ބަންގުލާދޭޝްގައި ދަރިވަރުން އިސްނަގައިގެން ކުރި މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އެއީ "އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް" ކަމަށް ތުހުމަތުކޮށް އެ ޖަރީމާގައި ހަސީނާ ބައިވެރިވި ކަމުގެ ތުހުމަގުގައި އެ ގައުމުގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް (އައިސީޓީ) އިން އޭނާ އަންނަނީ ހޯދަމުންނެވެ.
ހަސީނާ ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު ބަންގްލަދޭޝްގެ އެންމެ މަތީ މަގާމު ފުރުއްވައިފަ އެވެ. އޭނާގެ އެ 20 އަހަރު ސިފަކޮށްފައިވަނީ، ހިޔާލުތަފާތުވުންތައް ހަރުކަށިކޮށް ކޮންޓްރޯލްކޮށް، ހުދުމުހުތާރު ލީޑަރެއްގެ ގޮތުގަ އެވެ.
ހަސީނާ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވި ހަމަނުޖެހުންތަކުގައި 700 އަށް ވުރެ ގިނަ މީހުން މަރުވި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ބެލެވޭ އެތައް ބަޔަކު ވަނީ ހަސީނާގެ ވެރިކަން ވެއްޓުމާ އެކު ހައްޔަރުކޮށްފަ އެވެ.
އިންޓަޕޯލްގެ މެންބަރު ގައުމުތަކުން ރެޑް ނޯޓިސް ތަންފީޒުކުރަނީ އެ ގައުމުތަކުގެ ގާނޫނުތަކާ އެއްގޮތަށެވެ.
އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)އަކީ 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ޝަރީއަތް ހިންގުމަށް ހަސީނާގެ ސަރުކާރުން 2010 ވަނަ އަހަރު އުފެއްދި ޓްރައިބިއުނަލެކެވެ.
އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެނީ ގައުމުތަކުން ހައްޔަރު ކުރުމުގެ އަމުރަކާ އެކު ނޯޓިސް ނެރެދިނުމަށް އެދުމުންނެވެ. ހަސީނާ ހައްޔަރުކުރުމަށް ބަންގްލަދޭޝްގެ ކޯޓުން ވެސް މިދިޔަ މަހު ވަނީ އަމުރު ނެރެފަ އެވެ.
އުމުރުފުޅުން 77 އަހަރުގެ ހަސީނާ ބަންގްލަދޭޝް އިން ފިއްލެވި ފަހުން އާންމުންގެ ތެރެއިން ފެނިފައެއް ނުވެ އެވެ. އެކަމަނާ އެންމެ ފަހުން ފެނުނީ އިންޑިއާގެ ވެރިރަށް ދިއްލީ ކައިރީގައި އޮންނަ އަސްކަރީ ވައިގެ ބަނދަރަކަށް ހެލިކޮޕްޓަރުން ފޭބިތަނެވެ.
އެކަމަނާ އިންޑިއާގައި ކުޑަ ދުވަސްކޮޅަކު މަޑުކުރައްވާނެ ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް އެހެން ތަނަކުން ހިމާޔަތް ހޯއްދެވުމަށް ކުރެއްވި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކަމަނާ އިންޑިއާގައި ދާއިމަށް ހުންނެވުމަކީ ބަންގުލާދޭޝްގެ އާ އިންތިގާލީ ސަރުކާރާ އެކު މަސައްކަތް ކުރުމުގައި ދިއްލީއަށް އޮތް ގޮންޖެހުމެކެވެ. ބަންގްލަދޭޝްގެ ގިނަ ބަޔަކު ރުޅި އަންނަނީ އިންޑިއާ އިން އޭނާއަށް ހިމާޔަތްދޭތީ އެވެ.