ސެޕްޓެމްބަރު މަހުގެ 19 ވަނަދުވަހު ހއ. ހޯރަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަންކަރިންގެ ހިދުމަތް ރަސްމީކޮށް ފަށާދިނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހއ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ ފަސް މެމްބަރުންނެވެ.
ސަރުކާރަށް އަހަރެއްވާތީ އެކަން ފާހަގަކުރަން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ދީގެން މިހާތަނަށް އެސްޓީއޯއަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ.
އޮފްޝޯ ހިދުމަތެއްގެ ގޮތުގައި މިހާރު ދެމުން އަންނަ ބަންކަރިންނަށް ބޭނުންވާ ބަނދަރު ހެދުމަށް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަޝްރޫއުގެ ދަށުން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ލިބިފައިވާކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ބަންކަރިން މަޝްރޫއު އެސްޓީއޯއިން ހިންގަނީ ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކުއެވެ. މި ކަމަށް 4000 ޓަނު ތެޔޮ އުފުލޭ ދެ ބޯޓް އެސްޓިއޯއިން ވަނީ ގެނެސްފައެވެ.
ރާއްޖޭގެ އުތުރުގެ ސަރަހައްދުން 300 އާއި 450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓު ފަހަރު ދަތުރުކުރަމުންދާކަމަށާއި އޭގެތެރެއިން އެއް ޕަސެންޓަށްް ބަންކަރިން ހިދުމަތް ދިން ނަމަވެސް ފުރަތަމަ އަހަރުވެސް ރާއްޖެއަށް 400 މިލިއަން ޑޮލަރު ނުވަތަ ހަ ބިލިއަން ދިވެހި ވަންނާނެކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ. އަދި މި ފައިސާ އަންނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޖީޑީޕީއަށް އިތުރުވެގެންދާނެކަމަށްވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ.