އަނިޔާވެރި ޔަހޫދީންގެ ޝިކާރައަަކަށްވެ، ޝަހީދުވެފައިވާ ފަލަސްތީނުގެ ފަސް މީހެއްގެ ހަށިގަނޑު އުސް އިމާރާތެއްގެ މަތިން ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯސަލް މީޑިއާގައިވެސް އާންމުވެފައިވާއިރު، މިކަމާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ މައްސަލައެއްކަމަށާއި މިކަން ހިނގާދިޔަ ގޮތް މިހާރު ތަހުގީގުކުރަމުން އަންނަކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު، ޖަބަލިޔާގައި ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ފަސް މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި މީގެ އިތުރުން ޑްރޯން ހަމަލާތަކެއް ދީ އިތުރު ބަޔަކު ޝަހީދުކޮށްލާފައިވާކަމަށްވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެ އެވެ.
ފަލަސްތީނުން ޝަހީދުކޮށްލެވުނު މީ މީހުންހުންގެ ހަށިތައް އިމާރާތެއްގެ ފުރާޅުމަތިން ވައްޓާލި މަންޒަރު ވީޑިއޯކުރީ ފަލަސްތީނުގެ ނޫސްވެރިއެކެވެ. އެ ނޫންވެރިޔާގަޔަށް ވެސް ޔަހޫދީން ވަނީ ބަޑިޖަހާފަ އެވެ.
މި މައްސަލަ ތަހުގީގުކުރަން ޔަހޫދީ އަސްކަރިއްޔާއިން ބުނެ ބަަޔާނެއް ނެރެފައިވާއިރު، ޔަހޫދީން މިހާރުވެސް ދަނީ ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް އަންހެނުންނަކާއި ކުޑަކުދިންތަކެއް އެއްވެސް ރަހުމެއް ނެތި މަރަމުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ކައިރީގައި ހުރި އިމާރާތަކުން ވަދެގަތުމުގެ މަންޒަރު ފިލްމު ކުރަމުން ދިޔަ ނޫސްވެރިންގެ ގްރޫޕަކަށް ބަޑިޖަހާފަ އެވެ.
2023 އޮކްޓޫބަރު 23ގައި ގާޒާގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ މިހާރު ވަނީ 41752އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 17400އަށްވުރެ ގިނަ އަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެ އެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ގާޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ.
އިސްރާއީލުގެ މި ގަތުލުއާންމުތަކަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. މި ގަތުލުއާންމުތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ހިމާޔަތް ވެސް އިސްރާއީލުގެ އިސްވެރިންނަށް ފާޅުގައި ދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.