މިއަދު ސަމޯއާއަށް ފުރާވަޑައިގެންނެވި ނައިބު ރައީސް އާއެކު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ދަތުރުކުރައްވައެވެ.
ރައީސް އޮފީހުން ބުނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ގިނަ ބަޔާންތަކެއް ދެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. މީގެ ކުރިން ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ރައީސުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލު ކުރައްވާފައިވެއެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި އިގުތިސާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތް ކުރުމަށް މެންބަރު ގައުމުތަކަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ކޮޕް-29 ގެ ކުރިން ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާ ކުރުމަށް ލިބޭ ފުރުސަތަކަށް މި ބައްދަލުވުން ވެގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.