ލަންކާގެ ރައީސް ކަަމަށް ޑިސްނަޔަކަ އިންތިހާބުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުންވަނީ އިއުލާނު ކުރައްވާފަ އެވެ.
ރައީސް މުއިއްޒު ކުރެއްވި އެކްސްއެއްގައި ވަނީ، އަނޫރާ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފަ އެވެ.
ރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި އެއް ގައުމަކީ ލަންކާ އެވެ. ފުރިހަމަ މިނިވަންކަން ލިބުމުގެ ކުރިންވެސް ލަންކާއަކީ ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމެކެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓު ވޯޓުލާފައިވެ އެވެ.
މިއީ 2022 ވަނަ އަހަރު ސްރީލަންކާގެ އިގްތިސާދު ވަޅުޖަހައި، ތެލާއި ބޭހާއި ކައްކާ ގޭސް ފަދަ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް ފައިސާ ދެއްކުމަށް ދަތިވުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.
އެ އިގުތިސާދީ ކާރިސާގައި ރައްޔިތުން ނުކުމެ، އޭރު އޮތް ގޯޓާބަޔަ ރާޖަޕަކްސަގެ ސަރުކާ ދެކޮޅަށް މުޒާހަރާކޮށް އޭނާގެ ރަސްމީގެ ގެކޮޅަށް ވަދެ ގަނެ، ރައްޔިތުން ކެކި އުތުރި އެރުމުން ގޯޓާބަޔަފިއްލަވައި، ފަހުން އިސްތިއުފާ ދެެއްވި އެވެ. އޭނާގެ ބަދަލުގައި ވަގުތީ ގޮތުން ރައީސް ކަމުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ވިކްރަމަސިންހަ އެވެ.
މި އިންތީހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހާ އާއި، އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ، އަނޫރާ ކުމާރު ޑިސަނަޔަކެ އަދި ނަމާލް ރާޖަޕަކްސާގެ މެދުގަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ކެންޑިޑޭޓުން އެންމެ ބޮޑަށް އިސްކަންދީފައި ވަނީ އިގުތިސާދީ އިސްލާހުތަކާއި ކޮރަޕްޝަން ނައްތާލުމަށް އަޅާނެ ފިޔަވަޅުތަކަށެވެ.
މި އިންތީހާބުގައި ޑިސަނަޔަކެ ކުރި ހޯއްދެވުން ވަނީ ބޮޑު ހައިރާން ކަމަކަށް ވެފަ އެވެ. ސަބަބަކީ ބާރުގަދަ ލީޑަރުންނާއި މަޝްހޫރުވެރިން ވަކި ކެންޑިޑޭޓަކު ހޮވުމަށް ކެމްޕެއިންކުރެއްވި ނަމަވެސް، އެއިން ކަމެއްގެ އަސަރު އިންތިހާބުން ފެންނަން ނެތުމުންނެވެ.
ލަންކާގައި ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، ތިން ކެންޑިޑޭޓަކު ހިޔާރު ކުރެވޭނެ އެވެ. އެގޮތުން އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 1، ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 2 އަދި ތިން ވަނަ ކެންޑިޑޭޓުގެ ނަމުގެ ކައިރީގައި 3 ޖެހޭނެ އެވެ.
ދެވަނަ ބުރުގައި ވޯޓު ގުނިއިރު ބަލައިފައިވަނީ، އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި އެހެން ކެންޑިޑޭޓުން ހިޔާރުކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ދެވަނައަށް ނުވަތަ ތިންވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި ޑިސަނަޔަކަ ނުވަތަ ޕްރަމަދާސަ ހިޔާރުކޮށްފައިވޭތޯ އެވެ. އެގޮތުން ހިޔާރުކޮށްފައިވާ ނަމަ އެއީ އެ ކެންޑިޑޭޓަކަށް ލިބޭ ވޯޓެއްގެ ގޮތުގައި ގުނައެވެ.
އެގޮތަށް ވޯޓު ގުނުމަށް ފަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިސަނަޔަކަ ކަން އިއުލާންކޮށްފަ އެވެ. އަދި މާދަމާ އޭނާ ވެރިކަމުގެ ހުވާކުރައްވާނެ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.