އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޕީއެސްއެމް އިން ގެއްލިފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތްކަށް ޑޮލަރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޑޮލަރު ގަތުމަށް 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގާފައިވާ ފައިސާގެ ތެރެއިން 4.6 މިލިއަން ރުފިޔާ އާއި 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕުރީލު މަހުގެ ނިޔަލަށް ޕީއެސްއެމް އަށް އާމްދަނީ އާއި އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ނަގުދު ފައިސާގެ 4.3 މިލިއަން ރުފިޔާ އަދި ތިޖޫރީގައި ބެހެއްޓި ނަގުދު ފައިސާގެ ތެރެއިން 190،000ރ. ކަމަށެވެ.
މީގެ އިތުރުން އޮޑިޓުގައިވާ ގޮތުން ޑޮލަރު ގަތުމަށް 2020ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އެކި ފަހަރު މަތިން ޖުމުލަ 373,988 ޑޮލަރަށްވާ 5,785,346 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގައިފައިވާއިރު އެ ފައިސާގެ ތެރެއިން 4,583,701 ރުފިޔާ އަށްވާ 297,257 ޑޮލަރު ޕީއެސްއެމަށް ލިބިފައިނުވާކަން ފާހަގަކުރެވިފައިވެ އެވެ.
އަދި ޑޮލަރު ގަތުމަށް ނެގި ފައިސާގެ ތެރެއިން ޕީއެސްއެމްއަށް ލިބިފައިވަނީ ހަމައެކަނި 1,201,645 ރުފިޔާ އަށްވާ 76,731 ޑޮލަރުކަމަށް ވަނީ ބުނެފަ އެވެ.
އޭރު އެ މަގާމުގައި ހުރީ އަހްމަދު ހަނީފެވެ. މި މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީލް މަހު އޭނާ ސަސްޕެންޑް ކުރުމަށް ފަހު، މެއި މަހު ވަނީ އޭނާ ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ. އަދި ޕީއެސްއެމް އިން ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
މީގެ އިތުރުން އޮންލައިން ޓްރާންސްފާ ހަދައިގެން 1,284,479 ރުފިޔާ ޑޮލަރު ގަތުމަށް ނަގއިފައިވާއިރު ޖުމުލަ 75,491 ޑޮލަރަށްވާ 1,164,068 ރުފިޔާ އެކިފަހަރު މަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށްކަން ފާހަގަކުރެވުނުކަމަށް ވެސް އޮޑިޓުގައިވަނީ ބުނެފަ އެވެ.
މި ރިޕޯޓުގައި ވަނީ ޕީއެސްއެމް އަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި އެ ކުންފުނީގެ ބޭންކް އެކައުންޓުން ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން ބޭންކް އެކައުންޓަށް ޖަމާކުރުމަށް ނެގި ފައިސާ ގެއްލިފައިވާތީ އެކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް މި މައްސަލަ ތަހުގީގު ކުރަން އޭސީސީ އަށް ހުށަހެޅުމަށް އަންގާފަ އެވެ.