ފާއިތުވި މަސްތަކުގައި ރާއްޖެއަކީ އިސްލާމިކް ސޮވްރިން ދަރަނި ދެއްކުމަށް ޑިފޯލްޓްވެދާނެ ފުރަތަމަ ގައުމަށް ވެދާނެކަމުގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށް ރިޕޯޓުން ބުނެއެވެ. މިގޮތުން 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް އަދި ދަށްވަމުންދާ ބޭރު ފައިސާގެ ރިޒާވްއަކީ މިކަމުގެ މައިގަނޑު ސަބަބުތަކެވެ.
ވޯލްޑް ބޭންކުގެ މައުލޫމާތު ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 8.2 ބިލިއަން ޑޮލަރުގައެވެ. މިއީ ޖީޑީޕީގެ 116 އިންސައްތައެވެ. މީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި އަކީ ބޭރުގެ ދަރަނިއެވެ. މީގެ ތެރެއިން ބޮޑު ބައެއް ދައްކަންޖެހެނީ ސަރަޙައްދީ ވާދަވެރިން ކަމުގައިވާ ޗައިނާ އަދި އިންޑިއާއަށެވެ. ޗައިނާއަށް 1.37 ބިލިއަން ޑޮލަރު އަދި އިންޑިއާއަށް 124 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.
ފާއިތުވި ހަފްތާތަކުގައި މި ދެ ގައުމުން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ ކަންބޮޑުވުން ކުޑަވެ، ރާއްޖޭގެ ބައިނަލްއަގްވާމީ ބޮންޑްތަކަށް ހެޔޮ އަސަރުކޮށްފައިވާކަމަށް އޮރިޓާސް އިން ބުނެއވެެ. ސެޕްޓެމްބަރު މަހު ޗައިނާއިން ރާއްޖެއާއެކު މާލީ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އިންޑިއާއިން ވަނީ ފާއިތުވި މަހު 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލަކަށް ސަބްސްކްރައިބްކޮށް، އޮކްޓޯބަރ މަހު 750 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ކަރަންސީ ސްވޮޕް ޑީލްތަކެއް ފާސްކޮށްފައެވެ.
ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ބޮންޑް، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު 66 ސެންޓަށް ދަށްވެފައިވީނަމަވެސް، މިހާރު ވިޔަފާރިކުރެވެނީ 80 ޕަސެންޓް ހިސާބުގައެވެ. މިއީ ދަރަނި ޑިސްޓްރެސްޑް ކަމަށް ބެލެވޭ 70 ސެންޓަށްވުރެ މަތީ އަގެކެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާގޮތުން 2006 ވަނަ އަހަރު އުފެދުނު އިންވެސްޓްމަންޓް އަދި އެޑްވައިޒަރީ ކުންފުންޏެއް ކަމަށްވާ ސެންޓަރވިއު ޕާޓްނަރސްއިން ވަނީ ފަހަކަށްއައިސް ސަރުކާރުތަކަށް ލަފާދިނުމުގެ ވިޔަފާރި އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން ފާއިތުވި އަހަރު ތެރޭގައި ޕެރިސް އަދި ނިއުޔޯކްގައި ހުރި އެ ކުންފުނީގެ ގްލޯބަލް އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ގިނަ މުވައްޒަފުން ނަގާފައިވެއެވެ.