ads
ކަހަނބު: ރާއްޖޭގައި ވެލާ ކަހަނބުގެ ފަސް ވައްތަރެއް ވަނީ ހިމާޔަތްކޮށްފައި
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ މިންވަރު އިތުރުވާތީ އީޕީއޭ ކަންބޮޑުވެއްޖެ
ހިމާޔަތްކޮށްފައިވާ ދިރުންތަކާއި އެތަކެތި އުޅޭ މާހައުލަށް ނޭދެވޭ އަސަރު ކުރާ ގިނަ ކަންތައްތައް ތަކުރާރުކޮށް ފެންނަ މިންވަރު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
Advertisement

އެކަމާ ގުޅިގެން އީޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި، ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ މުހިއްމުކަން ބަޔާންކޮށް، ގަވައިދާ ހިލާފު ކަންކަން ފާހަގަކޮށްފައިވެ އެވެ.  

އެގޮތުން، އެ އެޖެންސީގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ، ހިމާޔަތްކޮށްފައިވާއި ދިރުންތައް ހިފާ ގެންގުޅުމާއި އެތަކެތި މަރުމާ ކެއުމުގެ އިތުރުން ތަކެތީގެ ބައިތަކުގެ ވިޔަފާރި ކުރުމެވެ. އަދި، ވެލާ ކަހަނބު ހިފުމާއި ހިމާޔަތްކޮށްފައިވާ ދޫނި ސޫފާސޫފީގެ ބާވަތްތައް އޮޅު ޖަނަވާރުންގެ ގޮތުގައި ގެންގުޅުން ހިމެނެ އެވެ.

ރާއްޖޭގެ "ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު"ގެ ދަށުން ބާރުދޭ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދު"ން ވަނީ ރާއްޖޭގެ މާހައުލުން ފެންނަ މުހިއްމު ދިރުންތަކެއް ރައްކާތެރިކޮށް، ގާނޫނީ ގޮތުން ހިމާޔަތްދީފަ އެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި:

  • ފަސް ބާވަތެއްގެ ވެލާ ކަހަނބު

  • އެއް ބާވަތުގެ ކަންޒު ކަހަނބު

  • 207 ބާވަތުގެ ދޫނި

  • ރާއްޖޭގެ ސަރަހައްދުން ފެންނަ ހުރިހާ ބާވަތެއްގެ މަޑި

  • ފެހުރިހި

"އިސްވެ ދެންނެވުނު ދިރުންތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލަށް މުހިއްމު ފައިދާތަކެއް ފޯރުކޮށްދޭ ދިރުންތަކެކެވެ. އަދި ހަމައެއާއެކު ދިވެހިންގެ އުޅުމާއި ސަގާފަތާއި އިގްތިސޯދާ ވަރަށް ވެސް ބޮޑަށް ގުޅި ލާމެހިފައިވާ މުހިއްމު ދިރުންތަކެވެ." އީޕީއޭގެ ބަޔާނުގައިވެ އެވެ. 

އީޕީއޭއިން ބުނާ ގޮތުގައި، ހިމާޔަތްކޮށްފައިވާ ދިރުންތަކަކީ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ދިރުންތަކެއް ކަމަށާއި ނޭޗާ ޓުއަރިޒަމްގެ ފަހަތުގައިވާ އެއް ސަބަބު ކަމަށެވެ.

ކަން މިހެން ހުރުމާ އެކު، ހިމާޔަތްކޮށްފައިވާ ދިރުންތަކަށާއި އެތަކެތީގެ މާހައުލަށް ގެއްލުން ލިބޭ ކަންކަން ތަކުރާރުވެ، އިތުރުވަމުންދާތީ، އީޕީއޭއިން ވަނީ އެކަމާ ހިތާމަ ފާޅުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާނެ ވާހަކަ އީޕީއޭގެ ބަޔާނުގައި ނެތެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް