މި ޓޫލްކިޓް ނެރުނީ ކެންސަރަށް އަހުލުވެރިކުރުވުމުގެ ގޮތުން ދިރާގުން ކެންސާ ސޮސައިޓީއާ އެކު ގާއިމުކުރި ޕާޓްނިޝިޕުގެ ދަށުންނެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފުން ވެސް މި ޓޫލްކިޓް ތައްޔާރުކުރަން ކެންސާ ސޮސައިޓީއާ އެކު ވަނީ މަސައްކަތްކޮށްފަ އެވެ.
ކެންސަރު ސޮސައިޓީން 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސަރު އެވެއާނެސް ކެމްޕެއިން" ގައި ކުރިން ވެސް ވަނީ ދިރާގުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި އަހަރު މި ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރަށް ކުދިން ކުރިމަތިވާ ކަންތައްތަކަކީ ކޮބާ ކަމާއި، ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރާ ގުޅިގެން ދިމާވާ ނަފްސާނީ ކަންތައްތަކާއި، ކެންސަރަށް ފަހު އަނބުރާ ސްކޫލަށާއި އަދި މުޖުތަމައަށް ކުދިން ނިކުންނާނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
ސްކޫލުތަކާއި ބެލެނިވެރިންނަށް ހާއްސަކޮށް ނެރުނު ޓޫލްކިޓާ ގުޅޭ ގޮތުން ކެންސާ ސޮސައިޓީން ބުނީ އަވަހަށް ބަލި ދެނެގަނެ ފަރުވާ ހޯދުމާ އެއްވަރަށް ބަލިން އަރައިގަތުމަށް ކުޑަކުދިންނަށް އެންމެންގެ ސަޕޯޓާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. ސްކޫލުތަކާއި ބެލެނިވެރިންގެ ފަރާތުން ކުޑަކުދިންނަށް ބޭނުންވާ ސަޕޯޓް ސިސްޓަމް ގާއިމުވުމަކީ ކުއްޖާއަށް ދިރިއުޅުމުގައި ކެންސަރުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
ދިރާގުން ބުނީ މި ޓޫލްކިޓުގެ އިތުރުން ކެންސަރަށް އަހުލުވެރިކުރުވަން އެ ޖައްމިއްޔާއާ ގުޅިގެން އެޑިއުކޭޝަނަލް ކޮންޓެންޓުތަކެއް ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އޭގެ ތެރޭގައި ކުޑައިރު ކެންސަރުޖެހުމުން ފެންނަ އަލާމާތްތަކާ ގުޅޭ ގޮތުން އެނިމޭޓެޑް ލަވައަކާއި ކެންސާ ސަވައިވާއެއްގެ ވާހަކަ އާއި އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ޑޮކްޓަރަކު ދެއްވާ އިރުޝާދު ހިމެނޭ ވީޑިއޯ ސީރީޒްއެއް ހިމެނެ އެވެ.
ސެޕްޓެމްބަރަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ޗައިލްޑްހުޑް ކެންސާ" މަހެވެ. ކެންސާ ސޮސަސައިޓީން ބުނެފައިވާ ގޮތުގައި ރާއްޖެ އަކީ އޭޝިއާ ސަރަހައްދުގައި ކުޑަކުދިންގެ ކެންސަރު އެންމެ ގިނަ އެއް ގައުމެވެ. ރާއްޖޭގެ 18 އަހަރުން ދަށުގެ އާބާދީގެ ގާތްގަނޑަކަށް 5-4 ޕަސެންޓަކީ ކެންސަރަށް ފަރުވާ ހޯދަމުންދާ ކުޑަކުދިންނެވެ.
ދިރާގުން އަންނަނީ ކުޑަ ކުދިންކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ޕްރޮގުރާމުތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންމެވެ.