ads
ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކޮށްދޭން ވެރިކަން ކުރާ ޕީއެންސީން އިލްތިމާސްކޮށްފި
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަވަސްކުރަން، މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ވެރިކަން ކުރާ ޕީއެންސީން މިރޭ އިލްތިމާސްކޮށްފި އެވެ.
Advertisement

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވި ފަހުން، އެ ބިލު އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައި ޕާކުވެފަ އެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ޖޫން މަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ ތާއީދުކުރާ ކަމެއް ކަމަށެވެ.

"އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ގާޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުުރުކޮށްފައިވާ މި ދަނޑިވަޅުގައި އެ އަމަލުތަކާ މެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާ މި މުހިންމު ފިޔަވަޅަށް މި ޕާޓީން ފުރިހަމައަށް ތާއިދުކުރާ ކަމަށް ދަންނަވަމެވެ." ޕީއެންސީން ބުންޏެވެ.

އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާޙުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫޙާއި ވިންދާ އެއްގޮތަށް ރައީސް މުއިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުއިކަމާއެކު ކުރުމަށް ވަނީ ގޮވާލާފަ އެވެ.

މިދިޔަ މަހުގެ ރައީސް އޮފީހުން ވަނީ، މަޖިލިސް ޗުއްޓީއަށް ފަހު އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ.

އެ ބިލުގައި މިހާރު އޮތީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށެވެ.

ނަމަވެސް އިޒްރޭލު ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ އަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ. އޭގެ އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލް ޕާސްޕޯޓުގައި ވަރަށް ގިނަ ފަލަސްތީން ރައްޔިތުން ވެސް ގައުމުތަކަށް ދަތުރު ކުރުމެވެ.

އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައި، އަދިވެސް ގެންދަނީ އެ ސަރަހައްދުގައި ޖަރީމާތައް ހިންގަމުންނެވެ. އިޒްރާއީލުގެ މި އަނިޔާވެރިކަމާއި ދެކޮޅަށް ރާއްޖެއިން އަންނަނީ ގައުމީ ފެންވަރެއްގައި އަޑު އުފުލަމުންނެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރައްވާ އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރި ކުރަމުންނެވެ

ގާޒާގެ މިނިސްޓްރީ އޮފް ހެލްތުން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި 42400 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައި ވެއެވެ. އަދި އެތައް ހާސް މީހުން ސަލާމަތްނުކުރެވި އިމާރާތްތަކުގެ ތެރޭގައި ވަޅުލެވިފައިވެސް ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް