ރާއްޖެ ކޯޗެއަާއެއްގެ ގޮތުގައި ހަމަޖެހި، އެކަން އިއުލާންކޮށްފައިވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގަ އެވެ.
2026 ވަނަ އަހަރު ބާއްވާ މި ބައްދަލުވުމުގައި ރާއްޖެއާއެކު ކޯޗެއާކަން ކުރާނީ އެއަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމާއެކު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި ބައްދަލުވުމުގެ ކޯޗެއާ އެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތްކުރާނީ ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށެވެ. އަދި ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމެއްކަން ފޮރިން މިނިސްޓްރީން ފާހަގަކުރެ އެވެ.
ސަމޯއާގައި މި އޮކްޓޫބަރު މަހުގެ 22 އިން 26 އަށް ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ހަލީލް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ނާއެކު ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެެވެ.
ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ކުދި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްއެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ މި ބައްދަލުވުުމުގެ ކޯޗެއާކަން ކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ސަމޯއާގެ އިތުރުން އެސްވާޓިނީ އެވެ.