ދަރަވަންދޫއަށް ޒިޔާރާތްކުރުމުގެ އަހަރު 2025" އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ދަރަވަންދޫ ކައުންސިލް ރައީސް ސަމީހު ވިދާޅުވީ ދަރަވަންދޫގައި އެފަދަ ކަމެއް ކުރަނީ ތަސައްވަރަކާއި ވިސްުމެއްގެ ތެރެއިން ކަމަށެވެ.
މިއަދު ދަރަވަންދޫގައި ފެންނަ މަންޒަރަކީ ހަގީގަތުގައިވެސް އުފާ ކުރާ މަންޒަރެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
އެ ހަފުލާގައި ދަރަވަންދޫ ރައްޔިތުންގެ ފަރާތުން މުޅި ދުނިޔެއަށް ހާއްސަ މެސެޖެއް ވަނީ ފޯރުކޮށްދީފަ އެވެ. އެއީ އެ ރަށަށް އަންނަންވީ ކީއްވެކަމެވެ. އެކަމަށްޓަކައި ތައްޔާރުކޮށް ދައްކާލި ހާއްސަ ލަވައިގައި އެ ރަށުގެ އެއްބައިވަންތަކަމާއި، ރަށުގެ ގެސްޓުހައުސްތަކާއި، ރަށުގެ ސަގާފަތްތައް ދައްކުވައިދެ އެވެ.
މި ހަފުލާގައި ދަރަވަންދޫ ކައުންސިލާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސްބޭފުޅުންނާއި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
ކައުންސިލް ރައީސް ސަމީހު ވިދާޅުވި ބޭނުންވަނީ ދަތުރުވެރިންނާއި ފަތުރުވެރިން ދަރަވަންދޫއަށް އަންނާނެ ސަބަބުތަކެއް އުފަން ކުރުވަން ކަަމަށައި އެއީ އެކަން ކުރަން ބޭނުންވި މައިގަނޑު ސަބަބު ކަމަށެވެ.
މިއަންނަ އަހަރަކީ ޒިޔާރާތްކުރާ އަހަރު ކަމުގައިވިޔަސް މީ ނިމުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މީ ފެށުމެއް ކަމަށާއި ކައުންސިލްގެ ތަސައްވަރު ހުރީ 2030 ހާ ހަމާގައި، 2030 އަންނަންވާއިރަށް ދަރަވަންދޫ ފައްކާކުރުމަށް ކަަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރާނީ ފަތުރުވެރިންނަށް އެންމެ ހިތްގާމު، އެންމެ ހިތް އެދޭ ފަދަ ރަށްކަށް ދަރަވަންދޫ ހެދުމުށް ކަމަށް ސަމީހު ވިދާޅުވި އެވެ.
އޭގެ އިތުރުން މިއީ ރަަށުގެ ތަރައްގީ ޕްލޭންގައި 2021 ގައި ލިޔެވިފައި އޮތް ވާހަކައެއް ކަަމަށް ސަމީހު ވިދާޅުވި އެވެ.
އެއީ އެއިރު ދަރަވަންދޫގެ ތަރައްގި ޕްލޭން އެއިރު ހަދަމުން ދިޔައިރުގައި ދަރަވަންދޫގެ ރައްޔިތުން ވިސްނާފައި އޮތް ވަރަށް މުހިއްމު ވިސްނުމެއް ކަމަށާއި މި ވިސްނުމަކީ، އެއީ ދަރަވަންދޫ ތަރައްގީ ކުރާނެ ގޮތް، ދަރަވަންދޫގެ ފަތުރުވެރިކަން ކުރިއަރުވާނެ ގޮތް އަދި ދަރަވަންދޫއަށް މިއީ ޒިޔާރަތްކުރުމުގެ އަހަރޭ ފާހަގަކުރުން އެއިރު އޮތީ ލިޔެވިފައިކަމަށް އެ ރަށު ކައުންސިލް ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތް އެއިރު އޮތީ ކުރަން ފަށަފައި ކަމަށާއި އެގޮތުން 2022 ވަނަ އަހަރުގެ ބޮޑު އީދުގައި، މި ޕްރޮމޯޝަނަލް ލޯގޯ އެންމެ ފުރަަތަމަ ފަރުމާކޮށް، އެކަން ކޮށްދެއްވި ބޭފުޅަކީ، އަހުމަދު އާމިރު ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
މި ޓީމްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ، އެކަމުގައި އެންމެ ގާތުން މަސައްކަތްކޮށްދެއްވި ބޭފުޅުން ކަަމަށާއި މިއީ ކުރިން ރާއްޖެ ޕްރޮމޯޓް ކުރުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ކަަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. އަދި އެ ޓީމް ވަނީ ދަރަވަންދޫއަށްޓަކައި އެއްވެސް އުޖޫރައަކާ ނުލާ މަސައްކަތްކޮށްދެއްވާފައި ކަން ފާހަގަކޮށް ކައުންސިލް ރައީސް ވަނީ އާމިރު އަދި އޭނާގެ ޓީމްގައި ހިމެނޭ ކޮންމެ ބޭފުޅަކަށް ޝުކުރު އަދާކުރައްވާފަ އެވެ.