ads
އޯއައިސީއާއި ކޮޕް29 އަށް ރައީސް ފުރާވަޑައިގަންނަވަނީ
އޯއައިސީއާއި ކޮޕް29 އަށް ރައީސް ފުރާވަޑައިގެންފި
ސައުދީގައި އޮންނަ އޯއައިސީ ސަމިޓަށާއި، އަޒަރުބައިޖާންގައި ކުރިޔަށްދާ ކޮޕް-29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފިއެވެ.
Advertisement

އޯއައިސީ ސަމިޓުގައި ބައިވެރިވަޑައިގަތުމަށް ސައުދީއަށް ރައީސް ޑރ މުއިއްޒު ކުރައްވާ ދަތުރުފުޅަކީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް ކުރައްވާ ދަތުރުޅެކެވެ. 

މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ހޫތޫރާތްތެރި މައްސަލަތަކާމެދު، ސަރަހައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސް ޑރ ،މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސައޫދީ އަރަބިއްޔާގެ ރިޔާޒުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށްކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައިސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި އަޑުއުފުއްލަވައި، އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރަވައި، ޕަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާމުންކަމަށެވެ. ސަރަޙައްދީ ސުލްހަ އާއި ޢަދާލަތަށް ގޮވާލެއްވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ސާބިތުކަމަކީ، މި މައްސަލައިގައި އަނިޔާ ލިބެމުންދާ މީހުންނަށް ދިވެހިން ކުރާ ތާއީދުގެ ހެއްކެއްކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

ހޯމަ ދުވަހު ބާއްވާ ސަމިޓުގެ ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. 

އޯއައިސީގެ ސަމިޓަށްފަހު ރައީސް ޑރ މުއިއްޒު ދެން ވަޑައިގަންނަވާނީ އަޒަރުބައިޖާނުގެ ބޫކާގައި އޮންނަ ކޮޕް-29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. ސައުދީން އަޒަރުބައިޖާނަށް ރައީސް ފުރާވަޑައިގަންނަވާނީ މިމަހުގެ 12 ދުވަހުއެވެ. މިމަހުގެ 11 އިން 22ގެ ނިޔަލަށް އަޒަރުބައިޖަންގެ ވެރިރަށް ބާކޫގައި އޮންނަ ކޮޕްގެ ސަމިޓްގެ މިއަހަރުގެ ޝިއާރަކީ "އިން ސޮލިޑޭރިޓީ ފޯރ އަ ގްރީން ވޯލްޑް" މިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް