އުރީދޫން ބުނީ އެ ހަފްލާއަކީ އެކި ކެޓަގަރީތަކުގެ ޕާޓްނަރުންގެ އަގު ވަޒަންކޮށް، އިނޮވޭޝަނާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ވިޔަފާރީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާ ކުރަމުންދާ ޕާޓްނަރުން ފާހަގަކުރުން ކަމަށެވެ.
މި ހަފްލާ ފެށުނީ ލޯންގް ސާވިސް ޕާޓްނަރުން، ނުވަތަ އުރީދޫއާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އުރީދޫގެ ބިޒްނަސް ޕާޓްނަރުންނަށް ހަނދާނީ ލިޔުން ހަވާލު ކުރަމުންނެވެ. މި ޕާޓްނަރުންގެ ސަބަބުން އުރީދޫގެ ކާމިޔާބީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް މަގުފަހިވެގެން ދިޔަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން ކްލަބް ޕްރިމިއާގެ ޓޮޕް ޕާޓްނަރުންނާއި ޓޫރިސްޓް ޕާޓްނަރުން ފަދަ ގިނަ ގޮތްގޮތުން އުރީދޫއާއެކު މަސައްކަތްކޮށްފައިވާ ޕާޓްނަރުންގެ އަގު އުރީދޫން ވަނީ ފާހަގަކޮށްފަ އެވެ.
ގާލާގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ ހުރިހާ ޕާޓްނަރުންނާ ގުޅިގެން ކުރާ މަސައްކަތަށް ތައުރީފުކުރައްވާފަ އެވެ.
އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.