މި ބައްދަލުކުރެއްވުން ބޭއްވުނީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ ހައިދަރުއާބާދު ހައުސްގައެވެ. ރައީސް މުޢިއްޒު ވަޑައިގަތުމުން ބޮޑުވަޒީރު މޯދީ ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ލީޑަރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކެއް އެކުލަވާލުމަށް ވެސް ވަނީ މަގުފަހިވެފައެވެ. މީގެ އިތުރުން، މި ބައްދަލުވުމަށްފަހު ދެ ޤައުމުން ގުޅިގެން ބަޔާނެއް ނެރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެހެން އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ހިމެނެއެވެ. އަދި ރޭގެ ވަގުތެއްގައި ދިއްލީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.