ރާއްޖޭގެ އެންމެ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުޖޫން، އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ)އަށް އިންތިހާބުވެވަޑައިގެންނެވި މިއީ ހަތަރުވަނަ ފަހަރެވެ.
އދ.ގެ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާގެ 2025-2028 ވަނަ ދައުރަށް މެމްބަރުން އިންތިހާބުކުރުން އޮތީ މިއަދު ސްވިޓްޒަލަންޑްގައި އެވެ. މި އިންތިހާބު ފަނޑިޔާރު ޝުޖޫން ކާމިޔާބު ކުރެއްވީ އެންމެ ގިނަ ވޯޓާއެކުއެވެ. ޝުޖޫން އެންމެ ފުރަތަމަ އެ މަގާމަށް އިންތިހާބުވީ 2010 ވަނަ އަހަރު އެވެ.
ޝުޖޫންވަނީ 2021 އިން 2024 އަށް އެސްޕީޓީގެ އެއް ދައުރު އަދި 2011 އާއި 2018 އާއި ދެމެދު ޖެހިޖެހިގެން ދެ ދައުރު އަދާކުރައްވާފައިވެ އެވެ. އަދި މި މަގާމުގައި ހުންނެވި އިރު އެކަމަނާ ވަނީ ވައިސް-ޗެއަރ އޮފް ޖުރިސްޕްރޫޑެންސްގެ މަގާމްގެ އިތުރުން އެސްޕީޓީގެ ރެޕަޓުއަރކަންވެސް ކުރައްވާފައިވެ އެވެ.
އެސްޕީޓީއަކީ އދ ގެ އެންމެ ބޮޑު އެއް ހިއުމަން ރައިޓްސް ޓްރީޓީ ބޮޑީ އެވެ. މިއީ 25 އިންޑިޕެންޑެންޓް އެކްސްޕާޓުންނާއެކު އޮޕްކެޓް އިން އުފައްދާފައިވާ ބޮޑީއެކެވެ.