައި ހުރި ހަކީމު ފެނިފައި ނަވްޔާ ހުއްޓުން އެރިއެވެ. "ކޮންތާކު އުޅެއުޅެފަ ތިޔައީ؟" ހަކީމު ހަޅޭއްލަވައިގަތެވެ.
Advertisement

33 ވަނަ ބައި  (ޝަކުވާ)

"ފިހާރައަށް..އެއްޗެއް ގަންނަން ވެގެން.... ބަނޑުހައިވެގެން." އަޅައަޅައި ގަނެފައި ނަވްޔާ ބުންޏެވެ.

"ގޭގައި އެއްޗެއް ނެތް ދޯ." ކުއްލިއަކަށް ހަކީމުގެ ރުޅި މަޑުވިއެވެ.

"ސޮރީ ރޭގައި ބޭރަށް ގޮސްފައި ރައްޓެއްސަކާ ޖެހިގެން ހަނދާން ނެތުނީ. ދޭ ބަލަ މަށަށް ވެސް ސައިތައްޓެއް ގެނެސްދެން."

ހުރެވުނީ ނޭވާ ހިފަހައްޓާލައިގެން ކަން ނަވްޔާއަށް ރޭކާލީ ހަކީމު ކޮޓަރިއަށް ވަނުމުންނެވެ. މޫނަށް އަނދިރިވާހެން ހީވެގެން ނަވްޔާ ބިންމަތީގައި އިށީނެވެ. ގެނައި ކޮތަޅުތަކުން ޖޫސްޕެކެޓެއް ނަގާ އެއް ނޭވާއިން ބޮއިލިއެވެ. ދޮންކޭލާއި ބިސްކޯދު ވެސް ކެއެވެ. އިރުކޮޅަކުން ހަމައަކަށް އެޅުމުން ކޮޓަރިއަށް ވަން އިރު ހަކީމު އޮތީ އަނެއްކާ ވެސް ގަދަ ނިދީގައެވެ.

އެއްޗެހި ބަދަލުކޮށްލާ ހަދައިގެން ނަވްޔާ ބަދިގެއަށް ދިޔައެވެ. ކައްކަން ފެށުމުގެ ކުރިން އިހަށް ޖެހޭނީ ތަން ސާފުކުރަން ކަން އެނގޭތީ ނަވްޔާ އައީ ތަން ސާފުކުރަން ބޭނުންވާނެ ސާމާނު ވެސް ގަނެގެންނެވެ. ދޭތެރެދޭތެރެއިން އޯކަށް ދެމި ހޮޑުލެވުނު ނަމަވެސް ނަވްޔާ ހިތްހަމަޖެހޭ ވަރު ވަންދެން ބަދިގެއާއި ކާގެ އަދި ހިފާ ގެންގުޅޭ ތަކެތި ސާފުކުރިއެވެ. މެންދުރަށް ބަތްކޮޅެއް ކައްކާލައިފައި ތަރުކާރީ ކޮޅެއް ހެދިއެވެ. މާކިންމެން ގެއަށް އައި އަޑު އިވުނީ ކާން ހަދާ ނިމުނުތަނާއެވެ. އެ ކުދިންނަށް ކާން ގޮވަން ދާން އުޅެނިކޮށް މާކިން އައެވެ. މާކިން ހުރީ ޔުނިފޯމް ވެސް ބަދަލު ނުކޮށް ދާހިއްލާ ފޯވެފައެވެ. މާކިންއަށް ޖޫސްތައްޓެއް ދީފައި ޔުނިފޯމު ބަދަލުކޮށް ހަދައިގެން ކާން އައުމަށް ނަވްޔާ ބުންޏެވެ. އެއް ނޭވާއިން މާކިން ޖޫސްތަށި ހުސްކޮށްލިއެވެ. ކާ އެއްޗެއްސަށް ބަލައިލި ގޮތުން މާކިން ދާން ބޭނުން ނުވާކަށް ނަވްޔާއަށް އެނގުނެވެ.

"އެއްޗެހި ބަދަލުކޮށްލައިގެން ދޮންތަ ވެސް ގޮވައިގެން ކާން އާދޭ. ނަވްޔާ ބުންޏެވެ.

މި ފަހަރު މާކިން ދިޔައެވެ. ދެން އައި އިރު ފަހަތުގައި މިޝާ ވެސް ހުއްޓެވެ. ކާގެއާއި ސުފުރާމަތި ފެނުމުން މިޝާގެ މޫނަށް ހައިރާންކަން ފާޅުވިތަން ނަވްޔާ ދުއްޓެވެ. މާކިން ބަލާކަށް ނުހުރެ ކާންފެށިއެވެ. ހީވަނީ މިއިން ދުވަހަކު ކާން ނުލިބޭ ކުއްޖެއްހެންނެވެ. ފެންކަޅިވެފައި މާކިންއާ ދިމާއަށް ބަލަން މިޝާ އިރުކޮޅަކު ހުއްޓެވެ. ދެން މަޑުމަޑުން އިށީނދެ ކާން ފެށިއެވެ. އިރުއިރުކޮޅާ ލޮލުން ކަރުނަ ފޮހެލާ ތަން ފެނުމުން ނަވްޔާގެ ހިތަށް އަސަރުކުރިއެވެ. ހަކީމަކީ ކޮންކަހަލަ މީހެއް ބާވައޭ ހިތަށްއެރިއެވެ. ކުޑަ ދެ ކުދިން އެކަނި ހާލަށް އުޅެން ދޫކޮށްލާފައިވާ އިރު އެ ކުދިންނަށް ކާނެ އެއްޗެއް ހޯދައިދޭން ވެސް ހަކީމު ހިތަށް ނާރައެވެ. ހަކީމުގެ ތިމާގެ މީހަކު ވެސް ރަށުގައި ނޫޅެނީ ބާވައެވެ.

"މާކިންއަށް ކިތައް އަހަރު؟" ނަވްޔާ އަހައިލިއެވެ.

 އަތުގެ ފަސް އިނގިލި މާކިން ދައްކައިލިއެވެ.

"ދޮންތައަށޯ."

މިޝާއާ ދިމާއަށް ބަލާލައިފައި މާކިން ކޮނޑު އަރުވައިލިއެވެ. ނަވްޔާ ކުރި ސުވާލު މިޝާއަށް ނީވޭ ކަހަލައެވެ. ކުދިން ކައިގެން ދިޔުމުން ނަވްޔާ ވެސް ކާން އިށީނެވެ.

ހަކީމު ހޭލީ ނަވްޔާ އިޝާ ނަމާދުކުރަން ހުއްޓައެވެ. އިރުކޮޅަކު ބަލަން ހުރެފައި ނުކުމުގެން ދިޔަ ގޮތަށް ޚަބަރެއް ނުވެއެވެ. މިޝާއާއި މާކިން ކައިގެން ނިދަން އޮށޯތުމުން ނަވްޔާ ވެސް އޮށޯވެ ނިދީއެވެ. ފަތިސްވުމުން ތެދުވެ ނަމާދުކޮށް ނިމުނުތަނާ ހަކީމު އައިސް ވަނެވެ. ހިނގައިފައި އައި ގޮތުން ހަކީމު ހުރީ މަސްތުގެ ހާލުގައި ކަން ނަވްޔާ ދެނެގަތެވެ. ނަވްޔާގެ ހިތް ބިރުން ރޫރޫ އަޅައިގަތެވެ.

"އަބަދު ކޮށް ނަމާދެއްތަ ތި ކުރަނީ؟" ވަރު ދޫވެފައިވާ ދުލަކުން ހަކީމު އެހިއެވެ.

"މާ މާތް މީހަކަށް ވެގެން އަދި އެބައުޅެއެއްނު."

ނަވްޔާއާ ދިމާއަށް ހަކީމު އަންނަން ފެށުމުން ބިރުން ނަވްޔާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ.

"ކީއްވެ ފަހަތަށް ތި ޖެހެނީ؟ ކަލޭ ތިއީ ނުލާހިކު ކުރީގައި އުޅޭ މީހެއްނު؟ ހައިރާން ވާނެ ކަމެއް ނެތް! ކަލޭގެ ބޮޑުދައތަ މަށަށް ހުރިހާ ވާހަކައެއް ކިޔައިދިނޭ."

ހަކީމު އައިސް ނަވްޔާގެ އިސްތަށިގަނޑުގައި ހިފިއެވެ. ނަވްޔާއަށް ރޮވެން ފެށުނީ ބިރުގަންފައި ހުރި ވަރުންނެވެ.

"ރޮނީތަ؟ އެއީ އެހެން ބުނި އެއްޗެއް ނޫނޭ. އަންހެނަކު ނުލިބިގެން އަހަރެންނެއް ނޫޅެން. ބޮޑުދައިތަ އަހަރެން ބޭނުންވާ ކަންތައް ކުރަން ފައިސާ ދިން." ހަކީމު ހޭންފެށިއެވެ.

ނަވްޔާގެ އިސްތަށިގަނޑުން ދޫކޮށްލާފައި ހަކީމު އެނދަށް ވެއްޓިގަތެވެ. ހަކީމު ނިދައިފިކަން އެނގުމުން ވެސް ނަވްޔާއަށް ރުއިން ހުއްޓައިލެވުނީ އެތައް އިރެއްގެ ފަހުންނެވެ. ނަވްޔާގެ ކައިވެނި ހަމަޖެއްސީ، ހަކީމަކީ ކޮންކަހަލަ މީހެއް ކަން ނަސީމާއްތައަށް އެނގިހުރެތާއެވެ. ނަސީމާއްތަގެ ފުށުން އެ ނޫން ގޮތަކަށް އުންމީދު ކުރުމަކީ ވެސް ބޭކާރު ކަމެކެވެ. ނަމަވެސް އެ ކަހަލަ މީހަކާ ނަވްޔާގެ ކައިވެނި ކުރުވަން ބޮޑުބެ ރުހުން ދިނީ ކީއްވެގެން ކަމެއް ނަވްޔާއަކަށް ނުވިސްނުނެވެ. ނަވްޔާއަށް ދެރަވާނެ ގޮތެއް ބޮޑުބެ ނުހަދާނެ ކަމުގެ ޔަގީންކަން ނަވްޔާއަށް އޮތެވެ. ނަމަވެސް އެ އިތުބާރު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނެތި ހިނގައްޖެއެވެ.

3 މަސް ދުވަސް ފާއިތުވެގެން ދިޔައިރު މާކިންއާއި ނަވްޔާގެ ގުޅުން ބަދަހިވެފައިވިއެވެ. މިޝާ އުޅެނީ ދުރުދުރުން ނަމަވެސް ކުރިން ނަވްޔާ ފެނުމުން މޫނުމައްޗަށް އަރާ ނުރުހުމުގެ ކުލަވަރެއް ނުފެނެއެވެ. ނަވްޔާ މަސައްކަތް ކުރަން ހުންނަ އިރު ބައެއް ފަހަރު އައިސް ކުދިކުދި ކަންތައް ކޮށްލަދީ ހަދައެވެ. ބަދިގެ ފަރާތުގައި ނަވްޔާ އިންދާފައި ހުންނަ ގަސްތަކަށް ފެންދީ ހަދައެވެ. ނަވްޔާ ވާހަކަދެއްކުމުން ކުރު ޖަވާބަކުން ފުއްދައިލައެވެ. އުމުރުން ވީ އެންމެ ބާރަ އަހަރު ނަމަވެސް އެ އުމުރުގެ ކުދިން އުޅޭ ގޮތަށް ކުޅިވަރުކުޅެ ސަކަރާތް ޖަހާކަށް މިޝާގެ ޝައުގެއް ނުހުރެއެވެ. ބައެއް ފަހަރު ރައްޓެހި ކުދިންނާ އެކު ބޭރަށް ދިޔަޔަސް ލަސް ނުކޮށް އާދެއެވެ. ފުރަތަމަ ކޮޅު ދާ ހާ ތާކަށް ދަނީ މާކިން ވެސް ގޮވައިގެންނެވެ.

މަޑުމަޑުން ގޮސް ކުދިންގެ ހުރިހާ ކަމެއްގެ ޒިންމާ ނަވްޔާ ނެގިއެވެ. ސްކޫލް ދޮށަށް ނުދިޔަ ނަމަވެސް ޔުނިފޯމު ދޮވެދީ އިސްތިރިކޮށްދެނީ ނަވްޔާއެވެ. ސްކޫލަށް ބޭނުންވާ ތަކެތި ވެސް ނަވްޔާ ހޯދައިދެއެވެ. މިޝާއަށް ސްކޫލްގެ ފިލާވަޅުތައް ބުނެދީ މާކިންއަށް ލިޔަން ކިޔަން ދަސްކޮށްދިނެވެ. ރަނގަޅު އާދަތައް ހަރުލައްވަން ނަވްޔާ މަސައްކަތް ކުރިއެވެ. ނަމާދުކުރާނެ ގޮތް ދަސްކޮށްދީ ނަމާދުކުރަން ބާރު އެޅިއެވެ. އެ ކުދިންނަކީ ނަވްޔާއަށް ލެއްވި ރަހްމަތެކޭ ނަވްޔާއަށް ހީވެއެވެ. އެ ކުދިންގެ ސަބަބުން ނަވްޔާގެ އެކަނިވެރިކަން ފިލައެވެ.

ފުރަތަމަކޮޅު ހޮޑުލެވި ބޯ އަނބުރާ ގޮތްގޮތްވި ނަމަވެސް ނަވްޔާގެ ބަނޑަށް 4 މަހަށް އަޅަންވާ އިރަށް އެ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ނަވްޔާ ލައިފައި ހުންނަނީ ދޫ އެއްޗެހި ކަމުން ހަށިގަނޑަށް އަންނަ ބަދަލު ރަށު މީހުންނަށް ފާހަގަ ނުކުރެވުނަސް ނަވްޔާއަށް ކުރެވެއެވެ. ނަވްޔާ ފެނުމުން ހީނލައި ވާހަކަދައްކާ ހެދި ނަމަވެސް ގޭދޮށު މީހުން ވެސް މާ ވަރުން ނޫޅެނީ އެ ފުރުޞަތު ނަވްޔާ ނުދޭތީއެވެ. ބައެއް ފަހަރު ނަވްޔާ ފަސްދިނުމުން އެކަކު އަނެކަކަށް ނަވްޔާގެ ވާހަކަދައްކާހެން ހީވިޔަސް ނަވްޔާ އެކަމަކާ އަޅައެއް ނުލައެވެ. ފިހާރައިގައި ސޭޓަކަށް އިންނަ ވަހިދާއާ ފިޔަވައި އެހެންމީހުންނަކާ އާންމުކޮށް ނަވްޔާ ވާހަކަދައްކައެއް ނޫޅެއެވެ.  

އިރު އޮއްސި އަނދިރި ވުމުން ބޭރަށް ދާ ގޮތަށް ހަކީމު އަންނަނީ ހެނދުނެވެ. ދުވާލު ހަތަރުދަމު އޮންނަނީ މަސްތުގެ ހާލުގައި ނިދައިފައެވެ. އެއް ގޮތަކަށް ނާންނަ ދުވަސްތައް ވެސް ދެއެވެ. ނަވްޔާއަށް ރަނގަޅީ ވެސް އެ ގޮތެވެ. މާކިންއާއި މިޝާ ވެސް ހަކީމު ހޯދާކަށް ނޫޅެއެވެ. އެ ކުދިންނަށް ވެސް ރަނގަޅީ އެ ގޮތޭ ހީވާ ކަހަލައެވެ. ނަމަވެސް ނަވްޔާގެ އަތުގައި ހުރި ފައިސާކޮޅު ހުސްވާން ފެށުމުން ދެން ހަދާނެ ގޮތަކާއި ދޭތެރޭގައި ވިސްނެން ފެށިއެވެ. މިވީހާ ތަނަށް ވެސް ނަވްޔާ ހަރަދު ކުރަމުން އައީ ބަލައިގެންނެވެ.

އެއްރެއެކެވެ. ނަވްޔާއާއި ކުދިވެރިން ތިބީ ކާށެވެ. އާދައިގެ މަތިން މާކިން ވާހަކަދައްކަމުން ދިޔައެވެ.

"އައްދެ، ބައްޕައަށް ވެސް  ނުދީތަ ތި ކަނީ؟" ކާގޭގެ ދޮރުމައްޗަށް އަރާފައި ހަކީމު އެހިއެވެ.

ހަކީމުގެ އަޑު އިވުމާ އެކު ދެ ކުދިންގެ މޫނުމަތިން ވެސް ބިރުވެރިކަން ފާޅުވިއެވެ. އެއީ ރޭގަނޑު ހޭލައިގެން ބޭރަށް ނުގޮސް ބަދިގެ ފަރާތަށް ހަކީމު އައި ފުރަތަމަ ރެއެވެ.

"ބައްޕަ ވެސް ކާންވީ ދޯ. ގެނެސްބަލަ ތައްޓެއް." ހަކީމު ބުންޏެވެ.

ހުސްކޮށް ހުރި ގޮނޑީގައި ހަކީމު އިށީނެވެ. ނަވްޔާ ތެދުވެ ތައްޓެއް ގެނެސްދިނުމުން ހަކީމު ކާން ފެށިއެވެ. ތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ.  

"ކަލޭ ލާރި ހޯދަނީ ކިހިނެއް؟" ކައިކައި އިނދެފައި ކުއްލިއަކަށް ހަކީމު އެހިއެވެ.

ނަވްޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއްޗެހި ގަނެގެން އައި ފުރަތަމަ ދުވަހު ހަކީމު އެ ސުވާލުނުކޮށްފައި މިހާރު އެހީ ކީއްވެހެއްޔެވެ؟ އެ ދުވަހު އެ ވަރުގެ ހޭވެރިކަމެއް ނެތީ ހެއްޔެވެ؟ މި ހުރިހާ ދުވަހު ނަވްޔާމެން ކައިގެން ތިބީ ކިހިނެއްތޯ ވެސް ވިސްނާލައިފައި ހަކީމު ނެތީ ހެއްޔެވެ؟ ހަކީމު ބަތްތަށި ދުރަށް ޖައްސާލައިފައި ލޯ ހަނިކޮށްލިއެވެ.

"މި އަހަނީ ކޮންތާކުން ހޯދާ ލާރިއެއްހޭ. ގައިމު މަށެއް ލާރިއެއް ނުދެން. ދެން މިއީ ކޮންހާ ސާމާނެއް." ހަކީމު ގުގުރައިގަތެވެ.

ހަކީމު ތެދުވެފައި މޭޒުމަތީގައި ހުރި ތަކެތި އަތުން ޖަހާ ވިއްސައިލިއެވެ. ބިންމަތީގައި ޖެހިފައި ތަށިތަކުގައި ހުރި ކާއެއްޗެހި ބުރައިގެން ދިޔައެވެ. މާކިން ބިރުން ރޯން ފެށުމުން އަދި އިތުރަށް ހަކީމުގެ ކައިރިއަށް ރުޅިއައެވެ.

"ކަލޭ ތި ރޮނީ ކީއްވެ؟" މާކިންގެ ކޮލުގައި ހިފާފައި ހަކީމު އެހިއެވެ.

މާކިން ވަގުތުން ރުއިން ހުއްޓައިލިއެވެ. ނަމަވެސް އެ ބޮޑު ދެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

"ހަކީމު!"

ބިރު ގަނެފައި ހުރި ނަމަވެސް ނަވްޔާ ގޮސް ހަކީމު ދުރަށްލާން އުޅުނެވެ. މާކިންގެ ކޮލުން އަތްދޫކޮށްލާފައި ހަކީމު ދެން ހިފީ ނަވްޔާގެ އިސްތަށިގަނޑުގައެވެ.  

"މަ މިއަހަނީ ކާކުހޭ ލާރި ދެނީ؟ މަ ނޫޅޭ އިރު ބަލާފައި ކާކުހޭ ގެއަށް ވައްދަނީ؟"

ހަކީމުގެ ރުޅިވެރި މޫނަށް ބަލއިލަން ވެސް ނަވްޔާއަކަށް ނުކުރުނެވެ. ލިބެމުންދިޔަ ވޭނުން ލޮލުން ކަރުނަ އައެވެ.

"އެއީ ބޮޑުބެ ދިން ލާރި." އުނދަގުލުން ނަވްޔާ ބުންޏެވެ.

"ކީއްވެ ބޮޑުބެ ލާރި ދިން ވާހަކަ ނުބުނީ؟" ހަކީމުގެ ރުޅިމަޑެއް ނުވެއެވެ.

އަތުގެ ހުރި ބާރެއް ލާފައި ހަކީމު ކޮއްޕައިލުމުން ބިންމައްޗަށް ނަވްޔާ ވެއްޓުނީ އެއްފަރާތުގައި ހުރި ހަރުގަނޑެއްގައި ޖެހިފައެވެ. އެ ވަގުތު އެ ހަރުގަނޑުގައި ބަހައްޓާފައި ހުރި  އެއްޗެހިތައް ފައިބައިގަތީ ނަވްޔާގެ ގައިމައްޗަށެވެ. އެއާ އެކު މާކިން ރުއިމުގެ އަޑު އަނެއްކާ އިވެން ފެށިއެވެ. ހަކީމު ނުކުމެގެން ދިޔައީ ބިރުން ސިހިސިހި ތިބި ދެކުދިންނަށް ފަރުވާލެއް ނުބަހައްޓައެވެ. ހަކީމު އެ ތަނުން ނުކުތުމާ އެކު މާކިން އައިސް ނަވްޔާ ތެދުވަން އެހީވެދިނެވެ. ނަވްޔާގެ ފަޔަށް ތަދުވުން ފިޔަވައި މާބޮޑު އެހެން ކަމެއް ނަސީބަކުން ނުވެއެވެ. މާކިންހަމައަކަށް އަޅުވަން އެތައް އިރެއް ނެގިއެވެ. ނިދެމުން ދިޔައިރު ވެސް ގިސްލެވެއެވެ. ނަވްޔާ ކަންބޮޑުވީ މިޝާގެ ފަރާތުން ހަމަހިމޭންކަން ފިޔަވައި އެހެން ޝުއޫރެއް ފާޅު ނުވާތީއެވެ. މިޝާގެ ބޮލުގައި ފިރުމާލަން އުޅެން ފެށުމުން ވެސް މިޝާ ޖެހުނީ ދުރަށެވެ.

މިޝާ ވެސް ނިދަން އޮށޯތުމުން ނަވްޔާ އެ ކޮޓަރިން ނުކުންނަން ދިޔައީ ކޮރު ޖަހަމުންނެވެ. އޭރު ފައިތިލަ ދުޅަވެ ރިހުން ގަދަވެފައިވެއެވެ. މިޝާ ބަލަން އޮތް ކަމެއް ނަވްޔާ ނުދެނަހުއްޓެވެ. ކޮޓަރީގެ ބޮކި ނިއްވާލަމުން ފަހަތަށް ބަލައިލިއިރު މިޝާ އޮތީ ލޯ މަރައިގެންނެވެ. އެކަމަކު މިޝާ ނުނިދާކަށް ނަވްޔާއަށް އެނގެއެވެ. އެ ޅަ ސިކުނޑީގައި ހިނގަނީ ކޮން ކަންތައްތަކެއް ބާވައޭ ހިތަށްއަރާފައި އިރުކޮޅަކު ވިސްނަން ހުރެވުނެވެ. އަމިއްލަ ކޮޓަރީގެ ދޮރުހުޅުވާލުމާ އެކު ސިހިފައި ނަވްޔާއަށް ފަހަތަށް ޖެހިލެވުނީ ފެނުނު މަންޒަރަކުންނެވެ.

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް