މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި ރަޙުމަތްތެރިކަމުގެ ގުޅުމުގެ އެތައް ޤަރުނެއްވީ ތާރީހެއް އޮތްކަން ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖެއަށް މެދުވެރިވާ ހައްސާސް ހާލަތްތަކުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން އިސްކަންދޭ ދިނުމުން އަންގައިދެނީ، ދެ ގައުމުގެ ދެމެދުގައި އިތުބާރު ގާއިމުކުރެވިފައިވާ މިންވަރުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމަކީ ދެ ގައުމެއްގެ ގުޅުން ބަދަހިކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކުރައްވަމުން އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރް ވަނީ، ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ތާރީހީ ގުޅުން އަދާ ހަމައަށްވެސް ދެމިއޮތް ކަމީ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ގިނަ ދާއިރާތަކެއްގައި ދޭދޭ ފަރުދުން އެއްބައިވަންތަ ކުރުވާ ކަމެއް ކަމުގައި ފާހަގަކުރައްވާފަަ އެވެ.
މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ދެން މަޝްވަރާކުރައްވާފައިވަނީ، ރައީސްގެ މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ފެށިފައިވާ މުއާމަލާތްތަކުގެ އެހީގައި، ހުރިހާ ފެންވަރެއްގައިވެސް އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ތާރީހީ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން އާގަރާ އާއި މުމްބާއީ އަދި ބެންގަލޫރަށް ވަޑައިގެން ރަސްމީ ބައްދަލުވުންތަކާއި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅެވެ. އެކަމަކު ރައީސް ވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ވެސް ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރެއްވުމަށް މަޝްވަރާތައް ކުރެއްވި އެވެ.