34 ވަނަ ބައި (ޝަކުވާ)
ކޮޓަރިތެރެއަށް ހީވަނީ ތޫފާނެއް އަރާފައި އޮތް ހެންނެވެ. ނަވްޔާގެ ހެދުންތައް ހުރީ އެތައް މިތަނަށް އުކާފައެވެ. އެނދުގެ ބެޑްޝީޓާއި ބާލީސްތައް ވެސް ހުރީ ބިންމަތީގައެވެ. އެ ވަގުތު ނަވްޔާގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ބޮޑުބެ ދިން ސިޓީ އުރައެވެ. ނަވްޔާ އެ ސިޓީ އުރަ ގެންގުޅެނީ ހެދުންތަކުގެ ދަށަށްލާ ފޮރުވައިގެންނެވެ. ތެޅެމުން ދިޔަ ހިތުގެ މައްޗަށް ބާރު ފޯރުވަމުން ގުދުވެފައި ނަވްޔާ ސިޓީ އުރަ ނެގިއެވެ. ސިޓީ އުރައިގެ ތެރޭގައި އެއްވެސް އެއްޗެއް ނެތެވެ. ނަވްޔާ ބިރުން ހުރި ކަންތައް ވީއެވެ. ހަކީމަށް އެ ސިޓީ އުރަ ފެނިއްޖިއްޔާ އެންމެ ރުފިޔާއެއް ވެސް ނުބާއްވާނެއޭ ނަވްޔާގެ ހިތް ބުންޏެވެ. އެ ސިޓީއުރަ އެހާވަރުން ފޮރުވައިގެން ގެންގުޅުނީ އެހެންވެގެންނެވެ. ފިކުރުބޮޑުވެފައި ނަވްޔާއަށް އެނދުގައި އިށީނދެވުނެވެ. އަދި އެއް މަހުގައި ބޭނުން ކުރާނެ ހާ ފައިސާ އެ ސިޓީ އުރައިގައި ހުންނާނެއެވެ. ދެން ހަދާނީ ވެސް ކިހިނެއް ހެއްޔެވެ؟
އެ ވަގުތު ބަނޑުން ތޮޅެލިހެން ނަވްޔައަށް ހީވިއެވެ. ދެވަނަ ފަހަރަށް ވެސް ތޮޅެލުމުން ނަވްޔާއަށް ޔަގީންވިއެވެ. އެ ހިނދު ކުރެވުނު އިހުސާސް ނަވްޔާއަށް ބަޔާންކުރަން އުނދަގުލެވެ. ކޮންމެ ހާލެއްގައި ވެސް ނަވްޔާއާ އެކު ދަރިފުޅު ވާނެކަމުގެ އިޝާރާތެކޭ ހީވިއެވެ. ކުށެއްނެތް އެ ދަރިފުޅަށް ޓަކައި ހިތް ފުރުނީ މައިވަންތަކަމުގެ ކުލުނުންނެވެ. ފުރަތަމަ ފަހަރަށް ދަރިފުޅު ދުށުމުގެ އެދުން ހިތުގައި އަށަގަތެވެ.
އެރޭ ނަވްޔާއަށް ހޭލެވުނީ ފިނި އެއްޗެއް ފައިގައި ޖެހޭހެން ހީވެގެންނެވެ. ދުވަމުން ދިޔައީ ބާމުގެ ވަހެވެ. ވަގުތުން ނަވްޔާގެ ނިދި ފިލިއެވެ. ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައި ނަވްޔާ އިރުކޮޅަކު އޮތެވެ. ނަވްޔާގެ ދުޅަވެފައިވާ ފައިގައި ބާމު ހާކަން އެނދުގެ ފައި ލާ ކޮޅުގައި އިށީނދެގެން އިނީ މިޝާއެވެ.
"މިޝާ" ނަވްޔާ ގޮވައިލިއެވެ.
ސިހިފައި މިޝާ ބަލައިލިއެވެ. އަދި އެއާ އެކު ނަވްޔާގެ ފައިގައި ބޯ އަޅާފައި މިޝާ ރޯންފެށިއެވެ.
ތެދުވެ މިޝާގެ ބޮލުގައި އަތް ބާއްވައިލި އިރު ނަވްޔާ ވެސް ފެންކަޅި ވެއްޖެއެވެ. އެތައް ވަރަކަށް ކިޔައިގެން މިޝާ ނަވްޔާގެ ފައިން ދޫކޮށްލާފައި ތެދުވިއެވެ. ނަވްޔާ އަތް ދިއްކޮށްލުމުން ކުރިއަށް ޖެހިލާފައި ނަވްޔާގެ ގައިގައި ބައްދައިގަތެވެ. މިޝާ ހިތްފުރެން ދެން ރުއި އިރު ނަވްޔާގެ ލޮލުން ވެސް ކަރުނަ ފައިބައެވެ. ނަމަވެސް ހިތްވަރުކޮށްފައި މިޝާ މަސަލަސް ކުރެވޭތޯ ބެލިއެވެ.
"މިޝާ ދެން ހުއްޓާލާ. މިޝާ ރޯތީ ދައްތައަށް ވެސް މި ރޮވެނީ." މިޝާގެ ކަރުނަ ފޮހެދެމުން ނަވްޔާ ބުންޏެވެ.
"ސޮރީ ދައްތާ." ކުޑަކޮށް ހަމައަކަށް އެޅިލުމުން މިޝާ ބުންޏެވެ.
"މިޝާ ސޮރީ ބުނަން ޖެހޭ ވަރުގެ ކަމެއް ނުކުރަމެއްނު." ނަވްޔާ އޯގާތެރިކަމާ އެކު ބުންޏެވެ.
ނަވްޔާ އެހެން ބުނުމުން މިޝާ ބޯ ހޫރުވައިލިއެވެ. ނަވްޔާ ދެކެ ކުރިން ރުޅިއަންނަ ވާހަކަ މިޝާ ބުންޏެވެ. އެ ދެ ކުދިން އެކަނި ބައިތިއްބާފައި ހަކީމު ދިޔައީ ނަވްޔާގެ ސަބަބުންނޭ މިޝާއަށް ހީވެފައި އޮތުމުންނެވެ. ހަކީމު ފުރިއިރު ވެސް އެގޭގައި މާ ގިނަ ކާ އެއްޗެއް ނެތެވެ. އެއީ އަބަދުގެ ވެސް ހާލެވެ. އެކަމަކު ކާނެ އެއްވެސް އެއްޗެއް ނެތި ބަނޑަށް ޖެހުނީ ހަމައެކަނި އެ ފަހަރެވެ. ދެ ތިން ދުވަސްތެރޭގައި ހުރިއްޔާ ހުރި އެއްޗެއް ހުސްވުމުން އެ ކުދިން އުޅުނީ ވަރަށް ހާލުގައެވެ. ހަކީމު އުޅޭ ގޮތުން ރުޅި އައިސްފައި ތިބޭ ތިމާގެ މީހުން ވެސް އެ ކުދިންގެ ހާލު ބަލައިނުލިއެވެ. ރައްޓެހި ކުދިން ދޮންމަންމައިން ތަޅާ އަނިޔާކުރާނެ ވާހަކަދައްކާފައި އޮތުމުން މިޝާ ހުރީ އެ ކަހަލަ ކަމެއް ނަވްޔާގެ ފަރާތުން ދިމާވެދާނެތީ ވެސް ބިރުންނެވެ. ފަހުން ވާހަކަދައްކަން ނުކެރުނީ މިޝާއަށް ކަންތައް ކުރެވުނު ގޮތުން ނަވްޔާ ހިތްހަމަނުޖެހިފައި ހުރެދާނެތީއެވެ.
މިޝާ ދައްކާނެ ވާހަކައެއް ދައްކަންދެން ނަވްޔާ އަޑުއަހަން އިނެވެ. ނަވްޔާގެ ހިތުގައި މިޝާއާ ދޭތެރޭގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތްކަމަށް ނަވްޔާ ބުނެދިނެވެ.
"ކިހިނެއް ތިހާ ރަނގަޅު ކުއްޖެއް ދެކެ ރުޅި އާދެވޭނީ؟" ނަވްޔާ ބުންޏެވެ.
މިޝާގެ މޫނަށް ފަނޑު ހިނިތުންވުމެއް ވެރިވިތަން ނަވްޔާއަށް ފެނުނެވެ. ނަމަވެސް ދާދި އަވަހަށް އެ ހިނިތުންވުން ފިލިއެވެ.
"ދައްތާ، ވަރަށް ތަދުވޭތަ؟" މިޝާ އެހިއެވެ.
"ކުޑަކޮށް." ނަވްޔާ ހިނިތުން ވެލިއެވެ.
"ދެންދޭ ނިދަން. ވަރަށް ލަސްވެއްޖެ. މާދަމާ ސްކޫލަށް ވެސް ދާން ޖެހޭނެއެއްނު." ނަވްޔާ ބުންޏެވެ.
މިޝާ ބޯ ޖަހައިލި ނަމަވެސް ދާކަށް ނޫޅުނެވެ. ކޮންމެވެސް ވާހަކައެއް ބުނަން އުޅޭ ހީވެގެން ނަވްޔާ ވެސް ކަންފަތް ދީގެން އިނެވެ.
"ދައްތާ، ދައްތަ ވެސް ދެން މި ގެއިން ދާނީތަ؟" މިޝާ އެހިއެވެ.
"ނޫން. ކީއްވެ ތިހެން ތި އެހީ؟" ނަވްޔާ ހައިރާންވިއެވެ.
"ބައްޕަ އަނިޔާ ކުރާތީ މަންމަ ވެސް ދިޔައީ. ދައްތަ ވެސް އަހަރެމެން ދޫކޮށްލާފައި ދާނީތަ؟"
މިޝާގެ އަޑުގައި ތުރުތުރެއް ވިއެވެ. އެ ދެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނިފައި ނަވްޔާގެ ހިތަށް ތަދުވިއެވެ. އަނިޔާވެރިއެއްގެ އަތްމައްޗަށް ދެ ކުދިން ދޫކޮށްލާފައި ދާނީ ކޮންކަހަލަ މަންމައެއް ބާވައޭ ނަވްޔާ ހިތަށްއެރިއެވެ.
"ތި ކުދިން ދޫކޮށްލާފައި އެއްވެސް ތަނަކަށް ނުދާނަން. ކޮންމެ ތަނަކަށް ދިޔަޔަސް ދާނީ ގޮވައިގެން." ފެންކަޅިވެފައި އިނދެ ނަވްޔާ ބުންޏެވެ.
'ޕްރޮމިސް؟" މިޝާ އެހިއެވެ.
"ޕްރޮމިސް."
އޭގެ ފަހުން ނަވްޔާމެން އުޅެމުން ދިޔައީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ރޭގަނޑު ބޭރަށް ދިޔުމުގެ ކުރިން ބަދިގެ ދޮށަށް ދޭތެރެ ދޭތެރެއިން ހަކީމު އަންނަން ފެށިއެވެ. ނަވްޔާއަށް ނުވަތަ ކުއްޖަކަށް އަނިޔާއެއް ކޮށްލެވުމުން ނޫނީ ހަކީމަށް އެ ދާ ތާކަށް ދެވޭ ކަމަކަށް ނުވެއެވެ. އެ ގަޑީގައި ކާން ތިބޭ އިރު އެ ކުދިން ތިބެނީ ސިހިސިހިއެވެ. އެންމެ ފަހުން ހަވީރު ސައިދީފައި ރޭގަނޑު ހަމައެކަނި ކިރުތައްޓެއް ބޯންދީފައި އެ ކުދިން ނިންދަވަން ނަވްޔާ ފެށިއެވެ. ކިތަންމެ ބަލައިގެން އުޅުނު ކަމުގައި ވިޔަސް ގަނެފައި ހުރި ތަކެތި މަޑުމަޑުން ހުސްވަމުން ދާތީއާ އެކުގައި ވެސް މެއެވެ.
ބައެއް ދުވަސް ދުވަހު މެންދުރަށް ހުސް ބަތްކޮޅެއް ކައްކާލައިފައި ގޭގައި ހެދިފައި ހުރި ކޮޕީފަތުން ސަޓަނި ހަދައިފައި ވެސް ނަވްޔާ ދެއެވެ. އަނެއް ބައި ދުވަސްދުވަހު ހުނިލީ ރޮށި ސަޔާއި ޖަހައިގެން ކައެވެ. ކޮންމެ އެއްޗެއް ދިން ނަމަވެސް އެ ކުދިން އެއްވެސް މައްސަލައެއް ނުޖައްސައެވެ.
ކޮންމެ ނަމާދެއްގެ ފަހުގައި ނަވްޔާ ދުޢާކުރެއެވެ. ކޮންމެ ވެސް މަގެއް ދެއްކެވުމަށް އެދިއެވެ. ހަކީމަށް ހެޔޮ ވިސްނުމަށް އެދިއެވެ. ހަކީމުގެ އަނިޔާވެރިކަމުން އެ ދެ ކުދިންނާއި ނަވްޔާ އަދި ލިބެން އުޅޭ ތުއްތު ދަރިފުޅު ސަލާމަތް ކުރެއްވުން އެދިއެވެ.
އެންމެ ފަހުގެ ހަނޑޫކޮޅުން ބަތް ކައްކާފައި އެ ދުވަހު ނަވްޔާ ފިހާރައިގައި އިންނަ ވަހީދާގެ ކައިރިއަށް ދިޔައީ އެހީއަށް އެދޭނަމޭ ހިތަށްއަރާފައެވެ. މަސައްކަތެއް ދޭނެ ގެއެއް ހޯދައިދޭށޭ ބުނަން ނިންމައިގެންނެވެ.
"އަނހަ ނަވްޔާ ހާދަ ދުވަސްތަކެއް ކޮށްލާފަ." ނަވްޔާ ފެނުމުން ވަހީދާ އުފާވި ކަހަލައެވެ.
"ނަވްޔާ ހޯދަން ދާންވެގެންނޭ މި އުޅެނީ. މަގޭ ދަރި ބުނި ނަވްޔާ، މިޝާއަށް ކިޔަވައިދޭ ވާހަކަ. މިޝާ މިހާރު ވަރަށް މޮޅޭ ބުނި. މަގޭ ދަރިއަށް ވެސް ކިޔަވައިދޭންވީނު." ވަހީދާ ބުންޏެވެ.
ނަވްޔާއަށް ގަބޫލުކުރަން ދަތިވިއެވެ.
ރަނގަޅު އެއްޗެއް ދޭނަމޭ." ވަހީދާ އިތުރުކޮށްލިއެވެ.
މާތްﷲއަށް ހިތާހިތުން ހަމްދުކުރި އިރު ނަވްޔާގެ ލޯ ކަރުނައިން ފުރިއްޖެއެވެ.
************
ލޮލުން ފޭބި ކަރުނައިގެ ތެތްކަން އިހުސާސް ކުރެވުމުން ޚިޔާލީ ދުނިޔެއިން ނަވްޔާއަށް އެނބުރި އާދެވުނެވެ. ކުޑަދޮރު ލައްޕައިލުމަށް ފަހު އެނދަށް އަރާ ނިދޭތޯ އަނެއްކާ ވެސް ނަވްޔާ ބެލިއެވެ.
ނިދުނީ ލަހުން ނަމަވެސް ނަވްޔާ ފަތިހު ތެދުވިއެވެ. މިޝާއާއި މާކިންއަށް ގޮވުމުން ދާދި ފަސޭހައިން ތެދުވެއްޖެއެވެ. ހެނދުނު އަކްޔަން ނެގުމަކީ ހަނގުރާމައެއް ކުރުން ކަހަލަ ކަމެކެވެ. މިއަދު ވެސް ސްކޫލަށް ނުދާންވެގެން އަކްޔަން ބަހަނާ ދައްކަމުން ދިޔައެވެ.
"އަކޫ ނުދާނަން ސްކޫލަކަށް. މަންމި ބަލާ އަންނަނީ ލަހުން." އަކްޔަން ބޮޑާ ހޭކިއެވެ.
"މިއަދު ބަލާނަން އެންމެ ކުރިން ދެވޭތޯ. އޯކޭ؟" ނަވްޔާ ބުންޏެވެ.
"އައިސްކްރީމް ވެސް ގަނެދޭނަންތަ؟" ދަނޑިވަޅުގެ ބޭނުން ހިފަމުން އަކްޔަން ބުނެލިއެވެ.
"ހުކުރު ދުވަހު ހުރިހާ ކުދިން އެއްކޮށް ދާނީ."
"އޯކޭ." އަކްޔަން އެއްބަސްވިއެވެ.
ކުދިން ސްކޫލަށް ދިޔުމުން މާމައާ އެކު ހެނދުނުގެ ނާސްތާކޮށްފައި ނަވްޔާ ވެސް ދިޔައީ އޮފީހަށެވެ. އަމީނާގެ ފިރިމީހާ ސުލައިމާނު މީގެ ބާރަ އަހަރު ކުރިން ނިޔާވި ފަހުން އާއިލާގެ ވިޔަފާރި ކުންފުންޏާ ހަވާލުވީ އާމިރެވެ. ވިޔަފާރި ފުޅާކޮށް މެލޭޝިޔާގައި ވެސް ކުންފުނީގެ ގޮތްޕެއް ހުޅުވިއެވެ. މާލޭގެ ވިޔަފާރީގެ ކަންތައް ބަލަހައްޓަމުން ދިޔަ ފަހުދު ޕާޓްނަރަކަށް ހެދިއެވެ. ފަހުދަކީ ކުންފުނީގެ ޒަމާންވީ މުވައްޒަފެއްގެ އިތުރުން އާމިރުގެ ގާތް ރަހްމަތްތެރިއެއް ވެސް މެއެވެ. ކިޔަވައި ނިމިގެން ނަވްޔާ ކުންފުނީގައި މަސައްކަތް ކުރަން ފެށީތާ އަދިވީ ދެ އަހަރެވެ.
އޮފީހަށް ވަންގޮތަށް ނަވްޔާ ދިޔައީ ފަހުދުގެ ކެބިންއަށެވެ. ދޮރުގައި ޓަކި ޖަހައިލުމަށް ފަހު ހުއްދަ ލިބުމުން ނަވްޔާ ވަން އިރު ފަހުދު އިނީ ގަނޑުތަކެއްގައި ސޮއި ކުރާށެވެ. ނަވްޔާ ވަނުމުން އިސް އުފުލައި ބަލައިލުމަށް ފަހު ފަހުދު ހީނލިއެވެ. އުމުރުން ފަންސާހުގެ އަހަރުތައް ހޭދަކުރަމުން ދާ ފަހުދަކީ ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. މަސައްކަތްތައް ދާ ގޮތާ ބެހޭ ގޮތުން ފަހުދާ މަޝްވަރާކުރަން ބައިގަޑިއެއް ހާ އިރު ނަވްޔާ އިނެވެ. ފަހުދު ދިން ފައިލް ހިފައިގެން ނުކުންނަން ހިނގައިގަނެފައި އަނެއްކާ ވެސް ހުއްޓެން ޖެހުނީ ފަހުދު ގޮވައިލުމުންނެވެ.
"އަދި އެބައޮތް އެއް ވާހަކަ، ޕޮރްޖެކްޓް ޑިޕާޓްމެންޓްގެ ހުސްވެފައިވާ މަގާމަށް މީހަކު ނަގައިފިން. ރިޕޯޓު ކުރާނީ ނަވްޔާއަށް. މިއަދު އަންނަން ބުނެފައި އޮންނާނީ." ފަހުދު ބުންޏެވެ.
ބޯ ޖަހާލައިފައި ނަވްޔަ ނުކުތެވެ. ޖެހިގެން ހުރި ނަވްޔާގެ ކެބިނައަށް ވަންނަން ދިޔައިރު ވެސް ފޯނު ހުރީ ރިންގްވޭވޭއެވެ. ނަވްޔާގެ ދުވަހުގެ މަސައްކަތް ފެށުނީކަން އިއުލާން ކުރާ ކަހަލައެވެ. މަސައްކަތުގައި މަސްއޫލުވެފައި އިންވަރުން ވަގުތު ދިޔަ ގޮތެއް ވެސް ނަވްޔާއަކަށް ނޭނގުނެވެ. އަކްޔަން ބަލާ ދާ ގަޑި ޖެހެން ކައިރިވުމުން ޑްރައިވަރާ ގުޅާފައި ކާރު ގެންނަން ނަވްޔާ ބުންޏެވެ. ނަވްޔާ ނުކުމެނުކުމެ ހުއްޓާ ޔަޝްފާ އައިސް ވަނެވެ. ޔަޝްފާއަކީ ނަވްޔާގެ ޕީއޭ އެވެ. ކޮންމެހެން ވެސް ބައްދަލުކޮށްލަން ބޭނުންވެގެން މީހަކު އައިސް ހުރި ވާހަކަ ޔަޝްފާ ބުންޏެވެ. ފަހުގެ ގަޑިއަކަށް ހަދަން ބުނެފައި ނަވްޔާ ދާން ހިނގައިގަތެވެ. އެކަމަކު ޔަޝްފާ ބުނި އެއްޗަކުން ނަވްޔާ ހުއްޓުނެވެ. އަދި އެ މީހާއަށް ފަސް މިނެޓު ދެވިދާނެކަމަށާއި އަވަހަށް ފޮނުވުމަށް ބުންޏެވެ. ބޭނުމެއް ޖެހިގެން އަންނަ މީހަކު ފޮނުވައި ނުލާން ބުނެފައި އޮންނަނީ ވެސް ނަވްޔާއެވެ. ޔަޝްފާ ހަނދާންކޮށް ދިނީ އެ ވާހަކައެވެ.
އެ މީހާ ދިޔައިރު ދިހަގަޑި ބައިވާން ހުރީ ފަސް މިނެޓެވެ. އަކްޔަން ނިމެނީ ދިހަގޑި ބައިގައެވެ. ލަސްވެއްޖިއްޔާ އަކްޔަން މައްސަލަ ޖައްސާނެކަން އެނގޭތީ ނަވްޔާ ހިނގުން ތަންކޮޅެއް ބާރުކޮށްލިއެވެ. ލިފްޓުތައް ހުންނަ ލޮބީ އޭރިއާއަށް ވަން ވަގުތު ނަވްޔާ ކައްސައިލިއެވެ. ހިތް އަވަސްވެފައި ހުރިވަރުން އެ ސަރަހައްދު ތެތްވާނެކަމަށް ޖަހާފައި ހުރި އިންޒާރުގެ ނިޝާން ނަވްޔާއަށް ނުފެނީއެވެ. ވެއްޓެން ދާން ފެށުމުން ހަޅޭއްކެއްގެ އަޑު ނަވްޔާގެ އަނގައިން ބޭރުވިއެވެ. ވެއްޓެނީކަމަށް ހީކޮށް ދެ ލޯ ތަގުޅި ކޮށްލިތަނުން ބާރުގަދަ އަތެއްގެ ހިމާޔަތް ނަވްޔާއަށް ލިބުނެވެ. ނަވްޔާގެ ހިނދުރީގައި ޖެހުނީ ދަންނަ ވަހެކެވެ. އެ ހިނދު ނަވްޔާގެ ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ. މުޅި ކާއިނާތުގެ ހިނގުން ހުއްޓުނު ހެން ނަވްޔާއަށް ހީވިއެވެ. އެ އަތުގެ ހިމާޔަތުގެ ތެރޭގައި ކުރިން ވެސް ހުރެވުނު ކަމުގެ އިހުސާސް ނަވްޔާއަށް ކުރެވުނެވެ.
(ނުނިމޭ)