ads
މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު
މަސައްކަތްތެރިންނަކީ ގައުމެއްގެ އިގުތިސޯދުގެ މައި ބަދަ: މުއްތަލިބް
މަސައްކަތްތެރިންނަކީ ހަމައެކަނި ވަޒީފާ އަދާކުރާ ބައެއް ނޫން ކަމަށާއި އެމީހުންނަކީ ގައުމެއްގެ އިގުތިސޯދުގެ މައި ބަދަ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަނީ އެ އިންސްޓިޓިއުޓުން ސްޓްފިކެޓް ލެވެލް 1 އިން ފެށިގެން ޑިޕްލޮމާއަށް ކުރިއަށް ގެންދިޔަ 34 ކޯހަކުން ތައުލީމް ހާސިލްކުރި 431 ދަރިވަރަކު ދަސްވެނިވެފަ އެވެ. އެއީ 324 ފިރިހެން ދަރިވަރުންނާއި 107 އަންހެން ދަރިވަރެކެވެ. މީގެ ތެރޭގައި މާލެގެ އިތުރުން 4 ރަށެއްގައި ހުރި ކެމްޕަސްތަކުން ތައުލީމް ހާސިލް ކުރި ދަރިވަރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ވަނީ ކޯސްތަކުން އެންމެ މަތީ ވަނަ ހާސިލް ކުރި 22 ދަރިވަރުން ހޮވާފަ އެވެ.

ވޮކޭޝަނަލް ޓްރެއިނިން އަކީ މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ނުހަނު ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާ އިންފްރާސްޓްރަކްޗަރު މިނިސްޓަރު ވިދާޅުވީ ވަކި ދާއިރާއަކުން ތައުލީމް އުނގެނިގެން ތިބިނަމަވެސް ވަޒީފާގެ މާހައުލުގައާއި ގައުމުގައި ލިބެން ހުރި ފުރުސަތުތަކަށް ބަލައި ކުރިއަށް ދިއުމަށް ހުރިހާ ފަރާތްތަކުންވެސް ތަފާތު ދާއިރާތަކުން މަސައްކަތުގެ ހުނަރު ހޯދަންޖެހޭކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރި ހުނަރުވެރި ރައްޔިތުން ތިބުމަކީ ގައުމެއް ކުރިއަރައިގެން ދިއުމުގެ ވަރަށް މުހިއްމު އަސާސެއްކަމަށެވެ.

"ތިޔަ ދަރިވަރުން މިއަދު ތިވަނީ މަސައްކަތުގެ ދާއިރައިން ގައުމަށް ބޭނުންވެފައިވާ ދާއިރާތަކުން ހިދުމަތްކުރުމަށް ތައްޔާރުވެފައި. ހުނަރުވެރި މަސައްކަތްތެރިންނަކީ ގައުމެއްގެ އިގްތިސޯދުގެ މައި ބަދަ. ތިއީ ހަމައެކަނި ވަޒީފާ އަދާކުރާ ބައެއް ނޫން. މަސައްކަތުގެ ދާއިރާއަށް ނުކުތުމަށްފަހު ތިޔަދަރިވަރުން ވެގެންދާނީ ގައުމަށް ވަރަށް މުހިއްމު ދަރިވަރުންތަކަކަށް." ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި އެވެ.

ވަޒީފާއެއް ހޯދާ ކުރިއަށް ދިއުމުގައި ގައުމަށް ބޭނުންތެރި ދާއިރާއަކުން ކިޔެވުމަކީ މުހިއްމުކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މަތީ ތައުލީމް ހާސިލް ކުރާއިރުވެސް މުސްތަގުބަލް އޮތް ދާއިރާއަކުން ކިޔެވުމަށާއި ހުނަރުތައް ދަސްކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް