ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރުމަށް 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން ފެށި މަޝްރޫއުގައި ޓެބްލެޓް ހޯދަން ހަވާލުކުރީ މެކްސްކޮމް ޓެކްނޮލޮޖީސްއާއެވެ. އެ މަސައްކަތުގެ ދަށުން 71،000 ޓެބްލެޓް ހޯދިއެވެ.
އެތަކެތި ހޯދުމަށް ހަވާލުކުރީ 151 މިލިއަން ރުފިޔާއަށެވެ. އެހެންނަމަވެސް އެތަކެތި ސަޕްލައިކޮށްދޭން މުއްދަތެއް ވުރެ ލަސްކުރިކަމަށް ބުނެ މަސައްކަތުގެ އަގުން 23.6 މިލިއަން މެކްސްކޮމްއަށް ނުދީ އޮތީ ހިފަހައްޓާފައެވެ. އެއީ މަސައްކަތުގެ 15 އިންސައްތައަށް ވާ އަގެވެ.
މި ފައިސާ ހޯދުމަށް އެކުންފުނިން އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ސިވިލްކޯޓުގައި ދައުވާކުރި މައްސަލަ ނިންމާ އިއްވި ހުކުމުގައިވަނީ އެ ތަކެތި ސަޕްލައިކޮށްދޭންޖެހޭ މުއްދަތަށް ސަރުކާރުން އެކި ފަހަރު މަތިން ލުއިދީފައިވާ ކަމަށެވެ. އަދި އެ ތަކެތި ހަވާލުކޮށް ނިންމަންޖެހޭ މުއްދަތު ޖޫން، 2018 އާ ހަމައަށް އިތުރު ކުރިކަމަށާއި އޭގެ ފަހުން ލަސްވެގެން ސަރުކާރުން ޝަކުވާ ކޮށްފައި ނުވާކަމަށެވެ.
ސިވިލްކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް މެކްސްކޮމް އެކަން ނިންމާފައިވާކަމަށެވެ. އަދި އެ ފައިސާ ނުދީ ހިފެހެއްޓުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހުކުމުގައިވެއެވެ.
އެހެންކަމުން އަންނަ ދޭންޖެހޭ 23.6 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ދައްކާ ހަލާސްކުރުމަށްވެސް ވަނީ އަންގާފައެވެ.