މި ހަބަރު ކަންގަނާ ވަނީ އޭނާގެ ޓްވިޓާ އެކައުންޓްގައި ހިއްސާކޮށްފައެވެ.
މި ނިންމުން އައިސްފައިވަނީ، ފިލްމު އުފައްދާ ކުންފުނި ކަމުގައިވާ "ޒީ ސްޓޫޑިއޯސް" އިން ބޮމްބޭ ހައިކޯޓަށް އެ ފަރާތުގެ ލަފާގެ މަތިން ހުރިހާ ބަދަލުތަކެއް ގެނައުމަށް އެއްބަސްވެފައިވާކަމަށް ރިޕޯޓުކުރެވުނުތާ ދުވަސްކޮޅެއް ފަހުންނެވެ. މީޑިއާގެ ރިޕޯޓެއްގައިވާ ގޮތުން، މި ފިލްމު ރިލީޒްކުރެވޭނީ ނޮވެމްބަރުގައި ބޭއްވޭ ޕަންޖާބު އިންތިހާބަށްފަހުއެވެ.
"އިމާޖެންސީ" އަކީ 1975 ޖޫން އިން 1977 މާރޗް އަށް އިންޑިއާގައި އިޢުލާންކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތާ ބެހޭ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ކަންގަނާ ރަނާއުތެވެ. އަދި އޭނާ މި ފިލްމުގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރު އަދާކުރާނެއެވެ. މީގެ އިތުރުން އަނުޕަމް ކޭރު، ޝްރޭޔަސް ތަލްޕަޑޭ، މިލިންދް ސޯމަން، މަހިމާ ޗައުދުރީ އަދި އަވަހާރަވެފައިވާ އެކްޓަރު ސަތީޝް ކައުޝިކް މި ފިލްމުގައި މުހިންމު ދައުރުތަކެއް އަދާކުރާނެއެވެ.
ފުރަތަމަ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2024 ސެޕްޓެމްބަރު 6 ގައި ނަމަވެސް، އޭގެ ފަހުން ލަސްވެފައިވެއެވެ. މިހާރު ސެންސަރު ސެޓްފިކެޓް ލިބުމާއެކު، ރިލީޒް ތާރީހް އަވަހަށް އިއުލާންކުރާނެކަމަށް ކަންގަނާ ބުނެފައިވެއެވެ.