ސައިބާ އެކްސްޕޯ 2024 ވެބްސައިޓް ލޯންޗުކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސައިބާ ސްޕޭސްގެ ހާލަތު މިހާރު އޮތްގޮތް ވަޒަންކުރަން ޖެހޭ ކަމަށެވެ.
އެގޮތުން، މި ސަރުކާރާ ހަވާލުވެގެން އައި އިރު ސަރުކާރުގެ އެކި އިދާރާތަކަށް ސައިބާ ތްރެޓްސް އައި މިންވަރާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެ ދޭތެރެއިން ތްރެޓްސް އަންނަވަރު މިހާރުވެސް ވަޒަން ކުރަންޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިފަދަ އިހްތިފާލެއް އިހްތިފާލުވެގެން އަންނައިރުގައި، މިދާއިރާގައި މިރާއްޖޭގައި މިވަގުތު ޒިންމާވާ ހުރިހާ ފަރާތްތަކުން މިހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާކަމީ އެހަފްލާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޒައާމަތާ ޑޮކްޓަރު މުހައްމަދު މުއިްޒް ހަވާލުވެވަޑައިގަތުމާ ހިސާބުން ފެށިގެން، އެވަގުތު ރާއްޖޭގެ ސައިބާ ސްޕޭސްގެ ހާލަތު އޮތްގޮތް ވަޒަންކުރެވި ރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީން އެންމެ ފުރަތަމަ ނިންމެވި އެއްނިންމެވުމަކީ ރާއްޖޭގައި މިކަމަށް ހާއްސަކޮށް އިދާރާއެއް ގާއިމުކުރުން ކަމަށް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވިއެވެ.
އަދި އެހިސާބުން ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އުފެއްދެވީ ކަމަށާއި އޭރު ވެސް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ރާއްޖޭގެ ސައިބާ ސްޕޭސް ސެކިއުއާ ކުރުމަށްޓަކައި އެއިދާރާތަކުގެ ލަޔާގަތާ ގާބިލުކަން ހުރި މިންވަރުން އެމަސައްކަތް ދިޔައީ ކުރަމުން ކަމަށް އިހުސާން ވިދާޅުވިއެވެ.