އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދިޔައީ ލަންކާ ގަޑިން ހެނދުނު 7:00 އިން ފެށިގެން ހަވީރު 4:00 ޖެހުމާ ހަމައަށެވެ.
ލަންކާގައި ވޯޓުލާ ގޮތް ބަލައި ޗެކްކުރުމަށް ޔޫރަޕިއަން ޔޫނިއަނާއި ބައިނަލްއަގްވާމީ ބައެއް އެހެން އޭޖެންސީތަކުން އޮފިޝަލުން ލަންކާގައި ހަރަކާތްތެރިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑު އިންތިހާބަކަށް ވާނެ އެވެ.
އިންތިހާބުގައި ކުރީ ސަފުގައި ވާދަ ކުރައްވާ ތިން ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން އިންތިހާބަށް ނުކުންނެވި ގޮޓާބެ ރާޖަޕަކްސަގެ ދައުރު ފުރިހަމަކުރުމަށް، ގާނޫނު ހަދާ މަޖިލީހުން ވެރިކަން ހަވާލުކުރި ރަނިލް ވިކްރަމަސިންހާ އެކު ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ އަނޫރާ ކުމާރާ ޑިސާނަޔަކަ، 56، އާއި ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އަދި އިދިކޮޅު މައި ލީޑަރު ސަޖިތު ޕްރޭމަދާސާ، 57، އެވެ.
މި އިންތިހާބުގައި 39 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި މިދިޔަ މަހު ހާޓް އެޓޭކެއް ޖެހިގެން އަވަހާރަވި އުމުރުން 79 އަހަރުގެ ކެނޑިޑޭޓުގެ ނަން ވެސް ވޯޓު ކަރުދާހުގައި އޮތެވެ.
އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަނެެއްހާ މީހުންގެ ތެރެއިން 70 ޕަސެންޓެއްހާ މީހުން ވޯޓު ލި ކަމަށެވެ. އަދި ބުނީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށާނީ މިރޭ ދަންވަރުން ފެށިގެން ކަމަށެވެ.ވަގުތީ ނަތީޖާ ލިބޭނެ ކަމަށް ލަފާ ކުރެވެނީ މާދަމާގެ ވަގުތެއްގަ އެވެ.
އިންތިހާބުގެ ކެމްޕެއިނުގައި ކެންޑިޑޭޓުންތައް ވަނީ ގިނަ ވައުދުތަކެއްވެ، އެ ގައުމު މިހާރު އޮތް އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ނަތީޖާއަށް ފަހު މިހާރު ވެސް އިގްތިސާދީ ބޮޑު އަނދަވަޅަށް ވެއްޓިފައިވާ ސްރީ ލަންކާ ސިޔާސީ ހާލަތަށް އަތުވެދާނެ ބަދަލަކަށް ބަލާ ސަލާމަތީ ގޮތުން މުޅި ލަންކާގައި ވަނީ މިރޭ ކާފިއު ހިންގަން އިއުލާންކޮށްފަ އެވެ.