މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ އަންނަ އަހަރު ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފެށުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައި އެކަމަށް ރައީސް އޮފިހުގައި ބޭއްވި ހާއްސަ ރަސްމިޔާތުގައި ވާހަަކަދައްކަވަމުންނެވެ.
ރައްޔިތުންގެ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑް ޕްރިންޓް ކުރެވި، ދޫކުރެވި އަދި އޭގެ އިތުރުން ޕާސްޕޯޓް ދޫކުރެވޭ ނެ ހިދުމަތް ފެށިގެން ދިޔުމަކީ ރައީސް ޑރ.މުހައިްމދު މުއިއްޒުގެ ރިޔާސި ވައުދުފުޅެކެވެ.
އިހުސާން ވިދާޅުވީ އައިޑީ ކާޑަކީ ރައްޔިތުންގެ މުހިއްމު މައުލޫމާތެއް އޭގައި ހިމެނޭ އެއްޗެއްކަަމަށާއި އަދި ޑާޓާ ބޭސް އަކީ ވަރަށް ރައްކާތެރިކަމާއެކު ބެހެއްޓިގެން ދާ ޑޭޓާ ބޭސްއެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅަކުން މިފަދަ ހިދުމަތެއް ދޭން ބަލާއިރުގައި މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އައިޑީ ކާޑް އަދި ޕާސްޕޯޓް ފަދަ ސެކިއުއާ ޑޮކިއުމެންޓޭޝަންތައް ބައިނަލްއަގްވާމީ މިންގަނޑުތަކާއެއްކޮށް ބެލެހެއްޓޭނެ މިންގަނޑު ގާއިމްކުރުމަކީ ސަރުކާރަށް އޮތް ބޮޑު ޗެލެންޖަކަށް އޭރު ވެގެން ދިޔަ ކަމަށް އިހުސާން ވިދާޅުވިއެވެ.
ނިމިގެންދިޔަ ސަރުކާރުތަކުގައިވެސް އެކަން އެގޮތަށް ނުކުރެވި އޮތީ އެފަދަ ގޮންޖެހުންތަކުން އަރާ ނުގަނެވިގެން ކަމަށާއި އެހެންނަަމަވެސް ރައީސް ޑރ. މުއިއްޒުގެ ދުރު ވިސްނުން ފުޅާއެކު މިއަދުގެ މި ހޯމް މިނިސްޓްރީ އެކުލަވާލިއިރު އޮތީ ދައުލަތުގެ މައުލޫމާތު ބެލެހެއްޓޭނެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް ކަަމަށް ވުމާއެކު އެކަމަށް ފަސޭހަކަމާއެކު މަގު ފަހިވެގެންދިޔަ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެހެންކަމަށްވުމާއެކު މައުލޫމާތު ރައްކާތެރި ވެގެންދާނެ ކަމަށާއި އެއްވެސް އިތުރު ކާޑެއް ޕްރިންޓްއެއް ނުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ކާޑެއް މަލްޓިޕަލްކޮށް ޕްރިންޓްއެެއް ނުކުރެވޭނެ ހެން އެކަންކަން ވާނީ މިނިސްޓްރީން ޔަގީންކޮށްފައި ކަމަށް އިހުސާން ވިދާޅުވި އެވެ.
މާލެ ފިޔަވާ މިހާރު އައީޑީ ކާޑު ހަދާދިނުމުގެ ހިދުމަތް ފަށާފައިވަނީ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގައެވެ. ޕާސްޕޯޓް ހަދާދިނުމުގެ ހިދުމަތް ފަށާފައިވަނީ ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއްގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫ ގައެވެ.
އަންނަ އަހަރު ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފެށުމަށް ނިންމާފައިވާއިރު އެކަން އެކި ހިސާބުތަކުގައި ފެށިގެން ދާނެ ތާރީހްތައްވެސް ހޯމް މިނިސްޓްރީން މިއަދު ވަނީ އާއްމުކޮށްފަ އެވެ.