ads
އިހްސާސް
އިހްސާސް - ދިހަ ވަނަ ބައި
އެޕިސޯޑް 10
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

ސިޓިންގރޫމުން އަޑެއް އިވޭހެން ހީވުމުން ކިއާރާއަށް ބަލައިލެވުނީ ބަދިގޭ ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިއަށެވެ.

ވާހަކައިގައި ތިބުމުން ގަޑީން ވީއިރެއްވެސް ނޭގުނީ އެވެ. މިހާރަކަށްއައިސް މެންދަމު ގެއަށް އައުމަކީ އަހާންގެ ސަގާފަތެކެވެ. ނަމަވެސް މިރޭ ގަޑިން ނުވަގަޑި ބައިވީ އެވެ. މެއިޑުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިގޮތުން ކިއާރާގެ ސިކުނޑީގައި ރަނގަބީލު ޖަހައިލި އެވެ. ކޮށާފައި ހުރި ތަރުކާރީ، ބޮޑުތައްޓަކަށް އަޅާފައި އެއްކޮށްލި އެވެ. އަތް ދޮވެލުމަށްފަހު، ހިމޭންވެފައިވާ މެއިޑުންގެ ތެރެއިން ކިއާރާ ނިކުތީ ސިޓިންގރޫމްއަށެވެ. ވަގުތުގެ ގޮތުންނާއި އިވެމުންދިޔަ އަޑުތަކުން، މިރޭގެ ހާލަތު މުޅިން ރަގަޅު ނޫންކަން ޔަގީންވި އެވެ.

ދޮރުކަނީގައި ލައްވެގެން، އޭނާގެ ދިގު އިނގިލިތަކުން ނިއްކުރީގައި ބާރަށް ހިފަހައްޓައިގެން އޮތް އަހާން ފެނުމުން އޭނާއާއި ދިމާއަށް ކިއާރާ ދުއްވައިގަތެވެ. 

"އަހާން...!؟" އަހާންގެ ހާލަތު ކިއާރާގެ ހިތުގައި ރިހުމެއް އުފައްދާލި އެވެ. 

"މިހާ ލަސްވީމަ، މިތާގަ ކީއްތި ކުރަނީ..؟ ނުވެސް ނިދަންތަ..؟ ލަސްނުކޮށް ކިއާރާ ނިދައްޗޭ ބުނިން ދޯ!" އަހާންގެ ރިހުމާއި ވޭން އޭނާ ހަނދާންނެތުނީއެއް ނޫނެވެ. ނަމަވެސް އެވަގުތު ސިޓިންގރޫމުން ކިއާރާފެނުމުން އުފެދުނު ސުވާލުތައް ގިނައީ އެވެ. 

"އަދި ލަހެއްނުވޭ.. އަޅުގަނޑު މަޑުކޮށްގެން މިހުރީ އަހާންއަށް.. އަހާންގެ ޑިނަރ ތައްޔާރަށް ހުރީ.. ހިނގާ ކާން ދާން..!؟" އަހާން އެތެރެއަށް ވަންނަން ޖާގަ ދެމުން ކިއާރާ އެއްފަރާތަކަށް ޖެހިލީ އިސްޖަހައިލަމުންނެވެ. 

"ޑިނަރ..؟ މިހާ ލަސްވަންދެން ތިޔަހުރީ އަހަރެންގެ އިންތިޒާރުގައި..؟ ވައި..؟" އުފެދުނު ސުވާލުތައް ދުލުގައި ތަޅުއަޅުވާފައި ބާއްވާކަށް އަހާން ބޭނުމެއް ނުވި އެވެ. 

"ކޮންމެ ރެއަކުވެސް މަޑުކުރަން..! އެގާރަގަޑިބައި ނުވަތަ ބާރަޖަހަންދެން ކޮންމެ ރެއަކުވެސް އަހާންއަށް އިންތިޒާރުކުރަން..! އަހާން ނުކަންޏާ އަޅުގަނޑުވެސް ނުކާނަން..'' މަޑުމަޑުން ކިއާރާ ބުނެލީ ކިހައިވަރެއްގެ ބުރަދަނެއްގެ ވާހަކައެއްކަން ކިއާރާއަށްވެސް ނޭގޭނެ އެވެ. 

"ވައި..؟ މިހައިތަނަށް ދުވަހަކުވެސް އަހަރެންގެ އިންތިޒާރުގައި މީހަކު މަޑެއްނުކުރޭ..! އަހަރެން ކެއީތޯ ނުކައިތޯ ބަލާކަށް ގޭގައި މީހަކު ނުހުރޭ..!" ބޮލުގައި ދެއަތުން ހިފަހައްޓަމުން އަހާން އުޅުނީ ހިގައިގަންނާށެވެ. ނަމަވެސް އަރި އަޅައިލި ވަގުތު ހުށިޔާރުކަމާއެކު އަހާންގެ ގައިގަ ހިފެހެއްޓީ ކިއާރާ އެވެ.

"އަހާން... މަޑުމަޑުން ފިޔަވަޅުނަގާ.." އަހާންގެ ދިގު  އިސްކޮޅުގެ ބަރު ކިއާރާ ކޮންޓްރޯލްކުރީ އުދަގުލުންނެވެ. 

"ހުރިހައި ކަމެއްގައިވެސް އެހެން އެންމެންނާއި ކިއާރާ ތަފާތީ ކީއްވެ..؟" އަހާންގެ ސުވާލުން ކިއާރާގެ މޫނުމަތީގައި ތަޒާކަން އިތުރުވީ ހިނިތުންވުމެއްގެ ސަބަބުންނެވެ. އަހާންގެ ސުވާލަށްދޭނެ ޖަވާބެއް ކިއާރާގެ ކިބައިގައި ނެތެވެ. ފަރުވާތެރިކަމާއެކު އަހާންގެ ބޮލުގެ އިސްތަށިގަނޑު ތަރުތީބު ކޮށްލީ ކިއާރާގެ ހިމަހިމަ އިނިގިލިތަކުންނެވެ. އަދި މޫނުގައި މަޑުމަޑުން ފިރުމާލި އެވެ. އަހާންގެ ހާލަތާއިމެދު ކިއާރާ ވިސްނާކަން، އޭނާގެ އޯގާތެރި ހަރަކާތުން އަހާން ފާހަގަކުރި އެވެ. 

"ކޮންތަނެއްގައި ރިއްސަނީ އަހާން..؟" މަޑުމަޑުން ކިއާރާ ސުވާލުކޮށްލި އެވެ.

"އޮޅިގެން މާބައިވަރު ބޭސް އެއްފަހަރާ ކެވުނީ... ވަރަށް ބޮޑަށް ބޮލުގައި ރިއްސަނީ.. ބާއި..!"

ކިއާރާގެ އަތުގެ ތެރެއިން އަހާން ދެމިގަތީ، ކިއާރާގެ ފިރުމުންތަކުން އޭނާއަށް ތަފާތު ގޮތްތަކެއް ވާކަން ފާހހަގަކުރެވިގެންނެވެ. އަހާން ބުނި އެއްޗެއް ހަޖަމުކުރާން ކިއާރާއަށް ފަސޭހަ ނުވުމުން ތަކުރާރުކޮށް، އެ ޖުމުލައަށް ވިސްނައިލެވުނެވެ. ކޮން ބޭސްތަކެއް ހެއްޔެވެ؟ އެއް ފަހަރާ ގިނަ ބޭސްތަކެއް ކާންޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟

ނުހަނު އުނދަގުލުން ރެއިލިންގައި ހިފަހައްޓަމުން ގޮސް، ކޮޓަރިއަށްވަދެ އަހާން ދޮރުލެއްޕި އެވެ. ފެންކަޅިވެފައި ކިއާރާއަށް ހުރެވުނީ އަހާންގެ ހާލަތަށް ހަމްދަރުދީ ވެވޭތީ އެވެ. 

"ތިގޮތަށް ކަންތައް ތިކުރަނީ ކީއްވެ އަހާން..؟" މަޑުމަޑުން ކިއާރާ ސުވާލުކޮށްލީ ހިމޭންކަމުގެ ތެރެއިން ޖަވާބެއް ލިބޭތޯ އެވެ. ހަމަހިމޭންކަމާއި ފަޅުކަން ނޫނީ ގޭގެ ހަތަރުފާރުތެރެއިން ކިއާރާއަށް އިހްސާސްނުވި އެވެ.

...................

އަހާންގެ ކޮޓަރީގައި ކިއާރާ ޓަކި ޖަހައިލި އެވެ. 

"ކަމިންގ.." އަހާންގެ އަޑުއިވުމުން ކިއާރާގެ ހިތުގެ ހިނގުން އަވަސްވި އެވެ.

ދޮރު ހުޅުވާލުމާއެކު ބަހެއް ނުބުނެ ކިއާރާ ވަނީ އެތެރެއަށެވެ. 

"އަޅުގަނޑަށް ގޮވައިލިން ތޯ އަހާން..؟" އަދަބުވެރިކަމާއެކު ކިއާރާ ސުވާލުކޮށްލި އެވެ. 

އަހާންގެ އަތުގައި އޮތް ފައިލްގެ ލިޔުންތަކަށް އޭނާގެ ސަމާލުކަންވަނީ ހުއްޓިފަ އެވެ. ކިއާރާގެ ސުވާލަށް ޖަވާބު ލިބުމަށް ވަގުތު ނެގި އެވެ.

"އޯހ..! ކިއާރާ..! ޔެއަހހހ...! އަހަރެން ކިއާރާއަށް މިގޮވަނީ މީތި ހަވާލުކޮށްލާންވެގެން.." ބޮޑު ސިޓީއުރައެއް ދިއްކޮށްލަމުން އަހާން ބުންޏެވެ.

"މިއީ ކޯންޗެއް..؟" 

"ހުޅުވާލަބަލަ.."

ހައިރާންވެފައި ސިޓީ އުރައަށް ބަލައިލަމުން ކިއާރާ އޭތި ހުޅުވާލާފައި އެތެރޭގައިވާ ލިޔުންތައް އޭނާގެ އަތަށށް ނެގި އެވެ. ފަރުވާތެރިކަމާއެކު ކަރުދާހުގެ މަތިން ތިރިއަށް ބަލައިލި އެވެ. 

"އެޑްމިޝަން ފޯމް ފުރާލާފައި ސޮއިކޮށްލާފައި ގެނޭ އިންގޭ... އޮންލައިންކޮށް އޭލެވެލްވެސް  ހަދާލާންވާނެ..! އެކަމަކު މިއަންނަ ހަފްތާގައި ފެށޭ ނަރސިންގ ކޯހުން ޖާގަހޯދައިފިން... އޭގެ އެޑްމިޝަން ފޯމް ތިއީ.. އޭލެވެލްއަށް ކިޔަވަމުން ތިވަރުގެ ބޮޑުކަމެއް ކުރެވޭނެތަ ކިއާރާއަށް..؟" 

އަހާން ސުވާލުކޮށްލީ ޖަވާބު އެނގިހުރެ އެވެ. އެއްފުރާޅެއްގެ ދަށުގައި ހޭދަކުރެވުނު މުއްދަތުގައި ކުޑަމިނުން އަހާންއަށް އެވަރު އެނގިއްޖެ އެވެ!

"ތޭންކް ޔޫ... ތޭންކް ޔޫ.. ތޭންކް ޔޫ.. ސޯ މަޗް.." ލިބުނު ބޮޑު 'ސަޕްރައިޒް'ގައި ކިއާރާގެ އުފަވެރިކަން އިންތިހާ އެވެ. އުފަލުން ހެދޭނުހެދޭ އެއްޗެއް ނޭގި އަހާންގެ ކަނދުރާގައި ދެއަތް އަޅުވާފައި ކިއާރާ ބައްދައިލީ ހަމަކުއްލިޔަކަށެވެ.  

އަހާންގެ ހަރަކާތް ހުއްޓުނީ ލިބުނު ޝޮކްގަ އެވެ. ނަމަވެސް ކިއާރާގެ މި ގާތްކަމުން އަހާންގެ ނާރުތަކުގައި ލޭ ހިނގުން ބަދަލުވެއްޖެ އެވެ. ވަކިވަކި ގުނަވަންތަކުގައި ވިންދު ޖަހުވާލައިފި އެވެ.

ދުވަހަކުވެސް ނުލިބޭފަދަ ހިތްހަމަޖެހުމަކާއި އަރާމެއް އަހާންއަށް ލިބިއްޖެ އެވެ. ބޮލުގެ އިސްތަށިގަނޑުން ދުވަމުން ދިޔަ ހިތްގައިމު މަޑުމަޑުވަހުން އަހާންއަށް ލޯ މަރައިލެވުނެވެ. ލިބުނު ޖަޒްބާތުގެ އޮއެވަރުގައި މުލައްދަނޑީގައި ހުރި ބާރެއްލާފައި އަހާންގެ ދެއަތުގެ ތެރޭގައި ކިއާރާ ބޮނޑިކޮށްލެވުނީ އިހްތިޔަރަކާއި ނުލަ އެވެ. ހިތް ފުރެންދެން އެ ހިތްގައިމުކަން ލިބިގަތުމަށް އަހާންގެ ހިއްސުތައް މަސައްކަތްކުރި އެވެ. 

ތުނިތުނިކޮށް ފަޅާފައިވާ ތުނބުޅި، ކިއާރާގެ ކަނދުރާގައި ބީހިގެންދިޔަވަގުތު، އޭނާގެ ހިއްސުތައް ހޭލައިފި އެވެ. މަޑުމަޑުން އަހާންގެ އަތުގެ ތެރެއިން ކިއާރާ ދެމިގަތެވެ. ދެތިން ފިޔަވަޅެއް ފަހަތަށް ޖެހިލުމަށް މަސައްކަތްކުރީ އިސްޖަހައިގެން ހުރެ އެވެ. 

"ވަޓް - ވޯޒް - ދެޓް..؟!" ކިއާރާގެ ނޭފަތުގައި އަހާންގެ ނޭފަތްޖެހޭވަރަށް ގުދުވެލާފައި ސުވާލުކޮށްލި އެވެ. ދެމީހުންގެ ހޫނު ނޭވވާއިން ކޮޓަރީގެ ފިނިހޫނުމިން މައްޗަށްދާކަމެއް އިހްސާސެއް ނުވެ އެވެ.

ލިބުނު ލަދުވެތިކަމުގައި ކްރިމްސަންގެ ހުރިހައި ކުލައެއް ކިއާރާގެ މޫނުން ފެނުނެވެ. ލަދުވެތިކަމުން އިސްޖަހައިގެން ހުރެ އަހާންއާއި ދިމާއަށް ނުބަލާ އެ ކޮޓަރީގެ އެތަން މިތަނަށް ބަލަން ކިއާރާ މަސައްކަތްކުރި އެވެ. ނަމަވެސް ހިނދުކޮޅަކަށްވެސް އަހާންގެ ކުރިމަތީގައި ހުރުމަށް އިތުރަށް ކުޅަދާނައެއް ނުވި އެވެ. ދުވެފައި އައިސްވަނީ ކިއާރާގެ ކޮޓަރިއަށެވެ. ދޮރުލެއްޕުމާއެކު ކަނދުރާގައި ފިރުމާލި އެވެ. މޮޔައެއް ފަދައިން ހެމުން، އަމިއްލަ އިނގިލީގައި ދަތްއެޅުނުއިރުވެސް ކިއާރާއަށް ނޭގުނެވެ. 

............

ފަތިސްނަމާދުކޮށްގެން ކިއާރާ ނިކުތީ ގޭގެ ބިއްދޮށުފަރާތުގައިވާ ބަގީޗާއަށެވެ. މާމެލާމެލީގެ ތާޒާކަމުން މުޅި ސަރަހައްދު އެއްވަސްކޮށްލަފައިވަނީ ފަތިހަށް ފޮޅުނު ފިނިފެންމާތަކުގެ ތާޒާކަން ހިތްތަކަށް ފޯރުކުރަމުންނެވެ. އާދައިގެމަތީން ކުދި ދޫނިތައް އެސޮރުމެންގެ ދުވަހުގެ ތަހުނިޔާގައި އަވަދިނެތި ހަރަކާތްތެރިވި އެވެ. ހިނިތުންވެފައި ކިއާރާ ބަލަހައްޓައިގެން ހުރީ، ގަސްތަކުގެ ތެރޭގައި މިނިވަންކަމާއެކު އުފާކުރަމުންދިޔަ ދޫނިތަކަށް ހާރޫނުބެ ކާންދޭ މަންޒަރަށެވެ. އެއީ ކިއާރާގެ ކޮޓަރީގެ ކުޑަދޮރުން ބަލާލައިގެން ފުއްދާލެވޭ ވަރަށްވުރެން މާ ހިތްގައިމު މަންޒަރެކެވެ. މިހައި ގާތުން މިމަންޒަރު ފެނުނު މިއީ ފުރަތަމަ ދުވަހެވެ.

އާންމުކޮށް އެގަޑީގައި ދުވަން ނިކުތުމަކީ އަހާންގެ އާދައެކެވެ. ބަގީޗާގެ ތެރޭގައި ބައެއް ކަސްރަތުކޮށްލުމަށްފަހު ހާރޫނުބެއަށް ދުވަހުގެ ތަހުނިޔާ ރައްދުކޮށްފައި އަހާންގެ ދުވަސްފެށުމަކީ، ކިއާރާގެ ކުޑަދޮރުން ފެންނަ އެންމެ އުފާވެރި އެއް މަންޒަރެވެ. އުމުރުން ދުވަސްވީ ހާރޫނުބެއަކީ އަހާންގެ ބަގީޗާތައް ބެލެހެއްޓުމުގެ މާހިރެވެ. 

"އައްސަލަމް އަލައިކުމް ހާރޫނުބޭ.. ވަރަށް އުފާވެރި ބާއްޖަވެރި ދުވަހަކަށް އެދެން.." ހާރޫނުބެއާއި ގާތަށްޖެހިލާފައި ކިއާރާ ބުނެލި އެވެ.

ކިއާރާގެ ސަލާމަށް ޖަވާބުދިނުމަށްފަހު، ހާރޫނުބޭގެ އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލައިލި އެވެ.

"މިއަދު އަހާން ބަލީތޯ؟ އެހެންނޫނީ މިގަޑީގައި ފެންނާނީ އަހާން... މިއަދު ޑިއުޓީ ބަދަލުވީ ތޯ!" ޔަގީންނުވާކަހަލަ ގޮތަކަށް ހާރޫނުބެ ސުވާލުކޮށްލީ ކިއާރާއާއި ސަމާސާ ކޮށްލުމަށެވެ.

ހާރޫނުބޭގެ ސުވާލުން ކިއާރާގެ ގައިން ހީބިހި ނަގުވާލި އެވެ. ތެދެކެވެ. އިއްޔެ ހަވީރު އޮފީހުންއައިސް ކޮޓަރިއަށް ވަންފަހުން އަހާން ބޭރަކަށް ނުނިކުމެ އެވެ. ލިބުނު ނުތަނަވަސްކަމުގައި ކިއާރާއަށް ތެޅިގަނެވުނެވެ. ދުވެފައި ދިޔައީ އަހާންގެ ހަބަރެއް ބަލާށެވެ. 

ކޮޓަރީގެ ދޮރުގައި ދެތިންފަހަރު ކިއާރާ ޓަކިޖަހައިލުމުންވެސް އަހާންގެ ހަބަރެއް ނުވި އެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި ތަޅުގައި ހިފައި އަނބުރާލި އެވެ. ތަޅުނުލާ ހުރީތީ ކިއާރާ ދޮރުހުޅުވާލަމުން އަހާންއަށް ދެތިންފަހަރު މަޑުމަޑުން ގޮވައިލި އެވެ. އެއްވެސް ހަބަރެއް ނުވުމުން ހައިރާންވެފައި އެތެރެއަށް  ބޯދިއްކޮށްލާފައި ބަލައިލި އެވެ. އެނދުގެ އެއްފަރާތުގެ އަރިމަތީގައި ބޯ އަޅައިގެން އަހާން އޮތީ ކާޕެޓްމައްޗަށް ދެމިފަ އެވެ. ކިއާރާގެ ދެފައިކޮޅުން ވާގިދޫވިހެން ހީވުމުން ދޮރުގައި ހިފަހައްޓާލި އެވެ. 

..............

"ކިއާރާ.. އައި އެމް އޯކޭ... ކުޑަކުޑަކޮށް ހުން ހުރީ...!" ވަރުދެރަވެފައި ހުއްޓަސް، އެކަން ފޮރުވަން މަސައްކަތްކުރެވޭތޯ އަހާން ހިއްވަރު ކުރި އެވެ. 

"ކުޑަކޮށް ހުއްޓަސް ބޮޑުކޮށް ހުއްޓަސް މިއަދު އަހާންއަށް އޮފީހަކަށް ނުދެވޭނެ.. ގޭގައިވެސް އޮފީހުގެ މަސައްކަތެއް މިއަދަކު ނުކުރެވޭނެ.. އޮށޯވެލާ..! އަރާމުކޮށްލާ!" އަހާން އޮށޯންނަން ބާލީސް ބާއްވައިދެމުން  ކިއާރާ ވާހަކަދެއްކީ އަހާންއަށްވުރެން ބާރަށެވެ. 

ދެ ދުވަސްކުރިން ފެށިގެން އަހާން ހުން އަންނަކަން ކިއާރާއަށް އެނގުނީ ޑޮކްޓަރާއި އަހާންއާއި ދެމެދު ދެކެވުނު ވާހަކައިގެ ތެރެއިންނެވެ. 

އަނެއްކާވެސް ފޯނު ހިފައިގެން އަހާން ތެދުވާން އުޅުމުން އަހާންގެ ފޯނު އަތުލާފައި ކިއާރާ، އަހާންއަށް ދެއްކީ އޮށޯންނަށްވީ ބާލީހެވެ. 

"ކިއާރާ.... ޕްލީޒް!" އަހާން އާދޭސްކޮށްލީ އޮފީހަށް ދިއުމުގެ ހުއްދައަށެވެ. ހަމައެވަގުތު އަހާންގެ އަނގަމަތީގައި ކިއާރާގެ އަތް އަޅައި އޭނާ އިތުރަށް ވާހަކަދެއްކުން ބަންދުކޮށްލި އެވެ. 

"އެއްވެސް އެއްޗެއް ނުބުނެ ހަމަ މިވަގުތު އޮށޯވޭ...އެހެންނޫނީ މި ގުޅަނީ ޑޮކްޓަރަށް.. މިފަހަރު ބުނާނަން ތަންކޮޅެއް ފަލަ، ވަރުގަދަ އިންޖެކްޝަން ކައްޓެއް ގެއްނާށޭ..! އޭރުން ކުރީ ދުވަހަށްވުރެން ބާރަށް ކަށި ކޮއްޕާލީމަ، އެއަށްވުރެން މާބޮޑަށް ތަދުވާނެދޯ.." އަހާންއަށް ބިރުދައްކާލުމަށް ކިއާރާ ވާހަކަ ދައްކަމުންދިޔައިރު އަހާންގެ އެސްފިޔަވެސް ޖަހައިނުލާ ބަލަމުން ގެންދިޔައީ ކިއާރާގެ މޫނަށެވެ. ކިއާރާގެ އަތް އަދިވެސް އޮތީ އަހާންގެ އަނގަމަތީގަ އެވެ. ކުއްލިޔަކަށް ކިއާރާއަށް އިހްސާސްވީ ކިއާރާގެ އަތުގައި ކޮކާފިޔަޖަހަމުންދާފަދަ އިހްސާސެކެވެ. 

ގަތްލަދުން ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. އަހާން ތުންފަތުގެ އިޝްގީ ހަރަކާތުން ކިއާރާ މޯޅިކޮށްލީ އިސްއުފުލައި ބަލައިލަންކެރޭވަރަށްވުރެން މާގަދަ ޖަޒްބާތެއްގަ އެވެ. 

އެކަކު އަނެކަކަށް ނޭގި ދެމީހުންގެ ގުޅުން ގާތްވަމުން ދިޔައީ ވަގުތާއި ހާލަތަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގަ އެވެ. ދުރުކަން ގާތްކަމަށް ބަދަލުވެ ދެމީހުންގެ ދެމެދު ކުރެވޭ މުއާމަލާތުތައް ގިނަވާން ފެށި އެވެ. އެނގުމާއި ނޭގުމުގެތެރެއިން ކުރެވެމުންދިޔަ ސަމާސާތަކާއި ބަދަލުކުރެވެމުންދިޔަ ވާހަކަތަކުން އެކަކު އަނެކަކަށް ކުރެވޭ އިތުބާރާއި ޔަގީންކަން ވަރުގަދަވި އެވެ. އަދި ހިއްސާކުރެވުނު ކަންކަން ދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެނގޮސްދިނީ އެކަމުގެ ހަބަރެއް ހިތާއި ސިކުނޑިއަށްވެސް ނޭގޭނެހައި ސިއްރުންނެވެ.  ކިއާރާ ދެކެމުންދިޔަ ހުވަފެން ސީދާވާނެކަމުގެ ފެހި ސިގުނަލް އޭނާ އަމިއްލައަށް އުފައްދަމުން ދިޔައީ އަހާންއަށް ވިސްނައިދިނުމަށް ވަގުތތު ބޭނުންވާކަން އެނގިހުރެ އެވެ. 

އެއްފުރާޅެއްގެ ދަށުގައި ދިރިއުޅެން ފެށިފަހުން ހަތަރު މަސް ފާއިތުވީ އެވެ. ކިއާރާގެ އުއްމީދުތަކުގައި ކުލަޖައްސަން އޭނާ ބޭނުންވަނީ އަހާންގެ ހިތުން ޖާގަ ލިބިގެންނެވެ. ލޯތްބާއި އިތުބާރަކީ ދުނިޔޭގައި ވުޖޫދުކުރެއްވި އެއްޗެއްކަން އަހާންގެ އަމިއްލަ ސިކުނޑޑިން ވިސްނައި ހިތުން އިހްސާސްކުރާން ކިއާރާ ބޭނުމެވެ. ނަމަވެސް ތަގްދީރު ކިއާރާއަށް ހަމްދަރުދީވާނެކަމުގެ އެއްވެސް ކުލައެއް ނުދެއްކި އެވެ. 

"ކިއާރާ.. އާދެބަލަ..! މި ފޮޓޯތައް ބަލާލަބަލަ..! މި ހުރިހާ ކުދިންވެސް ނިސްބަތްވަނީ ތަނަވަސް، އަދި ގަދަރުވވެރި އާއިލާތަކަށް.. މީގެ ތެރެއިން އެންމެ ކުއްޖަކު ކިއާރާއަށް ކަމުދިއަޔަސް އެ އާއިލާއަކާއި ވާހަކަދައްކައިގެން އަހަރެން އެކަންތައް ކުރިއަށް ގެންދާނަން.. މިއިން ކޮންމެ އާއިލާއެއްގެ ވިޔަފާރިވެސް ކޮޅަށްޖަހައިދީފައި ހުންނާނި އަހަރެން.. މިހާރުވެސް އެމީހުންނަށް ދިމާވާ ހުރިހައި ބޮޑެތިކަންކަމެއް ހަމަޖައްސައިދެނީ އަހަރެންގެ ކޮމްޕެނީން.. އެހެންވީމައި ކިއާރާގެ ސަލާމަތާއި ރައްކާތެރިކަމަށް މި އާއިލާތަކަށް އަހަރެންގެ އިތުބާރު އެބައޮތް.. ކަމެއް ކުޑަކޮށް ގޯސްވަމުން ދިޔަޔަސް އަހަންނަށް އިނގޭނެ.." ޔަގީންކަމާއި އިތުބާރާއިއެކު އަހާންގެ ނިންމުމާއިބެހޭގގޮތުން ކިއާރާއަށް މައުލޫމަތުދެމުންދިޔައީ ހިޔާލީ ހިނިތުންވުމެއްގައި އިނދެގެންނެވެ. 

ކިއާރާގެ ދަތްދޮޅި ތިރިކޮށްލެވިފައިވާ މަންޒަރެއް އަހާންގެ ލޮލަކަށް އަމާޒެއް ނުވި އެވެ. މާޔޫސްކަމާއެކު ކިއާރާއަށް ބަލައިލެވުނީ އަހާންގެ އިހްސާސްތައް ދެނެގަނެވޭތޯ އެވެ. އެވަގުތު ސިކުނޑީގައި އުފެދުނީ ސުވާލެކެވެ.

"ކީއްވެ..؟" ނުހަނު މަޑުމަޑުން ކިއާރާ ސުވާލުކޮށްލި އެވެ. 

"ކީއްވެހޭ..؟ ކީއްވެހޭ އެހުމުގެ މާނައަކީ ކޮބާ؟ އަހަރެން ކުރިންވެސް ބުނިން ދޯ، އަހަރުމެންގެ ޑިވޯސްއަށްފަހު ކިއާރާ ފުރިހަމަ ދިރިއުޅުމެއްގައި ސެޓްލްކޮށްފައި ނޫނި އަހަރެން ކިއާރާ ދޫކޮށްނުލާނަމޭ.. އެހެންވީމައި އަހަރެންގެ ވައުދު ފުއްދުމަކީ އަހަރެންގެ ޒިންމާއެއް ދޯ..! ކިއާރާއަށް ހޯދައިދޭން އަހަރެން ބޭނުމީ ވަރަށް ފުރިހަމަ ކުއްޖެއް... ޔޫ ނޯ، ޔޫ ޑިސަރވް ދި ބެސްޓް..! އަހަރެން ބޭނުމެއް ނޫން ކޮންމެ ކޮންމެ މީހެއްގެ އަތްމައްޗަށް ކިއާރާ ދޫކޮށްލާކަށް.. އެއަށްވުރެން މާފުރިހަމަ އަންހެންކުއްޖެއް ތިއީ.." އަހާންގެ ސްޓޭޓްމެންޓް އަޑުއިވިފައި ކިއާރާގެ ދެލޯ ބޮޑުވި އެވެ. ލިބުނު ޝޮކްގައި ލޮލުގެ ކަޅި ނުނިކުތީ ކިރިޔާ އެވެ. 

ކިއާރާއަށް ހިތާއި ހިތާއި ކިޔާލެވުނެވެ. 'މާނައަކީ މިއޮއްހުރިހައި ދުވަހު އަހަންނަށް ހުރެވުނީ ކުށް ހީއެއްގައި ހެއްޔެވެ.؟ (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް