މި ބިލަކީ މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ އަދި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލެކެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ.
ހަންނާން މީޑިއާގައި ވިދާޅުވީ އެ ބިލް އަނބުރާ ގެންދަން ހުށަހެޅުއްވީ އެއީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކަމަށެވެ. މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތާއީދާ ނުލައި ބިލް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ހަންނާން ވިދާޅުވި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލަން ހުށަހެޅި އެ ބިލްގައި ވަނީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ސިޔާސަތެއް ނޫން ކަމަށެވެ. މީޑިއާތައް ކޮންޓްރޯލް ކުރާ ހިތްޕުޅު ނުވާ ކަމަށާއި ބޭނުންފުޅުވަނީ މީޑިއާތަކަށް މިހާރަށް ވުރެ ބޮޑަށް މިނިވަންކަން ދޭން ކަމަށް ވެސް ވިދާޅުވި އެވެ.
މިބިލާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކުގެ ސަބަބުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.
އިދިކޮޅު އެމްޑީޕީންވެސް ވަނީ މި ބިލާމެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މީޑިއާތަކުން ނުރުހުން ފާޅުކުރަމުން ދަނީ މީޑިއާތަކުގެ މިނިވަންކަން ގެއްލި، ސަރުކާރުން ކޮންޓްރޯލް ނަގާފާނެތީ އެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިސް ނަގައިގެން "ހަތަރެއްގެ ހައްގުގައި" ނަމުގައި ކެމްޕެއިނެއް ވެސް ވަނީ ފަށައިފަ އެވެ.