ދައުލަތުން އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށައަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓްގެ ބަހުސްތައް މަޖިލީހުގައި ފެށީ އިިއްޔެއެވެ. އެހެންނަމަވެސް ބަޖެޓް ތަފްސީލު ފޮތް ލިބުމުގައި ލަސްތަކެއްވުމުން ބަޖެޓް ފޮތަށް އަހަލުވެރިވުމަށް އިއްޔެ ޖަލްސާގައި ބަހުސް މާ ގިނައިރު ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.
ބަޖެޓަށް ވާހަކަ ދައްކަން ބޭނުންވާ ހުރިހާ މެމްބަރުން ވާހަކަ ދައްކާ ނިމެންދެން މިއަދުގެ ޖަލްސާ 11 ޖަހަންދެން ކުރިޔަށް ގެންދިޔުމަށް ފާސްކުރީ 52 މެމްބަރުންގެ ތާއީދުންނެވެ. އަދި މާދަމާވެސް ބަހުސް ކުރިޔަށް ގެންދަން މަޖލީހުގެ ޖަލްސާ ބާއްވަން ވަނީ ނިންމާފައެވެ.
ބަޖެޓަށް ބަހުސްކުރުމަށް ކޮންމެ މެމްްބަރަކަށް 15 މިނެޓް ދިނުމަށް މަޖލީހުގެ އާއްމު ކޮމެޓީން ވަނީ ނިންމާފައެވެ.
ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓާރު މުސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ބެޖެޓުގައި ހަރަދުގެ ގޮތުގައި ހިމެނެނީ 49.2 ބިލިއަން ރުފިޔާކަމަށެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާކަމަށް ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ބަޖެތްގައި ދަރަނި ދެއްކުމަށް 3.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ކުންފުނިތަކަށް ކެޕިަޓަލް ދޫކުރުމަށް 378 މިލިއަން އަދި ލޯނު ދޫކުރުމަށް 3.2 ބިލިއަން ވަނީ ކަނޑައަޅާފައެވެ.
ޒަމީރު ވިދާޅުވީ ލޯން ދޫކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން 1 ބިލިއަން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ގެދޮވެރިކަމުގެ ލޯން ދޫކުރުމަށްކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ފާސްކޮށްްފައެވެ.