ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ އޯޝެނިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަލުވުން މިއަދާއި މާދަމާ ކުރިއަށްދާނީ ކްރޮސް ރޯޑުގައެވެ. މިބައްދަލުވުން ޗެއަރ ކުރައްވަނީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް، ކްރިސް ޖެންކިންއެވެ. މި ބައްދަލުވުމުގައި ކޮމަންވެލްތް ގޭމްސް ފެޑެރޭޝަންގެ ސީއީއޯ ކެޓީ ސެޑްލިއާވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި މިއަދު، ކުޅިވަރު ވަޒީރު އަބްދުއްރާފިއު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އޭޝިއާގައި މި ބައްދަލުވުން ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި 21 ގައުމުގެ އޮފިޝަލުން ބައިވެރިވެއެވެ.
ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ގޭމްސްގައި ބައިވެރިވަމުން އައި ނަމަވެސް، 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވާން ނިންމުމާއެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެއަށް ގެއްލުނެވެ. 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ވާދަނުކުރެއެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާންކުރިއިރު، ރާއްޖޭން ވަނީ 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފައެވެ.