އުތުރުގެ ރަށެއްގައި، އޮޅުވާލައިގެން ކައިވެނި ކުރި މި މައްސަލައަކީ މީގެ ދެ އަހަރެއްހާ ދުވަހުގެ ކުރިން ހިނގި ކަމެކެވެ. އެ މައްސަލައިގައި އެ އަންހެން މީހާގެ މައްޗަށް ޖަލު ހުކުމެއް އިއްވީ މިދިޔަ މަހުގެ ތެރޭގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޅުވާލައިގެން އަންހެން މީހާ ކައިވެނިކުރިއިރު، އޭނާ އިނީވެސް ބަލިވެއެވެ. އެކަމަކު އޭނާ އެ މައުލޫމާތު ކޯޓަށް އޮޅުވާލައިގެން ކައިވެނިކުރިކަން ސާބިތުވީ، ކައިވެންޏަށް ހަތަރު މަސް ނުވަނީސް ދުވަސްފުރައި ވިހެއުމުންނެވެ. މި މައްސަލައިގައި އަންހެން މީހާ ވިހައި ގަދަވަމުން، އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ، ކޯޓަށް ދޮގު މައުލޫމާތު ދީފައިވާތީ، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި ޒިނޭ ކުރުމުގެ ދައުވާ އުފުލާފަ އެވެ.
ޝަރީއަތުގައި އަންހެން މީހާވަނީ އޭނާ އޮޅުވާލައިގެން ކައިވެނިކުރިކަމަށް އިއުތިރާފުވެފައެވެ. އެއާއި އެކު އޭނާގެ މައްޗަށް ޒިނޭގެ ކުށްވެސް ސާބިތުވިއެވެ.
ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި އަންހެން މީހާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ޝަރީއަތުން ވަނީ އެ ހުކުމް، އެއް މަސް ދުވަހަށް ގޭބަންދު ކުރުމާއި އެކު 8،400 ރުފިޔާގެ ޖޫރިމަނާއަކަށް ލުއިކޮށްދީފައެވެ. ޒިނޭ ކުރުމުގެ ކުށް ސާބިތުވުމުން އޭނާގެ މައްޗަށް އިއްވާފައިވަނީ 100 އެތި ފަހަރުން ހައްދު ޖެހުމާއެކު އެއް އަހަރު ދުވަހަށް ގޭބަންދު ކުރުމަށެވެ.