ކާމޭޒުކައިރިން ތެދުވެފައި މަޑުމަޑުން ސިޓިންގރޫމްގެ މެދާ ހަމައަށް އައިސް ކިއާރާ ހުއްޓުނުވެ.
"ކުއްލިގޮތަކަށް ދިމާވި ކަމެއް..؟ އެއްޗެއް ނުވިސްނޭވަރުގެ ކުޑަކުއްޖެއްތަ ތިއީ..؟ އަހާން ކަހަލަ މީހަކަށް ތިވަރުގެ ދަށު ދަރަޖައިގެ ކަމެއްކުރާން މަޖުބޫރުކުރެވޭނެ މީހަކު އުޅޭނެތަ..؟ މިވަރުގެ މަޅިޔަކަށް އެރުމުގެކުރިން، އަހަންނަށް ގުޅާލާފައި ހިއްސާކޮށްލަން އެންމެ ފަހަރަކުވެސް ހިތައް ނޭރިތަ؟ އަހަންނަށް ގުޅާލުން އެއީ އަހާންއަށް މުހިއްމުކަމަކަށްވެސް ނުވިތަ..!؟ އަހްސަން ނުބުނިނަމަ އަހަންނަށް މިހިސާބުންވެސް ނޭގުނީސް.. އެނގޭނެ ގޮތެއްވެސް ނޯންނާނެ...! އަހާން ބޭނުންވަނީ ތިކުރި ކަންތައް އަހަންނަށް ސިއްރުކުރަން..! ޖަސްޓް ވައޮ...! ގް-ރެ-އި-ޓް..!" މަލާމާތަށް ވާހަކަދެއްކުމަށްފަހު އަތްތިލަބަޑިޖަހާފައި ހަޔާ ހޭންފެށި އެވެ.
"ހަޔާ...ހަމަޖެހިބަލަ.. ޕްލީޒް! އަހަރެން ހަޔާއަށް އޮޅުވާލަންވީ ސަބަބަކީ ކޮބާ؟ އެވަގުތު އަހަރެން އެ ކަން ނުކުރިނަމަ، ކުށެށް ނެތް އަންހެން ކުއްޖެއްގެ ފުރާނަ އެމީހުން ދުއްވާލާނެ..! އޭނާ މިއަދު ދިރިނުހުރީސް..!" ބުނަން ބޭނުން ނުވިޔަސް ފަހު ޖުމުލަ އަހާން ބުންޏެވެ. ހަޔާއަށް ވިސްނޭތޯ އެވެ. ކިއާރާއަށް އަހާން ބަލައިލީ މާޔޫސީ ނަޒަރަކުންނެވެ.
"ތި ބުނާ މީހަކު ދިރިހުށްޓަސް މަރުވިޔަސް އަހާންއަށް ކޮންކަމެއް..؟ އޭނާއަކީ އަހާންއަށް ކާކު..؟ ކުއްލިޔަކަށް އަހާންއަށް އޭނާ އެހައި މުހިއްމުވީ ކީއްވެ..؟ އޭނާގެ މައްޗަށް ތިވަރުގެ ހަމްދަރުދީއެއް އުފެދުނީ ކީއްވެ؟" ރުޅިވެރިކަމާއެކު ހަޔާ އަޑުގަދަކުރަމުން ދިޔައީ ނުހަނު ބާރަށެވެ.
"ތި ސުވާލުތަކުގެ ޖަވާބު އެންމެ ރަގަޅަށް އެނގޭނީވެސް ހަޔާއަށް.. އަހަރެންގެ ކުރިމަތީގައި މީހަކަށް އެވަރުގެ ދެރަ ނިކަމެތިކަމެއް ނުވަތަ އެވަރުގެ ލާއިންސާނީ އަނިޔާތަކެއް ދޭތަން ބަލަން އަހަންނެއް ނުހުންނާނެ..!'' އަހާން ބޭނުންވީ އަދިވެސް ހަޔާއަށް ވވިސްނައިދޭށެވެ.
"ރިއަލީ...!؟ ހަމަ އެ ނޫން އެއްގޮތެއްވެސް ނެތް ދޯ...! ހަމަ ކުއްލިޔަކަށް ކައިވެނި ކޮށްގެން އަހާންގެ މީހަކަށް އޭނާ ހަދައިގެން މާލެއަށްވެސް ގެނައީ...! އެ ނޫން އެހެން އެއްގޮތެއްވެސް ނެތް..! ސީރިއަސްލީ...؟ އަހަރެން މިއީ ކުޑަކުއްޖެއްކަމަށްތަ އަހާން ހީކުރީ..؟" މޭދަށުގައި ހަޔާ ހަށަމް ބަނދެލި އެވެ.
ހަމައެވަގުތު ހަޔާގެ ލޮލުގައި އަޅައިގަތީ ކިއާރާ އެވެ.
"އޯހހޯހހ.... ޝީ އިޒް ދަ، ނޮޓް- ސޯ- ލަކީ- ވަން...! އަހާންގެ ހޮވުން މިހާ ދަށުދަރަޖައަށް ވެއްޓުނީ ކޮން އިރަކު..؟ ބަލާބަލަ މިހިރަ މީހެއް... ބލޑ- ލޯ ކްލާސް- ރަށްފުށު- ކައްޕަޅި ފޭރޭ...!" ދެ ލޯ އަޅާލާފައި ހަޔާ ކުރިމަތިލީ ކިއާރާއާ އެވެ. އެވަގުތު ކިއާރާގެ އެސްފިޔަތަށް ތިރިކޮށްލީ ގަތް ލަދުންނެވެ. އޭރު އަހާންގެ ދެއަތް މުއްކެވި، ދަތްކުނޑިވިކާލައިފި އެވެ.
"ހަޔާ... މައިންޑް-ޔޯ-ލެންގްއޭޖް..!" އަހާންގެ ދެ ލޯ ރަތްވެއްޖެ އެވެ. އެއަޑު އެހުމެއްނެތި ހަޔާ ކައިރިވެލީ ކިއާރާއާ އެވެ.
"އަހަރެންގެ އަހާންއާއި ކައިވެނި ކޮށްގެން އޭނާގެ މައްޗަށް ކަލޭގެ ހައްގު އޮތްކަން ދުނިޔެއަށް ދައްކަން ތިއއުޅެނީ ކަލޭގެ ފެންވަރު ކަލެއަށް އެނގިގެންތަ..؟ އަހާންއާއި އެއް ހަމައަށް ކަލޭ އަންނާނީ ކިހިނެއް..؟ އެ ފެންވަރާއި ގާތަށްވެސް ކަލޭ، އުމުރު ހުސްވިޔަސް ކައިރި ނުވެވޭނެ.. ކަލެއަށް ދުވަހަކުވެސް ހަގީގީ މާނައިގައި އަހާންގެ އަންބަކަށް ނުވެވޭނެ.. އެކަމަކު ފާއިތުވި ދެތިން ރެއއެކޭ އެއްގޮތަށް އެނދުމަތީގައި އަހާންގެ ސް-** އަކަށް ވެވިދާނެ.."
ހަޔާގެ ލަދުވެތި ތުހުމަތަށް ކެތްނުވުމުން ކިއާރާގެ ދެކަންފަތުގައި ނުހަނު ބާރަށް ދެއަތް އެޅި އެވެ. އިތުރު ބަދުނާމަކާއި އެފަދަ ލަދުވެތި އިލްޒާމްތަކެއް އަޑުއަހަން ކިއާރާގެ ކަންފަތަށް އިތުރަށް ކެތެއް ނުވާނެ އެވެ. އަހާންގެ އަޑުން މުޅި ގެ ގުގުމައިގެން ދިޔައީ އެވަގުތު އެވެ.
"ހަޔާ.... ސްޓޮޕް އިޓް..!!!! ފަހު ފަހަރަށް އަހަރެން މިބުނަނީ.. ތިގޮތަށް ކިއާރާއާއި ވާހަކަ ނުދައްކާ..!" އަހާންގެ އަޑުގައި މިފަހަރުވަނީ އަމުރުވެރިކަމެވެ.
ހަޔާގެ ނަޒަރު ކިއާރާގެ ހަށިގަނޑުން ވަކިނުކުރެ އެވެ.
"ދުވަހަކު ދެކެފައިނުވާ، ނުދަންނަ، ދަށުދަރަޖައިގެ ރާއްޖެތެރޭ މުޑުދާރު، ފޭރޭ އަންހެނަކާ ކުއްލިޔަކަށް ކައިވެނިކޮންގެން ގެއަށްގެނެސް ދެދުވަސް ނުވަނީސް، އަހާންއަށް ތިވަރުގެ ބަދަލެއް އައީތީ އަހަރެން ހައިރާންވެއްޖެ.. އެންމެ ސިކުންތަކަށްވެސް މި ބ-* އަހަންނަށް ތަހަންމަލެއް ނުކުރެވޭނެ... ކަލެއަށް ކަލޭގެ...." ކިއާރާގެ ރުޅިވެރިކަމާއި ނަފްރަތާއި ހަސަދަ ހައްދުން ނައްޓައިފި އެވެ.
ހަޔާގެ ޖުމުލަ އޭނާއަށް ނުނިންމެނީސް މޫނުމަށްޗަށް އެރީ ހޫނު އަތްތިލައެކެވެ. ސިއްސައިގެން ގޮސް ހަޔާއަށް ބަލައިލެވުނީ ރުޅިވެރިކަމާއެކު އަތް ތިރިކޮށްލި އަހާންއަށެވެ. ލިބުނު ހައިރާންކަމާއި ޝޮކްގައި، ކޯ މަތީގައި އަމިއްލަ އަތުން ހަޔާ ފިރުމާލި އެވެ.
"އަހާން... އަހަރެންގެ މޫނުމަތީގައި ތި ޖެހީ ހަމަ.. އަހާން.. ތަ؟" ޔަގީން ނުވެފައި ހަޔާ ސުވާލުކުރި އެވެ.
"ޔެސް...! ސަބަބުވެސް ވަރަށް ސާފު..! ހަޔާއާއިމެދު އަހަންނަށް މިހާތަނަށް ކުރެވުނީ ކުށް ހީއެއް.. އަހަރެން ހީކުރީ ތިއީ ވަރަށް ރަގަޅު ކުއްޖެއްކަމަށް.. އަހަރެން އުއްމީދުކުރީ ހަޔާއަށް އަހަރެން ވަރަށް ރަގަޅަށް އިނގޭނެކަމަށް.. އެކަމަކު ނޫން..! ކުޑަކޮށްވެސް ހަޔާ އަހަންނަށް އިތުބާރެއް ނުކުރޭ.. އަހަރެންގެ މިޒާޖާ އަހަރެންގެ ތަބީއަތާއި ބެހޭގޮތުން ކުޑަމިންވަރެއްވެސް ހަޔާއަށް ނޭގޭ... އަންހެން ކުއްޖަކު އަނެއް އަންހެން ކުއްޖަކަށް ކުޑަވެސް އިހްތިރާމެއްނެތި ތިދަރަޖައަށް ބަހުރުވަ ދިޔުމަކީ ވިސްނާލަންޖެހޭކަމެއް.. އެފަދަ ކުއްޖެއްގެ ހިތް ދުވަހަކުވެސް ތޯހިރުނުވާނެ.. ތެންކިއު ފޯ ޕްރޫވިންގ މީ ރޯންގް..! މިހިސާބުން، އިތުރު އެއްވެސްކަމެއް ހަޔާއަށް އޮޅުންފިލުވައި ދިނުމުގެ ބޭކާރު މަސައްކަތް އަހަރެން މި ހުއްޓާލީ.. އަހަރެންގެ ގެއިން، ވީ އެންމެ އަވަހަކަށް ހަޔާ ނިކުތުން އެދެން.. އޭގެ ކކުރިން، އަހަރެންގެ އަނބިމީހާ ކިއާރާ ނާސިހްގެ ކިބައިން މައާފަށް އެދެންޖެހޭނެ..!!!" ޖުމުލައިގެ ފަހުބައި އަހާން ބުނީ ކިއާރާއާއި ދިމާއަށް ބަލައިލާފަ އެވެ.
ފެންކަޅިވެފައި ކިއާރާއަށް ބަލައިލެވުނީ އަހާންއާއި ދިމާއަށެވެ. ހިތުގައި ޖަހައިލި ވިންދު އަހާންއަށް އަޑުއިވޭނެނަމަ ކިހައި ރަނގަޅުހެއްޔެވެ؟
"މިގޭގައި އުޅޭކަށް އަހަރެންވެސް ބޭނުމެއް ނޫން.. އައި އެމް އޯލްސޯ ޑަން ވިތް ޔޫ..! އަހަރެން ދުވަހަކުވެސް މިހިރަ ރާއްޖެތެރޭ ނާތަހުޒީބު އަންހެން މީހާ ކައިރީން މާފަކަށް ނޭދޭނަން.." ހަޔާގެ ޖުމުލައާއެކު ކިއާރާ ބާރަށް ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުލައްޕައި ތަޅުލައިފި އެވެ.
"އަހަރެން ހީކުރީ އަހަރެންގެ ހިތުގައި ކޮންމެވެސް ދުވަހަކުން ލޯބި އުފަންކުރާނެ މީހަކީ ހަޔާކަމަށް..! އަހަނންނަކީ ލޯތްބަށް އިހްތިރާމްކުރުމާއެކު ލޯބި ގަބޫލުކުރާނެ މީހަކަށްވުމުގެ ހަމައެކަނި ވަސީލަތަކަށްވާނީ ހަޔާކަމަށް އަހަރެން ވަރަށް އުއްމީދުކުރިން.." ނާއުއްމީދާއެކު އަހާން ބުނެލި އެވެ.
"ލަވް- އެންޑް- ޔޫ..!؟ އަހަރެން މިއުޅެނީ ދިރިއުޅުމުގައި ކުރާނެ ކަމެއް ނެތިގެންތަ؟ ލޯތްބާއި،ސސސ ކައިވެންޏަށް އަހާންގެ ޔަގީންކަން އުފައްދަން ހިތްވަރުކޮށް މަސައްކަތްކުރާކަށް އަހަންނަށް ވަގުތެއް ނެތް..! އަހަންނަކީ ބޭނުމެއްނެތް ކަންކަމަށް ވަގުތު ބޭކާރުކުރާ މީހެއް ނޫން.." ނަފްރަތާއެކު އަހާންއާއި ދިމާއަށް ބަލައިލަމުން ހަޔާ ދުވެފައި ދިޔައީ އަހާންގެ ކޮޓަރިއަށެވެ.
ކަބަޑުގެ ތެރެއިން ހެޔޮވަރު ސައިޒެއްގެ ފޮއްޓެއް ނަގާފައި އެއަށް އޭނާގެ ސާމާނުތައް އަޅައިގެން ފޮށި ދަމަމުން ތިރިއަށް ފޭބީ އުނދަގުލުންނެވެ. ގެއިން ނިކުތުމުގެ ކުރިން، ފޮށި ގާތްކޮށްލާފައި ސިޓިންގ ރޫމްގައި ހުއްޓި، ފަހު ފަހަރަށް އަހާންގެ މޫނަށް ބަލައިލާފައި ހަޔާ ނިކުމެގެން ހިނގަށްޖެ އެވެ.
..................
ނިއްކުރީގައި ހިފަހައްޓާފައި އަހާން އިށީނީ ސޯފާގަ އެވެ. ދެލޯ ފުރިފައިވަނީ ކަރުނައިން އެވެ.
"ރަހުމުކުޑަކަމާއި އަމިއްލަ އެދުމުން ފުރިފައިވާ މީހަކު ނޫނީ މި އަނިޔާވެރި ދުނިޔޭގައި ނުވޭ.. އެއްވެސް ގުޅުމެއްގައި އަގެއް ނެތް.. އެއްވެސް ގުޅުމަކީ ހަގީގަތެއްވެސް ނޫން.. އިތުބާރާއި އިހްތިރާމަކީ ހަމައެކަނި ވާހަކަ ލިޔުންތެރިންގެ ހިޔާލީ ފޮލާއެއް.. އަނެއްކާވެސް ސާބިތުވެގެން މިދިޔައީ ލޯތްބަކީ ވުޖޫދުގައިވާ އެއްޗެއް ނޫންކަން..!" ވަރުބަލިކަމާއެކު އަހާންގެ ހަށިގަނޑު ސޯފާއަށް ދޫކޮށްލި އެވެ.
..................
ދޮރުގައި ޓަކިޖަހާތާ އިރުކޮޅެއްފަހުން ދެ ލޯ ފޮހެމުން، ކިއާރާ އައިސް ދޮރު ހުޅުވައިފި އެވެ. އިރުކޮޅަކު ދޮރުމަތީގައި ހުރެލާފައި އަހާން ވަނީ އެތެރެއަށެވެ.
"ވަރަށް ބޮޑަށް މައާފުކުރޭ ކިއާރާ... ހަޔާގެ ހަރަކާތްތައް ބެހެއްޓިގޮތުން އޭނާގެ ފަރާތުން އަހަރެން މައާފަށް އެދެން.. މިއޮއް ހުރިހައި ދުވަހު އަހަންނަށް އޭނާއާއިމެދު ހީކުރެވުނީ ރަގަޅަކަށް ނޫން.. އަހަރެނ.." އަހާންގެ ޖުމުލަ ނިންމާން ކިއާރާ ފުރުސަތެއް ނުދދިނެ އެވެ.
"އައި އެމް ސޮރީ އަހާން.. އަހަރެންގެ ސަބަބުން ތި ދެމީހުން ދޭތެރޭގައި ތިވަރުގެ ކަންތައްތަކެއް ހިގައި ދިޔައީތީ ވަރަށް ލަދުގަނެ، ވަރަށް ދެރަވަން.. އެހާ ގިނަދުވަސްވީ ގުޅުމެއް އަހަރެންގެ ސަބަބުން މިފަދަ ގޮތަކަށް ނިމިގެންދިޔާމާ ވަރަށް ދެރަވެއްޖެ.. އަހަރެން ހަޔާ އާއި ބައްދަލުކޮށްފައި މައާފަށް އެދޭނަން.. އަދި ކަންތައްވެގެން ދިޔަ ގޮތް ހަޔާއަށް ކިޔައިދޭނަން.." ކިއާރާގެ މައުސޫމު ސިކުނޑިއަށް ވިސްނުނު އެންމެ މޮޅުގޮތް އަހާންގެ ކުރިމަތީގައި ހުށަހެޅި އެވެ.
"ނޫން.. ނޫން.. އިތުރަށް މިގުޅުން ކުރިއަށް ގެންދާކަށް އަހަރެން ބޭނުމެއް ނޫން.. އަހަރުމެން ދެމީހުން ދެމެދު އޮތް ގުޅުމަށް ހަޔާ ކުޑަކޮށްވެސް އިހްތިރާމެއް ނުކުރި.. އޭނާގެ ކުރިމަތީގައި އެ ގުޅުމުގެ އަގެއް ނެތް.. އެހެންނޫންނަމަ، އަހަރެންގެ ވާހަކަތަކަށް އޭނާ ފުރުސަތު ދިނީސް.. އަހަރުމެންގެ ގުޅުމަކަށްވެސް އަދި އަހަންނަށްވެސް ހަޔާ އިތުބާރެއް ނުކުރި.. އިތުބާރެއް ނެތް ގުޅުމެއްގައި އުއްމީދެއް ނުވާނެ.. އުއްމީދެއް ނެތް ކަމެއްގައި ދެމިހުންނާނީ ކިހިނެއް..؟ ލެޓް ހަރ ގޯ..!" އަހާންގެ ނިންމުން މިފަހަރުވެސް ކިއާރާގެ ބަސް ހުއްޓުވި އެވެ.
އިރުކޮޅަކު ވިސްނާލަން ހުރެފައި ކިއާރާ ބުނެލި ޖުމުލައިން އަހާން ގާތަށް ހިނިއަ އެވެ.
"ބަޓް—ޔޫ—ލަވް—ހަރ..!؟" ކިއާރާ ބުނެލީ ހުވަފެނީ ގޮތަކަށެވެ.
"ލަވް—އިޓްސް—އޯލް—ބލ**! އަހަރެން އެކަކުދެކެވެސް ލޯތްބެއް ނުވޭ.. ހަގީގަތުގައި ލޯތްބަކީ ކޮބާ..؟ އެއީ އަހަރެން ދަންނަ އެއްޗެއް ނޫން.. އެހެންވީމާ މިކަންކަމާ ކިއާރާ މާބޮޑަށް ވިސްނާނެކަމެއް ނެތް.. އަރާމުކޮށްލާ..! އެންޑް ޕްލީޒް.. ޑޯންޓް ކްރައި! އައި އެމް ރިކުއެސްޓިންގ ޔޫ..!" ތަފާތު ގޮތަކަށް ކިއާރާއަށް ބަލައިލަމުން އަހާން ނިކުމެގެން ހިގައްޖެ އެވެ.
..................
"އަހާންއަކީ ހިތްހެޔޮ އޯގާތެރި މީހެއް.. މިއަދު އަހަރެންގެ ހައްގުގައި އަހާން ނިންމި ނިންމުމަކީ، އަލަށްދިމާވި އަހަރެންކަހަލަ، 'ނުދަންނަ' މީހަކަށްޓަކައި ކޮންމެ ކޮންމެ މީހަކު ކުރާނެކަހަލަ ކަމެއް ނޫން..! އިތުބާރާއި އިހްތިރާމަކީ އަހާންގެ ކުރިމަތީގައި ކިހައި މުހިއްމު އެއްޗެއްކަން އަހަންނަށް މިއަދު އެގިއްޖެ.. އަހާންގެ ހިތުގައި ލޯތްބާއި ގަދަރާއި އޯގާތެރިކަމުގެ އިހްސާސް އުފަންކުރުވުމަކީ އަހަރެންގެ ޒިންމާއެއްކަމަށް ނިންމައިފީން..! ކައިވެންޏަކީ ދުނިޔޭގައި ލެއްވި އެންމެ މާތް ގުޅުން.. އެކަމަކު، އެ ގުޅުމަށް އަހާން ނަފްރަތުކުރާ ސަބަބަކީ ކޮބާ..؟" ކިއާރާގެ ސުވާލަކީ އަޑުއިވުނު ކަންފަތަށް މުހިއްމު މައުލޫއެކެވެ. އެކަން އޭނާއަށް އެގެން މާގިނަ ވަގުތެއް ނުނެގި އެވެ.
"އެއީ ސަރގެ އާއިލާގެ ސަބަބުން..! އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ސަރގެ މަންމައާއި ބައްޕަ..! ސަރ އެންމެ ތުއްތު އިރުންފެށިގެންވެސް ފެނިފައި ހުންނާނީ ދެމަފިރީންގެ އަރާރުންވުމާއި ޒުވާބާއި ތަޅާފޮޅާ މަންޒަރު.. އެއީ ކޮންމެ ދުވަހެއްގެ އާދަ.. އޭގެ ސަބަބުން ކުޑަކުޑަ އަހާންގެ ހިތުގައި އެ ގުޅުމާއިމެދު ބިރު އުފެދި، އެބިރުގެ މައްޗަށް އިތުބާރު ގެއްލި ނަފުރަތަށް ބަދަލުވެގެންދިޔައީ އަހަރުމެންގެ ކުރިމަތީގައި... އަހަރެންނަކީ މި ގޭގައި އެންމެ ގިނަދުވަސްވީ މެއިޑް... އަހަރެން މިގެއަށް ފުރަތަމަ އައިއިރު މެޑަމް، އަހާން ސަރއަށް ބަނޑުބޮޑު.. ކުޑަކުޑަ ދަރިޔަކު މައެއްގެ ލޯތްބަށް އެދި ރެއާއި ދުވާލު ރޮމުން، އިންތިޒާރުކުރި މަންޒަރު އަހަރެންގެ މި ދެލޮލުން ދުށިން..!" ކިއާރާއަށް ބަލައިލާފައި މެއިޑް އިސްޖަހައިލި އެވެ.
"އެކަމަކު ކައިވެނީން ބޭރު ނުހައްގު ގުޅުންތައް ކުރިއަށްގެންދިއުމުގައި މެޑަމް އަވަދިނެތި އުޅެމުންދިޔައީ އެހެން ކަމެއް މެޑަމްގެ ހަޔާތުގައި މުހިއްމު ނޫންކަން ހަރުއަޑުން ބުނެދެމުން.. އެންމެފަހުން އެކަން ހައްދުންނެއްޓި، ގެއަށް ގެނެސް އެ ގުޅުންތައް ބަދަހިކުރަމުންދިޔައީ ފާޅުގައި އެންމެންގެ ލޯކުރިމަތީގައި..! އެންމެ ފަހުން އަހާންގެ މައިންބަފައިންގެ ޒުވާބު ބޮޑުވެ، އެ ކައިވެނި ރޫޅިގެންދިޔައީ ވަރަށް ހުތުރު ގޮތަކަށް..! އޭގެ ފަހުން އެފަދަ އެއްވެސް ގުޅުމަކަށް ސަރ އިތުބާރެއް ނުކުރޭ..!" މެއިޑްގެ ވާހަކަތައް ކަނުލާއަހަށް ކިއާރާ އިނީ، ބަސް ހުއްޓިފަ އެވެ.
"ލިބޭ ހިތްހަމަޖެހުމަކީ އެހުރިހައި މަންޒަރެއް ލޮލުންދެކި ރެއާއިދުވާލު އެކަންކަން އިހްސާސްކޮށްފައިވިޔަސް، ސަރގެ ކިބައިގައި އެފަދަ ނޭއްގާނީ އެއްވެސް ސިފައެއް ނެތީތީވެ...! މައިންބަފައިންގެ މިޒާޖުން އެފަދަ ހުތުރު ލައްގަނޑެއް އަހާން ސަރގެ ލޭގައި ޖެހިފައިނުވާކަމަށްޓަކައި ހަމްދާއި ޝުކުރުކުރަން..! ސަރގެ މިޒާޖުގައި ތަފާތުގޮތްތަކެއް ހުއްޓަސް، އެއީ ވަރަށް ހިތްހެޔޮ އެހެން މީހުންގެ މައްޗަށް އޯގާތެރި އިންސާނެއް..! އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން ސަރގެ ހިތުގައި ލޯބީގެ ވިންދެއް ޖަހުވާލަދޭނެ ތެދުވެރި ބައިވެރިޔަކު މިންވަރުކުރައްވާނެކަމަށް.." ތަފާތު ގޮތަކަށް ކިއާރާއަށް ބަލައިލަމުން މެއިޑް ބުނެލީ އުއްމީދީ ޖަޒްބާތެއްގަ އެވެ.
"ގިނަ ފަހަރު، އަޅުގަނޑުމެންނާއިވެސް ވާހަކަދައްކާނީ ތަންކޮޅެއް އަޑުހަރުކޮށް.. ބައެއް ފަހަރު ވަރަށް ހަރުކަށިވެސް ވާނެ.. އެކަމަކު އެންމެންގެ މައްޗަށްވެސް ވަރަށް ހިތް ސާފްވާނެ.. ކިއާރާ މެޑަމް މިގެއަށް އައިފަހުން މިގޭގައި ދިރުމެއް ހުރިކަމުގެ އިހްސާސް އަޅުގަނޑުމެންނަށްވެސް ކުރެވޭ.. އެހެންނޫނީ މިބޮޑު ގަނޑުވަރުގައި އަޅުގަނޑުމެންނާއި އަނގައިންބުނާނެ މީހަކުވެސް ނޫޅޭނެ... އަޅުގަނޑުމެން ވަރަށް އުފާވޭ މެޑަމްއާއި ސަރ ވާހަކަދައްކާއަޑުން ގޭތެރެއަށް އުފާވެރިކަން ލިބޭތީ..! މިއީ އަޅުގަނޑުމެންނަށްވެސް ތަފާތު އިހްސާސެއް..." ބަދިގޭގައި ކެއްކުމުގެ މަސައްކަތުގައި މެއިޑުންނާއެކު ކިއާރާ ހަރަކާތްތެރިވަމުން ސެލަޑްއަށް ބޭނުންވާ ހުރިހާ ސާމާނެއް ކޮށުމުގައި އަވަދިނެތި އުޅުނެވެ.
އަހާންގެ ގެއަށް އައިތާ ދެހަފުތާ ނުވަނީސް، އެންމެންނާއި ގުޅިގެން ގޭތެރޭގެ އެފަދަ ކަންކަމުގައި ކިއާރާ ހަރރަކާތްތެރިވާން ފެށި އެވެ.
.............
ސިޓިންގރޫމުން އަޑެއް އިވޭހެން ހީވުމުން ކިއާރާއަށް ބަލައިލެވުނީ ބަދިގޭ ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިއަށެވެ. (ނުނިމޭ)