ހުޅުމާލޭ އަމީން އެވެނިއުއިން، ބައްސާމް ބައްލަވައިގަތް ދެ ޕެންޓް ހައުސް ބައްލަވައިގެންފައިވަނީ އެފްއޭއެމްގެ ފައިސާއިން ކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި އެކަންތައްތަކާ ގުޅިގެން ހިޔާނާތާއި މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ބައްސާމްއާ ދެކޮޅަށްވަނީ އުފުލާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އަންނަ އާދިއްތަ ދުވަހުގެ ކުރިން ޕެންޓް ހައުސްތައް ހަވާލު ކުރުމަށްވަނީ ބައްސާމްއަށް ނޯޓިސް ދީފަ އެވެ. އަދި އެ ދުވަހުގެ ކުރިން އެ ތަންތަން ފުލުހުންނާ ހަވާލު ނުކޮށްފި ނަމަ، އެ އިދާރާގެ ބެލުމުގެ ދަށަށް އެ ތަންތަން ނަގާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
އަމީން އެވެނިއުއިން ބައްސާމް ބައްލަވައިގަތް ދެ ޕެންޓްހައުސް ހުންނަނީ ގުޅުވާލައިފައި ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. މިއީވެސް އުސޫލުތަކާ ހިލާފަށްކޮށްފައިވާ ކަމެއް ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. ފުލުހުން ވަނީ މި މައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދިފަ އެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާގެ ޕާސްޕޯޓްވެސްވަނީ ހިފަހައްޓާފަ އެވެ.
އަމީން އެވެނިއު އިން ދެ ޕެންޓްހައުސް ގަތުމަށް އެފްއޭއެމްގެ ފައިސާއިން އެއް މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ބައްސާމް ދައްކާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.