ads
އިންޑިއާ ކަނޑުގެ ހަމަޖެހުން ދަމަހައްޓަން ރާއްޖެއަށް އެމެރިކާ މުހިންމު ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ-އެމެރިކާ ގުޅުން މުހިންމުވާ ސަބަބު ރައީސް މުއިއްޒު ވިދާޅުވެ ދެއްވައިފި
އިންޑިއާ ކަނޑުގެ ހަމަޖެހުން ދަމަހައްޓަން ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގުޅުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގައި ތަގުރީރުކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ މެދުގައި އޮތް ގައުމަކަށްވާއިރު، ބައިނަލްއަގްވާމީ ވިޔަފާރީގައި އެންމެ އާންމުކޮށް ބޭނުންކުރާ މަގުތައް ހުރީ ރާއްޖެ ތެރެއިން ނުވަތަ ރާއްޖެއާ ކައިރިން ބޭރުންކަމަށެވެ.

އެހެންކަމުން މި ސަރަހައްދުގެ ކަންކަމަށް ބަސް ބުނަން ބޭނުންވާ ބަޔަކަށް ނުވަތަ ސަރަހައްދީ ބާރުތަކުގެ މެދުގައި އޮންނަ ހަމަހަމަކަމަށް ގެއްލުވައިލަން ބޭނުންވާ ބަޔަކަށް ރާއްޖެއަކީ ބާރުފޯރުވަން މުހިންމު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"ބައެއް މީހުން ހިތަށް އަރާނެ ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމާއި އެންމެ ވަރުގަދަ އެއް ބާރާއި ގުޅުން އޮންނަން މުހިންމީ ކީއްވެވެބާވައޭ. އިންޑިއާ ކަނޑުގައި ހިނގާ މައުމާލާތް ބައިނަލްއަގުވާމީ ވިޔަފާރިއަށް މުހިންމުވެ، ރައްކާތެރިކަން ބޭނުންވޭ. ދުނިޔޭގެ ތިންބައިކުޅަ އެއްބައި ބަލްކް ކާގޯ ދަތުރުކުރަނީ އިންޑިއާ ކަނޑުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާކަންވެސް ހާމަކުރައްވާފަ އެވެ. އަދި ރާއްޖެއަކީ ހަރުދަނާ ޑިމޮކްރަސީއެއް އޮތް ގައުމަކަށްވުމަކީ އެމެރިކާއާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށްވެސް މުހިއްމު ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ އެންމެ ބޮޑު އެއް ބާރާއި އެންމެ ކުޑަ ޤައުމާދެމެދު ގުޅުމެއް މުހިއްމު ވަނީ ކީއްވެތޯ ބައެއް މީހުން ސުވާލު އުފައްދާނެކަމަށެވެ.

"އޭގެ ޖަވާބު އޮތީ އިންޑިއާގެ ކަނޑުގެ ބަދަލުވަމުންދާ އޮއިވަރާއި ގުޅިފައި" ރައީސް ވިދާޅުވި އެވެ.

އޭޝިއާ އާއި ޔޫރަޕާ ދެމެދު ކުރެވޭ 75 ޕަސަންޓަށްވުރެ ގިނަ ވިޔަފާރީގެ މުއާމަލާތް އިންޑިއާ ކަނޑު މެދުވެރިކޮށް ކުރުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅަށް ބޭނުންވާ ތެލުގެ 50 ޕަސަންޓު ވެސް ކޮންމެ ދުވަހަކު އިންޑިއާ ކަނޑު މެދުވެރިކޮށް ފޮނުވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ޕްރިންސްޓަން ޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތަކީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގައި ހިމެނޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް