ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ކުރި އާންމު އިއުލާނެއްގައި ބުނެފައިވަނީ ވާ ގިނަވެ، ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިލާންޖެހިފައިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެ ގޮތުން ސިޓީ ކައުންސިލާއި، އެމްއެންޑީއެފް ގުޅިގެން ވާ މަދުކުރުމުގެ ޕްރޮގްރާމެއް އަންނަ ބުރާސްފަތީގައި ފެށުމަށް ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
ކައުންސިލުން ބުނީ އެ ދުވަހުން ފެށިގެން ރަށުގެ އެކި ހިސާބުތަކުގައި ވާލަށް ބަޑި ޖެހުން ކުރިއަށްދާނެ ކަމަށެވެ.
ފުވައްމުލަކަކީ ގުދުރަތީ ވަރަށް ބޮޑު ރީތިކަމެއް ލިބިފައިވާ ދަނޑުވެރިކަން ބޮޑު ރަށެެކެވެ. މީގެ ކުރިން ވެސް ފުވައްމުލަކުގައި ވާގެ އުނދަގޫ ބޮޑުވެގެން ކައުންސިލުގެ އެދުމުގެ މަތިން ސިފައިން ވަނީ ބަޑިޖަހައި ވާލުގެ އާބާދީ ކޮންޓްރޯލު ކުރަން އެހީތެރިވެދީފަ އެވެ.