ads
ސިއްރު
ނޯޓް: ވާހަކަ ފެށިގެންދާނީ ތައާރަފްއާއި ހިސާބުންނެވެ.
Advertisement

ތައާރަފް

"ރިދީ"

"ރިދީ"

"ރިދީ"

ފުން ނޭވާއެއް ދޫކޮށްލީމެވެ. އަހަރެންގެ އެކުވެރިން އަހަރެން ވަށާލައިގެން ތިބެ ހިތްވަރުދެމުންދިޔަ އެވެ. ކޮންމެހެން މާ މުހިއްމު، ނޫނީ މާމޮޅުކަމަކަށް ހިތްވަރު ދެނީކީ ނޫނެވެ. ބައިވެރިނުވާން އެއްފަރާތްވެގެން ހުއްޓާވެސް، އެމީހުންގެ 'ޓުރުތް އޯ ޑެއަރގައި' އަހަރެންވެސް ގަދަކަމުން ބައިވެރިކުރީ އެވެ. އެމީހުންގެ ބަހުންނަމަ ލިބިފައި މިއޮތީ، 'އަ ސިންގަލް، ސްޓުޕިޑް ޑެއަރ' އެކެވެ.

އަހަރެންގެ ޑެއަރ ފުރިހަމަނުކޮށްވާނެ އެއްގޮތެއްވެސް ނެތެވެ. މަޅިޔަކަށް ވަދެވިއްޖެއްޔާ އެމަޅިން ސަލާމަތްވާންޖެހެ އެވެ. މި ނޫން ގޮތެއް މިވަގުތު ނެތެވެ. 

"އޯކޭ، އޯކޭ އައި އެމް ޑުއިން އިޓް!" އަހަރެންގެ ދޫ ހަރަކާތްކުރީ ކޮންފަދަ ބާރަކުންކަމެއްވެސް ނޭގެ އެވެ. ފަހުރުވެރިކަމާއެކު އުއްމީދީ ބެލުމަކުން ބަލަހައްޓައިގެން އަހަރެންގެ ތިން ރަހްމަތްތެރީން ދާދި ގާތުގައި ތިއްބެވެ. 

ޖީންސްގެ ޖީބުގައި އޮތް ފޯނުނަގާފައި ބާރަށް ހިފަހައްޓާލީމެވެ. އަހަރެންގެ އަތުގެ ހުރިހައި އިނގިއްޔެއް ތުރުތުރުއަޅަނީ އެވެ. ނުތަނަވަސްވެ އަތް ދާހިއްލާފައި ވިޔަސް ފޯނުގެ ސްކްރީން އަހަރެންގެ މޫނާއި ސީދާކޮށްލާފައި އަންލޮކް ކުރީމެވެ. ކޮންޓެކްޓް ލިސްޓް ބެލުމުގެ ބަދަލުގައި އޭނާގެ ނަން 'ސަރޗް' ކޮށްލީމެވެ. 

"އިޓް ވޯޒް ޖަސްޓް އަ ޑެއަރ" އަހަރެންގެ އަމިއްލަ ސިކުނޑިއަށް ވިސްނައިދިނީމެވެ.

އެކަމަކު އޮޅުވާލަން މިއުޅެނީ ކާކަށް..؟ ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ އަމިއްލަ ނަފުސަށެވެ. މި ހިތް ދައްކާ ވާހަކަ އެހެން މީހަކަށް އަޑެއް ނީވޭނެ އެވެ. އެއީ އީތަން އެވެ.

އީތަން މުހައްމަދު މަނިކް އެވެ. އެ މީހަކު ދެކެ އަހަރެން ލޯބިވި ހަމައެކަނި އިންސާނާ އެވެ. 

އެއީ މެންދުރުގެ ހޫނުގަދަ އިރަށް ވުރެން، އަލިގަދަ ވިދުމަކުން ބަބުޅާ މޫނެކެވެ. އަހަރެންގެ ހިތްވަރުން އޭނާ 'މީހަކަށް' ހެދީމެވެ. އޭނާގެ މަސައްކަތުން އަހަރެން ފަނާކޮށްލި އެވެ. ފަހަތަށް ފިޔަވަޅެއް އަޅާފައި އަހަރެންގެ ރަހުމަތްތެރީންނަށް ބަލައިލީމެވެ. އެންމެ ފަހު ހިތްވަރެއްގެ ގޮތުގައިވެސް ބޯ ދެފަރާތަކަށް ހަރަކާތްކޮށްލާފައި ނޫނެކޭ ބުނުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް ބެދިފައިވާ މަޅީގެ ކޮޅެއް މެދެއް ފަސޭހައިން އަތަކު ނުޖެހޭނެ އެވެ. ހަމްދަރުދީއާއެކު ލުއި ހިނިތުންވުމަކުން އެކުވެރިން އަހަންނަށް ބަލައިލުން ފިޔަވައި އިތުރު އެހީތެރިކަމެއް ނުދިނެވެ. 

ހިންދިރުވާލާފައި އަހަރެންގެ ހިތްވަރުގައި ހަށިގަނޑު ސީދާކޮށްލީމެވެ. ސްކްރީނުން ފެންނާން އޮތް ނަމަށް ބަލާލާފައި ނަމްބަރަށް ގުޅާލީމެވެ.

ރިންގް

ރިންގް

ރިންގް

އިވެމުންދިޔަ ކޮންމެ ރިންގަކާއެކު އަހަރެންގެ ހިތުގެ ތެޅުން ގަދަވަމުންދިޔަ އެވެ. އަހަރެންގެ ކޮނޑުގައި މަޑުމަޑުން ފިރުމާލިހެން ހީވެގެން ބަލައިލީމެވެ. އެކަމުންވެސް މިވަގުތު އަހަންނަށް ލުޔެއް ނުލިބުނެވެ. ހިތައް އެރި އެވެ. ޑެއަރއެއް ވިޔަސް އަދި އެނޫން ގޮތަކަށްވިޔަސް މިކަން ކުރާން އަހަރެން އެއްބަސްވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ކުރެވުނު ތަޖުރިބާ މަދީހެއްޔެވެ؟

"ހެލޯ" އޭނާގެ އަޑު އަހަރެންގެ ކަންފަތާއި މުޅި ހަށިގަނޑަށް ގުޑުން އަރުވާލި އެވެ. ފޯނު ކަންފަތާއި ދުރަށް ޖައްސާލެފިވިޔަސް ހަށިގަނޑުގެ ހުރިހައި ހިމަލޯލިތައް ކޮޅަށް ޖެހިއްޖެ އެވެ. 

ހަމަ އެ 'ހަސްކީ' އަޑެވެ. ފިރިހެންވަންތަކަމާއި އެ އިޝްގީ ރާގާއި އެ 'ސ*ސ' އަޑަށް ބަދަލެއް އައިސްފައެއްވެސް ނެތެވެ. އަހަރެންގެ ކަރު ބެއްދިއްޖެ އެވެ. ދެކަންފަތް ބައްވެއްޖެ އެވެ. ދެ ލޮލުން ހޫނު އާވި އަރަން ފަށައިފި އެވެ. މުޅި ހަށިގަނޑު ތުރުތުރުލާން ފަށައިފި އެވެ.

އެއް އަހަރު ފާއިތުވީ އެވެ. މިއަދުވެސް ކަންފަތާއި ސިކުނޑިއާއި މުޅި ހަށިގަނޑު ގުޑުގުޑުއަޅަމުން އެދަނީ އެއަޑަށެވެ. އެއީ އެއް އިރެއްގައި އަހަރެންގެ އަމާންކަމެވެ. ނުތަނަވަސް ކޮންމެ ހިނދެއްގައި އަހަރެންގެ ރައްކާތެރިކަމެވެ. ރެއާއި ދުވާލުގެ މިހިތުގެ ހަމަޖެހުމެވެ. އެކަމަކު މިއަދު އަހަރުދުވަސް ފަހުންވެސް، ހޮނު ގުގުރިއަކަށްވުރެން އެއަޑު އަހަންނަށް ބިރުވެރިވެއްޖެ އެވެ.

ދެ ލޯ މަރައި ތަގުޅިކޮށްލީމެވެ. ހުރިހައި ހަނދާނެއް އަހަރެންގެ ސިކުނޑި ހަލަބޮލިކޮށްލި އެވެ. ދެކެން ބޭނުން ނުވާ ހުރިހައި މަންޒަރެއް އަހަރެންގެ ލޮލުގެ ކުރިމަތީގައި އުދުހެން ފަށައިފި އެވެ. އަހަރުމެންގެ ގައިގޯޅި ލޯބީގެ ހުރިހައި ބީހިލުމެއް އަހަރރެންގެ ނާރުތަކުގައި ދިރެން ފަށައިފި އެވެ. އެ ބީހިލުންތަކާއި ލޮބުވެތި ހަރަކާތުން އަހަރެންގެ ތުންފަތް ތުރުތުރުލާން ފަށައިފި އެވެ. އާއެކެވެ. މުޅި ހަށިގަނޑު ތުރުތުރުއަޅަނީ އެވެ.

އެކުވެރިޔަކު އަހަރެންގެ ކޮނޑުގައި ފިރުމާލި އެވެ. ކުރަން ހަވާލުވެފައިވާ މަސައްކަތް ހަނދާންކޮށްދިނުމަށެވެ.

"ހެ- ހެ - ލޯ.." ފުންނޭވާއެއްލާން މަސައްކަތްކުރީމެވެ. ހީކުރެވުނު ވަރަށްވުރެންވެސް އަހަރެންގެ އަޑު މާ މަޑެވެ. 

އަހަރެންގެ އަޑު ފާހަގަކުރެވުމުން އޭނާ ކަންކުރާނީ ކިހިނެއްބާ އެވެ. 

"ޔެސް، ހޫ އިޒް ދިޒް..؟" ހަރުކަށިކަމާއެކު އޭނާ ސުވާލުކުރި އެވެ. ހަށިފުރައި ފުންނޭވާއެއްލަމުން އަހަރެންގެ ކަނދުރާ ފަހަތައް ތިރިކޮށްލީމެވެ. އޭނާއަށް އަހަރެންގެ އަޑު ފާހަގަކުރާކަށް ނޭގުނެވެ. 

ހަގީގަތުގައިވެސް މިއަދު އޭނާއަށް މި އަޑު ފާހަގައެއް ނުކުރެވުނެވެ.

ހިތަށް ކުރި އަސަރު، އެންމެ ހިމަނާރަށްވެސް ތަދުކޮށްލި އެވެ. އަހަރެންގެ ލޮލުގެ ކަރުނަވަޅާއި އެސްފިޔަތައް ތެތްކޮށްލި އެވެ. އެކަމަކު މިވަގުތަށް އެކަރުނަ އަހަރެން ސިއްރުކުރީމެވެ. 

"ގާސިމް އިބްރާހީމް ތޯ ވާހަކަދައްކަވަނީ..؟" ހުރިހައި އިހްސާސެއްގައި އޮބިއަޅައި ފޮރުވާފައި، އަހަރެންގެ އާދައިގެ ރާގުގައި ސުވާލުކުރީމެވެ. ރަހްމަތްތެރިންގެ ހިނިގަނޑު ފަޅައިގެން ހިނގައިދާނެތީ އެމީހުންގެ އަނގަމަތީގައި ބާރަށް އަތް އެޅިތަން އަހަރެން ދުށީމެވެ.

ހިތުގެ އެންމެ އަޑިން އާދޭސްކުރެވެމުންދިޔައީ އަހަރެންގެ އަޑު އީތަން ދެނެގަތުމަށެވެ. 

"ނޫން- ނުބައި ނަންބަރަކަށް ތިގުޅީ" ހަރުކަށިރާގުގައި އޭނާ ބުނެލިއަޑު އިވުނެވެ.

އަހަރެންގެ އަޑު އޭނާއަށް ނޭގުނެވެ. އެކަމަކު، އެކަން އެހެންވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ އަޑު އޭނާއަށް އޮޅޭހައި ދުވަސް ވެއްޖެ ހެއްޔެވެ؟

މުޅި އުމުރަށް އަހަރެން ދެކެ ލޯބިވުމަށް އެނާވަނީ ވައުދުވެފަ އެވެ. ފާއިތުވީ އެންމެ އަހަރެކެވެ. އަހަރެންގެ އަޑުވެސް ފާހަގަކުރާން ނޭގި ހަނދާން ނެތުނީ ހެއްޔެވެ؟

އަހަރުމެންގެ ލޯބި އެހައި ބަލިކަށީ ހެއްޔެވެ؟ 

"އޯހ.. ސޮރީ.." އަހަރެން ބުނީމެވެ.

ފޯން ކެނޑިފައިވާކަން އަހަންނަށް ރެއަކާލާންވެސް ވަގުތުކޮޅެއް ނަގައިފި އެވެ. ތަސައްލީއަކަށް އެދެމުން ކުދިނޭވާތަކެއް ބޭރުކުރީމެވެ. ދެއަތް ދެއަތަށް ކާއްތާލީމެވެ. މޫނައި ދެއަތް އަޅާފައި ހޫނު ނޭވާތަކުން މޫނުގެ ފިނިކަން މައިތިރިކުރެވޭތޯ މަސައްކަތްކުރީމެވެ. 

އޭނާ އަހަރެންދެކެ ލޯބިވި އެވެ. ނޫން ހެއްޔެވެ؟

ވަށައިގެންވާ އެއްވެސް މަންޒަރެއް ނުފެނެ އެވެ. ރަހްމަތްތެރި އަތްތަކުން އަހަރެންގެ ބުރަކަށީގައި ފިރުމަމުންދިޔަ އެވެ. އޯގާތެރި ބަސްތަކުން ހިތްވަރުދެމުން ދިޔަ އެވެ. އެކަމަކު، އިހްސާސްތައް ނުހިފެހެއްޓުނެވެ. ގިސްލެވިއްޖެ އެވެ.

"އަހަރުމެންނަށް މައާފްކުރޭ.. ޕްލީޒް.. ސޮރީ..!" އެމީހުންނަށް އަހަރެން މައާފުނުކުރަންވީ ސަބަބެއް ނެތެވެ. އަހަރެންގެ އިހްސާސްތައް އެމީހުންނާއި ހިއްސާކުރާން ބޭނުމެވެ. އަހަރެން ތަހަންމަލް ކުރަމުންމިދާ ކަންކަން އެމީހުނަކަށް ނޭގޭނެ އެވެ. ނަމަވެސް އެ ހުރިހައި ނުތަނަވަސްކަމެއް މިވަގުތުވެސް ބޭރުވީ ކަރުނައިގެ ސިފައިގަ އެވެ. 

"ހީ ޑަ ޒަ ން ޓް ރެ މެ މް ބަރ މީ އެނީމޯ.. އައި... ހީ.. ލަވްޑް މީ..!!؟؟" ވާހަކަދައްކަން އަހަރެން ވަރަށް ހިތްވަރުކުރީމެވެ.

އަހަރެންގެ މަތީން މިހައި އަވަހަށް އޭނާ ހަނދާން ނައްތައިލީ ކިހިނެއް ހެއްޔެވެ؟ އަހަރެން ކަންތައްކުރީ ރަގަޅަށް ނޫންކަން މިއަދުވެސް ގަބޫލުކުރަމެވެ. އެކަމަކު އޭނާވެސް ކަންތައްކުރީ ރަގަޅަކަށް ނޫނެވެ. ވަރަށް އިހާނެތިކޮށެވެ. އެކަކު އަނެކަކަށް ބޭވަފާތެރިވުމަށް އަހަރުމެން ދެމީހުން ޖެހި ސަކަރާތުގައި އަހަރުމެންގެ ތެދުވެރި ލޯބިވެސް ފަނާވީ ހެއްޔެވެ؟

އެކަމަކު އަހަންނަށް ހީކުރެވިފައި އޮންނަނީ ހަގީގީ ލޯތްބަކީ ދުވަހަކުވެސް ފަނާވުމެއް ނެތް އެއްޗެއް ކަމަށެވެ. އޭނާގެ ހިޔާލްތައް އެންމެ ހިދުކޮޅަކަށްވެސް އަހަންނާއި ވަކިނުވެ އެވެ. އެއީ އަހަރެން ބޭނުންވާ ގޮތެއްވެސް ނޫނެވެ. އެކަމަކު އަހަރެންގެ ހަޔާތުގައި އެންމެ އުވާފެރި މަންޒިލަކީވެސް އެއީ އެވެ. އޭނާގެ ހަނދާންތަކެވެ. އަހަރުމެންގެ ލޯބީގެ ހަނދާންތަކެވެ. 

އަހަންނަށް އިނގޭ، އޭނާ އަހަރެންދެކެ ރުޅިއައިސްފައިވާކަން.. އަހަރެންގެ ސަބަބުން އޭނާގެ ހިތުގައި ޖެހިފައިވާކަންވެސް އަހަންނަށް އިގޭ.. އަހަރެންގެ ކުށް ގަބޫލުކުރަން.. އަހަރެންގެ އިހްސާސްތަކަކީވެސް އެއީ.. އެކަމަކު މިހައި އަވަހަށް އަހަރެންގެ މަތީން އޭނާ ހަނދާން ނެތުމަކީ އަހަރެން ދުވަހަކުވެސް އުއްމީދުކުރި އަދި ހިތަށްއެރި ކަމެއްވެސް ނޫން.. ފާއިތުވެގެން ދިޔަ މާޒީގައި އެ ހަނދާންތަކާއި އެ ރިހުމުން އަހަރެންގެ ކިތައް ރޭގެ ނިދި ގުރުބާންވެގެންދިޔަކަން އަދަދުކުރާކަށް އަހަންނަކަށް ނޭގެ އެވެ.

އަހަންނަކީވެސް އޭނާއަށްޓަކައި ވަގުތީ މަންޒިލަކީ ބާވަ އެވެ. ނުވަތަ ބޭނުންކޮށްފައި އެއްލައިލާ ޓިޝޫއެއް ފަދަ ހޮވުމެއް ބާވަ އެވެ.

އަހަރެންގެ ނުތަވަސްކަމާއި ރިހުންދެނިވި ހިޔާލްތަކުން ސިކުނޑި ތަޣައްޔަރުވަމުން ދިޔަ އެވެ. ހިޔާލަށް ނުގެންނާންޖެހޭ ކިތަންމެ ކަމެއް ސިކުނޑިއާއި ހިތުގެ އެކުވެރިން ކަމުގައި ދެކެވެން ފަށައިފި އެވެ. ހީކުރެވުނީ އޭނާވެސް އަހަރެންދެކެ ކޮންމެވެސް ސިފައެއްގައި ލޯބިވި ކަމަށެވެ.

މޮޔައެއްފަދައިން ހިތާއި ޖިސްމު ހަދިޔާކޮށް އަހަރެން އޭނާދެކެ ހަގީގީ ލޯބި ވީމެވެ. 

އޭނާދޫކޮށްލެވުނު ކަމަށްޓަކައި ފާއިތުވެގެންމިދާ ކޮންމެ ދުވަހަކު އަހަރެންގެ ނަފުސަށް އަހަރެން ލައުނެއް ދިނީމެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ހުންނާނެ ބާރެއް ނެތި، ވަގުތީ އިހްސާސްތަކުގެ ނުފޫޒުން އޭނާ ދޫކޮށްލާފައި ފަސްދެވުނުކަމަށްޓަކައި އަހަރެން ކުރާ ހިތާމަ އެހެން މީހަކަށް ނޭގޭނެ އެވެ. އެކަމަކު މިވަގުތު ހިތަށް އަރަނީ، އެދުވަހު އަހަންނަށް ކަންތައް ކުރެވުނީ އެންމެ ރަގަޅަށެވެ. 

އެދުވަހުގެ ނިންމުން ރަގަޅުކަމުގެ އިހްސާސް މިވަގުތު ކުރެވެން ފަށައިފި އެވެ. އާއެކެވެ. އޭނާ ދޫކޮށްލާފައި ފަސްއެނބުރި ނުބެލުނުކަން އެއީ އަހަރެންގެ ނިންމުމެވެ. އެއީ އެންމެ ރަގަޅަށް އަހަރެން ނިންމި ނިންމުމެވެ. މިދެމެދުގައި 'ލޯބި' އޮތްކަން ނުވަތަ ނޫންކަން ނިންމާކަށް ނެތީމެވެ. އަހަރެންގެ މަތީން ޒައްރެއްގެ މިންވަރުވެސް އޭނާ ހަނދާންހުރިކަމުގެ އިހްސާސެއް މިވަގުތު އަހަންނަކަށް ނުކުރެވެ އެވެ. 

ގުޅުން ކެނޑިފައިވާ ލޯތްބެއްގެ އެންމެ ވޭންދެނިވި ހަގީގަތަކީ ދިރިހުރި އިންސާނަކަށްޓަކައި ތިބާގެ ފުރާނަ ގުރުބާންކުރެވިފައިވާކަމުގެ އިހްސާސެވެ. 

އަހަރެން މިއީ އެއްވެސް މީހަކަށް އޭނާއަކަށް ނުވި އެވެ. އަހަރުމެންގެ ލޯތްބާއި ދެޖިސްމުގެ ފުން އިހްސާސްތަކުގެ އަގެއްވެސް ނެތީ އެވެ.

ފަހަރެއްގައި، ފަހަރެއްގައި ވެދާނެ މިގުޅުމާމެދު އަހަންނަށް ދެކެވުނު ގޮތް ރަގަޅު ނޫނީކަމަށް.. ނުވަތަ އޭނާގެ ލޯތްބާއި މެދު އަހަރެންގެ ބަލިކަށި ހިތް މޮޔަވީކަމަށްވެސް ވެދާނެ އެވެ.

އަހަންނަކީ އޭނާގެ އެކުވެރިއަކަށްވުރެން ގާތްކޮށް، އޭނާ ނުދެކުނީކަމަށްވެސް ވެދާނެ އެވެ. ނުވަތަ އޭނާގެ މުވައްޒަފެއްގެ ހައިސިއްޔަތަށްވުރެން ބޮޑު ގޮތަކަށް އަހަރެންނާއިމެދު އޭނާ ނުދެކުނީކަމަށް ވުންވެސް އެކަށީގެންވެ އެވެ.

ހަގީގަތަކީ އަހަންނަކީ އޭނާގެ ވުމައްޒަފެއްކަމެވެ. ހަމައެކަނި އޭނާގެ "ޕަރސަނަލް އެސިސްޓެންޓް" އެވެ.

.............

ތައާރަފްގެ ދެ އަހަރުކުރި..

ރިދީގެ ހަނދާންތައް

އެތެރެއަށް ވަނުމުގެ ކުރީން ދޮރުގައި އަހަރެން ޓަކިޖަހައިލީމެވެ. އަދި ވަރަށް ފުންކޮށް ނޭވާއެއް ލާފައި ހަމަޖެހިލީމެވެ.

އެތައް ދުވަހަކަށްފަހު، އަހަންނަށް މިއަދު ގަޑިއަށް އާދެވުނީ އެވެ. މާނައަކީ އެ މޮންސްޓަރގެ ބިރުވެރި އަޑާއި އެ ނުރައްކާތެރި ބެލުންތަކުން އަހަރެން މިއަދު ރައްކާތެރިކުރައްވައިފި އެވެ.

ދޮރުމަތީގައި އަހަރެން ހުއްޓި ހުރީމެވެ. އެތަނުގައި މީހަކު އެބަހުރިކަން އޭނާއަށް އެނގެންދެން އަހަރެން މަޑުކުރީ އެވެ.

އޭނާގެ ކެބިންގެ ކޮންމެ ދިމާއަކުން ފެންނަނީ ކަޅުކުލައިގެ ފަރުމާތަކެވެ. ތަޅުމުގައި ޖަހާފައިވަނީ ހުދުކުލައި އޮމާން، ވިދުމެއްހުރި ސަންގުމަރުމަރު ހިލަ އެވެ. ކޮންމެ ފަރުނީޗަރެއްގެ ވިދުން ގަދަވެފައިވަނީ ކަޅުކުލައިގެ އެންމެ ޒަމާނީ އަގުބޮޑު ތަކެތީންނެވެ. އަހަރެންގެ އިސްކޮޅަށްވުރެން ދިގު ކަޅުލެދަރ ގޮނޑީގައި އޭނާ އިނީ ފުރަގަސްދިގެންނެވެ. 

އޭނާގެ މި ކެބިން ކިތަންމެ އަގުބޮޑުވެފައި ހިތްގައިމުވިޔަސް މިތަނަށް ވަނުމާއެކު ޖެހިލުންވެ އަހަރެންގެ ހިތް ތެޅެން ފަށަ އެވެ. އޭނާ ފެނުމާއެކު މި ހަށީގެ ކޮންމެ ލޭނާރެއް ޖެހިލުންވެ ލޭހިގުން އަވަސްވެ އެވެ. ނުތަނަވަސްކަމާއި ހިތް ބިރުގަތުމަކީ މި ކެބިންގެ އެންމެ ހާއްސަ ސިފަ އެވެ.

"މިސް ރިދީ..! މިއަދުވެސް ތިޔަ ހާޒިރުވީ ފަނަރަ ސިކުންތު ލަހުން..!"

ހަރުކަށިކަމާއެކު  ބުނެލަމުން ކަޅުކުލައިގެ ލެދަރ ގޮނޑި އަހަންނާއި ކުރިމަތިވާގޮތަށް އަނބުރާލި އެވެ. އަތުގައި އޮތް ފައިލް މޭޒުމަތީގައި ބާއްވާފައި އަހަންނާއި ދިމާއަށް ބަލައިލީ ދެ ލޯ ވައްކޮށްލާފަ އެވެ. ދެފައިކޮޅުން ވާގިދިޔަހެން ހީވެ، އަހަރެން އަރި އަޅައިލި އެވެ.

- ނުނިމޭ -

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް