މުސްތަފާ ޕީއެސްއެމްގެ ވަޒީފާއިން ވަކިކޮށްފައިވާ ކަން ޕީއެސްއެމްގެ އިސްވެރިއަކު ވަނީ "ސީއެންއެމް" އަށް ކަށަވަރުކޮށްދީފަ އެވެ.
އޭނާ ވިދާޅުވީ މުސްތަފާ ވަޒީފާއިން ވަކިކުރަން ނިންމުން އައީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.
ޕީއެސްއެމް ގައި ވަޒީފާ އަދާކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުސްތަފާ ވަޒީފާއިން ވަކިކުރިއިރު އޭނާ ހުންނެވީ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގަ އެވެ.
އޭނާ ޕީއެސްއެމުން ވަކިކުރީ ކޮން ސަބަބަކާ ހެދިކަން އެ ކުންފުނިން ނުބުންޏަސް ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެވޯޑު ހަފްލާގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު "އަދަދު" ނޫހުގެ "ސްކީލާން" ޑޮކިއުމެންޓްރީ ޕީއެސްއެމް އިން ދެއްކި މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު އެމަނިކުފާނަށް ބޮޑެތި ތުހުމަތެއް ކުރައްވާފައިވާ އެއްޗެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ނެރުނު އެ ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސް އޭރު ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ.
ޕީއެސްއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެވޯޑް ލިބޭ ކެޓަގަރީތަކާއި އެ ކެޓަގަރީތަކަށް ނޮމިނޭޓު ވެފައިވާ ފަރާތްތަކާއި އެވޯޑް ލިބޭ ފަރާތްތައް ދުރާލައި އެ ކައުންސިލްގެ އިސްވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ޕީއެސްއެމްއިން ލައިވް ކަވަރޭޖް ހަދާ ޙަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖްތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭ އިރު، ޕީއެސްއެމްއަށް ކުރިން އެންގުމެއްނެތި ކުއްލިއަކަށް ހަފްލާގެ ތެރޭގައި ވީޑިއޯ ދެއްކުމަކީ ގަސްތުގައި ދުރާލާ ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ޕީއެސްއެމުން ދެއްކުމަށް މީޑިއާ ކައުންސިލުން ކުރި ކަމެއް ކަމަށް އެ ކުންފުނިން ދެކޭތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ޕީއެސްއެމްގެ ބަޔާނުގައިވެ އެވެ.
މީޑިއާ ކައުންސިލުން ދޭ އެވޯޑުތަކަކީ އެ ކަމަށް ޚާއްސަ އެވޯޑު ކޮމިޓީގެ މެމްބަރުން ފިޔަވައި ކައުންސިލުގެ އެއްވެސް މެމްބަރަކަށް ވެސް އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކާއި ނޮމިނޭޝަންތައް އަދި ލިބޭ ފަރާތްތައް ވެސް ސިއްރުކުރެވިގެން ދޭ އެއްޗެއް ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.