މޭޔަރު އާޒިމް މިހެން ވިދާޅުވީ ހުޅުމާލޭ ކެޓް ޝެލްޓާ ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށް ދާގޮތް ބައްލަވާ މީޑިއާތަކަށް މައުލުމާތު ދެއްވަމުންނެވެ.
ބުޅަލުގެ މައްސަލައަކީ މާލެ ސިޓީއިން ދެކޭގޮތުގައި މާލޭ ސިޓީ ރައްޔިތުންނަށް ދިމާވެފައިވާ އޮތް ވަރަށް ބޮޑު ދަތިކަމަކަށް ވާއިރު އެއީ އަވަސް ހައްލެއް ހޯދަން ޖެހޭ މަސައްކަތެއްކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ކަމަށް ކެމްޕޭން ކުރަމުން ދިޔައިރުގައި އެނަމެ ގިނަ ރައްޔިތުން އެދުނު އެއްކަމަކީ މާލޭ ސިޓީގައި މަގުތައް މަތީގައި ދޮވެފައިވާ ބުޅާތައް ނައިގައިގެން އެމީހުންނަށްވެސް ރައްކާތެރި މާހައުލެއް ދީ އެކަން ކޮށްދެއްވުމަށް އެދުނު އެދުން ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.
ބުޅާތައް ހިފުމަކީ ވަރަށް ޓެކްނިކަލަ މަސައްކަތެއް ކަަމަށާއި އެއްވެސް ބުޅަލަކަށް އަނިޔާއެެއް ލިބޭގޮތަށް ހިފައިގަނެގެން ގެންނައުން އެއީ އެންމެ ރަނގަޅުގޮތް ނޫންކަަމަށް އާޒިމް ފާހަގަކުރެއްވި އެވެ.
ބުޅާތަކަށް ހާއްސަ ކޮށިތަކެއް ޝެލްޓާގައި ހުރިއިރު ވަކިން ބޯޑު ތިން ކޭޖެއް ހުންނާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. ކެޓް ޝެލްޓާ ހެދިފައި ހުރީ ހިތްފަސޭހަކޮށް ބޮޑެތިކޮށް ކަަމަށާއި އެކި ކަހަލަ ކަންތައް ދިމާވެފައި ހުރި ބުޅާ އެތަނަސް ލެވިގެން ދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އަމާޒަކީ 4 އަކާ 6 މަސްތެރޭ ހުރިހާ ބުޅަލެއް ޝެލްޓާއަށް ގެނެވި ރަަނގަޅު މާހައުލެއް ބިނާކޮށް، މާލެ ބުޅަލުގެ ނަޖިހުން ސަލާމަތްކުރުން ކަމަުގައި އާޒިމް ވިދާޅުވި އެވެ.
ކެޓް ޝެލްޓާގެ ތައްޔާރިތައް ބެއްލެވުމަށް މޭޔަރުު އާޒިމްގެ އިތުރުން އެގްރިކަލްޗާ، އެނިމަލްވެލްފެއާގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާވެސް ބައިވެރިވަޑައިގަތެވެ.
ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމްކުރި ކެޓް ޝެލްޓާ ރަސްމީކޮށް އިފްތިތާހު ކުރުމަށް ހަަމޖެހިފައިވަނީ ނޮވެމްބަރު 2 ގައެވެ. އަދި ހުޅުމާލެ ފަރުކޮޅުފުށީގައި ގާއިމުކުރާ ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ އެގްރިކަލްޗާ މިނިސްޓްރީން ހަމަޖައްސާފަ އެވެ.
މަގުމަތީގައި އުޅޭ ބުޅާތައް ނެގުމުގެ މައިގަނޑު އަމާޒަކީ އެކިއެކި ސަބަބުތަކާ ހުރެ ބުޅާތަކަށް ލިބޭ ގެއްލުންތަކުން އެ ބުޅާތައް ސަލާމަތް ކުރުން ކަމަށް މިނިސްޓަރު ރަމީލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ބުޅާތަކަށް ހާއްސަ ޝެލްޓާތަކެއް އަޅަން ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފަ އެވެ. އެތަން ނިމޭއިރު، ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ.