ads
ރައީސް ޑރ. މުއިއްޒާއި ބޮޑުވަޒީރު މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން: ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކޯ-ގްރޫޕެއް އެކުލަވާލަން ވަނީ ނިންމާފައި - ފޮޓޯ:ބޮޑުވަޒީރު މޯދީ
ސަރުކާރުން އެދުނު ގޮތަށް އިންޑިއާއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
Advertisement

އިންޑިއާ ސަރުކާރުން ރާއްޖެއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު ޒަމީރު ވަނީ އިންޑިއާ ސަރުކާރާ މަޝްވަރާ ކުރައްވާ އެކަމަށް އެދިފަ އެވެ.

އެސްބީއައި އިން ގަތް ޓްރެޝަރީ ބޮންޑަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ގަތް ބޮންޑެކެވެ. އެގޮތުން ފަހަރަކު 50 މިލިއަން ޑޮލަރު މަގުން ގަތް ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައިވެ އެވެ.

މި ބޮންޑުތައް ކުރީ ސަރުކާރުގައި ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ނިމުނު ޖެނުއަރީގައި މީގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.

ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިއާ ސަރުކާރުގައި ރާއްޖޭން އޮތީ އެދިފަ އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ރޯލްއޯވާ ކޮށްދިނީ މެއި 13, 2024, ގަ އެވެ. މިއަދު ރޯލްއޯވާ ކޮށް މިއަދު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ޕޭމަންޓެކެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރާ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުންޏެވެ. އަދި ބުނީ މި އެހީތެރކަން ލިބިގެން ދިޔައީ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނިކޮށް ކަމަށެވެ.  

"ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރަމެވެ. އަދި މި އެހީތެރކަން ލިބިގެން މިދިޔައީ އިގުތިސާ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދިން އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވާނެކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު، އޭގެ ތަފުސީލްތަކެއް އަދި ނުދެ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާގޮތުން އެ ދަތުރުފުޅުގެ ތެރެއިންވެސް މާލީ އެހީތެރިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. 

މިއަހަރުގެ ޖޫން މަހު ކުރެއްވި އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން، ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ސަރުކާރުން އަންނަނީ އެހެން ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރެވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ގައުމަކީ ޗައިނާ އެވެ.

ޗައިނާއިން ވެސް ލޯނުތައް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެގޮތުން ރާއްޖެ އިން ޗައިނާ އަށް ކުރިއަށް އޮތް ފަސް އަހަރު ދައްކަންޖެހޭ ލޯނުގެ އަދަދު ދެއްކުމުގައި ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ނިންމަވާފައިވާ ކަމަށް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި ސްޓޭޓްމަންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

އެކަމަކު އަދި ޗައިނާގެ އެއްވެސް ލޯނެއް ދެއްކުން ފަސްކޮށްދިންކަން ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް